ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން އޭނާ އައިޖީއެމްއެޗްއަށް ޝިފްޓުކޮށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 15:17ގައެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓުގައި އަނިޔާވީ 20 އަހަރުގެ ޒުވާނަކަށެވެ.

އެ ޒުވާނާ މަރުވި ކަމަށް އިއްޔެ ސޯޝަލްމީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ފުލުހުންވަނީ އެ ކަން ދޮގުކޮށްފައެވެ.

މި އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، މަގުމަތީގައި ބައިވަރު ލޭ ހުއްޓެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.

މި ދުވަސްވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓުތައް ވަނީ ގިނަވާން ފަށައިފައެވެ.