އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރުމަށް ބާއްވަމުން އަންނަ މަޝްވަރާއިން ކުރިއެރުންތަކެއް ލިބިއްޖެ ކަމަށާއި، ރިޔާސީ ރޭހުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަނުކޮށް، އެހެން ޕާޓީއަކަށް ތާއީދު ކޮށްފާނެ ކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވައި، ޝާހް "ސަން"އަށް ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ބައެއް ސިޔާސީ ފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަމުން ދަނީ ރައްޔިތުންގެ ތެރޭ ނުތަނަވަސްކަން އުފެއްދުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީން ކުރަމުންދާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް ދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އަވަސް މުސްތަގުބަލެއްގައި ތަރުތީބުތަކަކާ އެކު ރަސްމީކޮށް އެ ހަރަކާތްތައް އިފްތިތާހް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ.

އަޅުގަނޑުމެންގެ ޕާޓީގެ ކޮންގްރެސްއިންނާއި ކައުންސިލްއިން ވެސް ވަނީ އެކަން ރަސްމީކޮށް ނިންމަވާފަ. މިވަގުތު ރައްޔިތުންގެ ތެރޭގައި ނުތަވަނަވަސްކަން އުފެއްފުމަށްޓަކައި ބައެއް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކައެއް އެއީ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު މިފަހަރު ވާދަކުރާނެ. ޖޭޕީން މިއޮތީ ހަމަ ވަރުގަދަކޮށް ގޮތުގައި.ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހް

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުންނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދައުވަތު ފޮނުއްވާފައި ވަނިކޮށެވެ. އެ ޕާޓީން ނިންމީ، ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެ ޕާޓީ އިސްވެ އޮވެ، ވާދަކުރާށެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާއިރު އެ ޕާޓީގެ ޓިކެޓު ގާސިމަށް ދިނުމަށް އެ ޕާޓީގެ ކޮންގްރެސްގައި ވަނީ ނިންމައިފައެވެ. އެހެންނަމަވެސް އަދި ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައެއް ނުވެއެވެ.

އެ ޕާޓީން އަންނަނީ ކޯލިޝަން ހަދަން އެމްޑީޕީގައި ރައީސް ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފެކްޝަނާ އެކު ވެސް މަޝްވަރާތައް ކުރައްވަމުންނެވެ. އެ ފެކްޝަނުން ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް، ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވައިފައެވެ.

އެކަމަކު، އެ ފެޖްޝަނުން ހުށަހަޅާވާފައިވާ ކަންކަމަށް ޕާޓީގެ ގިނަ މެންބަރުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް މީގެ ކުރިން ގާސިމްގެ އަރިސް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. އަދި، ރިޔާސީ ނިޒާމަށް ތާއީދު ކުރާ ކަމަށް މީގެ ކުރިން ގާސިމް ވަނީ އެތައް ފަަހަރެއްގެ މަތިން ވިދާޅުވެފައެވެ.

ފިކުރެއްގެ ދިރުމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރާތާ ގާތްގަނޑަކަށް ތިން ހަފުތާ ވެފައިވާއިރު، ޖޭޕީން ވަނީ ތިން މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލާ ހުށަހެޅުންތައް ދިރާސާކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.