24 Apr 2012, 18:15
ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތެއް ބިނާކުރެއްވުމަށާއި ޖަމާޢަތްތަކުގެ ޙަރަކާތްތަކަށް ޝައުޤުވެރިކުރުވުމަށާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެއްވުމުގެ މަޤްޞަދުގައި ހަ މަސް ދުވަހުގެ މަދަނީ ތަޢްލީމުގެ ކެމްޕޭނެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ، މި ކެމްޕޭނާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ކެމްޕޭން ހިންގޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، އަމާން ވެށްޓެއް ޤާއިމް ކުރުމާއި ޖަމްޢިއްޔާތަކުގެ ކަންކަން ހަރުދަނާ ކުރުމާއި، މަޢުލޫމާތުގެ ޙައްޤު ހޯދައި ލިބިގަތުމާއި، އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައިދީން އަނބުރާ މުޖްތަމަޢަށް ގެނައުމަށް އެކި ޕްރޮގްރާމްތައް ހިންގުމާއި ފުލުހުން ޒިންމާދާރު ކުރުވުމާއި، ރައްޔިތުން ޒިންމާދާރު ކުރުވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި އަދި މީޑިއާ މެދުވެރިކުރައްވައި މި ކެމްޕޭނުގައި ހިމެނޭ އެކި ބައިތައް ހިންގެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވި އެވެ.