03 May 2023, 11:10
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގައި ބޮޑު ވަފުދަކާއެކު ބައިވެރިވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ފެށި އޭޓީއެމް ބާއްވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ފެއާގައި މިފަހަރު ބައިވެރިވަނީ އެ ކޯޕަރޭޝަނުން މިހާތަނަށް ބައިވެރިކުރާ އެންމެ ބޮޑު ވަފުދު ކަމަށެވެ. އެގޮތުން ވިޒިޓް މޯލްޑިވްސްއާއެކު ޓްރެވަލް އަދި ޓޫރިޒަމްގެ 90 ކުންފުންޏެއް ތަމްސީލުކުރާ 200އަށް ވުރެ ގިނަ ބައިވެރިން އެ ފެއާގައި ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.
އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި ބައިވެރިވަނީ މެދުއިރުމަތީގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް، ރާއްޖޭގެ ޓްރެވަލް ޓްރޭޑާއި އަރަބި ޓްރެވަލް ޓްރޭޑާ ގުޅުވާލުމުގެ ފުރުސަތުތައް ހޯދައިދީ، މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މިއީ ރާއްޖެއިން ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކުރުމަށް ފަހު އޭޓީއެމްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގެ ދަތުރުފަތުރުގެ ސިނާއަތާ ގުޅުން ހުރި، އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. ފާއިތުވި 30 އަހަރު ދުވަހު ބާއްވާފައިވާ މި އަހަރީ އިވެންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އުފެއްދުންތަކާއި މަންޒިލްތައް ގަނެ ވިއްކާ ފަރާތްތަކާއި، ޓްރެވަލް ޓްރޭޑްގެ އިތުރުން ސީދާ ފަތުރުވެރިންނާ ގުޅުވައިދޭ އިވެންޓެކެވެ. އޭޓީއެމްގެ މަގުސަދަކީ ޓްރެވަލް އިންޑަސްޓްރީއަށް އެހީތެރިވުމާއި ވިޔަފާރީގެ މުހިންމު ގުޅުންތަކަށް މަގުފަހިކޮށްދިނުމެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު ވަނީ އޭޓީއެމްގެ މުހިންމުކަމާއި މެދުއިރުމަތީގެ މާކެޓުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ފުރުސަތުތަކެއް އޮތްކަން ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރުސީއިން އަރަބިއަން ޓްރެވަލް މާކެޓްގައި ބައިވެރިވުން -- ފޮޓޯ/ އެމްއެމްޕީއާރުސީ
ތޮއްޔިބްގެ ވާހަކައިގައި ވިދާޅުވީ އޭޓީއެމް 2023 އަކީ މެދުއިރުމަތީގައި ބާއްވާ އެންމެ މުހިންމު ޓޫރިޒަމް ފެއާ ކަމަށާއި، މިއީ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކާއި މީޑިއާ ޕްރޮފެޝަނަލުން އަދި އިތުރު އެތައް ބަޔަކު ހަތަރު ދުވަސް ވަންދެން އެއް ފުރާޅެއްގެ ދަށުގައި ނެޓްވޯކް ކުރުމުގެ ފުރުސަތު ލިބޭ ފެއާއެއް ކަމަށެވެ. އަދި މި ފެއާގައި ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް ނެޓްވޯކިން އާއި ކޮލަބްރޭޝަންގެ ގިނަ ފުރުސަތުތަކެއް ލިބެމުންދާކަމާ މެދު އެއްވެސް ޝައްކެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރު އޭޓީއެމްގައި ރާއްޖެ ތަމްސީލުކުރަނީ ރާއްޖޭގެ ތަފާތު ގަސްގަހާގެހި ފެންނަހެން ޒަމާނީ ޑިޒައިންތައް އެކުލެވިފައިވާ މުޅިން އާ ކޮންސެޕްޓަކަށް ފަރުމާކޮށްފައިވާ 429 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއްގައެވެ. ރާއްޖޭގެ ރީތި ރަށްތަކާއި ރާއްޖޭގެ ގުދުރަތީ މާހައުލު އިންސްޕިރޭޝަންއަކަށް ނަގައިގެން ފަރުމާކޮށްފައިވާ މި ސްޓޭންޑްގައި 90 ކޯ-އެގްޒިބިޓާ ކައުންޓަރާއި 53 ބީ2ބީ މީޓިން ޓޭބަލް ހިމެނެއެވެ.
އެ ފެއާގައި، ސީސައިޑް ފިނޮޅު ބާ، ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް، އެންއޯއޯއީ މޯލްޑިވްސް ކުނާވަށި އަދި އަދާރަން ޕްރެސްޓީޖް ވާދޫއިން ސްޕޮންސާކޮށްގެން، ސްޓޭންޑަށް ޒިޔާރަތްކުރާ ނަސީބުވެރި ފަސް ފަރާތަކަށް ރާއްޖެއަށް ހިލޭ ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ލިބޭ ގުރުއަތުލުމެށް ކުރިއަށް ގެންދިޔުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި ސްޓޭންޑަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި ގުދުރަތީ ރީތިކަން ދައްކުވައިދީ، ސްޓޭންޑަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކެއް ރާއްޖެއާ މެދު ޝައުގުވެރިވާ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ.
ލަގްޒަރީ، ހަނީމޫން، ރޮމޭންޓިކް، ފެމިލީ، އަދި އެޑްވެންޗާ ފަދަ ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓްތަކުގެ އިތުރުން މައިސް ޓޫރިޒަމް މި ފެއާގައި ވިޒިޓް މޯލްޑިވްސްއިން ޕްރޮމޯޓް ކުރާނެއެވެ.
އޭޓީއެމް 2023ގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނަށް ރާއްޖެއާއި އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމަށާއި ނެޓްވޯކް ކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ. އަދި ކޯ-އެގްޒިބިޓަރުންނަށް، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ތަޖުރިބާތައް ޕްރޮމޯޓް ކުރުމުގެ އިތުރުން، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ އެކު އާ ގުޅުންތައް ގާއިމްކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މީގެ އިތުރުން އޭޓީއެމް 2023ގައި ރާއްޖެ ބައިވެރިވުމުގެ ސަަބަބުން މެދުއިރުމަތީގެ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާވެ ވަރުގަދަ ވާނެއެވެ. އޭޓީއެމްގެ 2023ގެ ހަވާސާގައި 'މޯލްޑިވްސް މީޑިއާ މީޓް'ގެ ނަމުގައި ނޫސްވެރިންގެ ޚާއްޞަ ބައްދަލުވުމެއް ވެސް އެމްއެމްޕީއާރުސީއިން ވަނީ ބާއްވާފައެވެ.
އެމްއެމްޕީއާރުސީން ބުނީ، މެދުއިރުމަތީގެ މާކެޓަކީ ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ މުހިންމު ސޯސް މާކެޓެއް ކަމަށެވެ. އެހެންކަމުން، ރާއްޖެއަކީ އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ގާއިމްކުރުމަށާއި ބްރޭންޑް ވިޒިބިލިޓީ ދެމެހެއްޓުމުގެ ސްޓްރެޓެޖީގެ ދަށުން، މެދުއިރުމަތީގެ މާކެޓަށް އަމާޒުކޮށްގެން މުޅި އަހަރުގެ ތެރޭ މެދުނުކެނޑި ގިނަ މާކެޓިން ހަރަކާތްތަކެއް ހިންގަމުން ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ހިންގަމުންގެންދާ ކެމްޕޭންތަކާއި، މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ބޮޑެތި ޕަބްލިކޭޝަންތަކާއި މަޖައްލާތަކާއެކު ހިންގާ މާކެޓިން ކެމްޕޭންތަކާއި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕޭންތަކާއި ލީޑިން އެއާލައިންތަކާއެކު ހިންގަމުން ގެންދާ ޖޮއިންޓް މާކެޓިން ޕްރޮގްރާމްތަކާއި އެހެނިހެން ތަފާތު މާކެޓިން ހަރަކާތްތައް ހިމެނެއެވެ.
މިދިޔަ އަހަރު މެދުއިރުމަތިން ޖުމްލަ 21,127 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.