މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން މޭ ދެއަކުން އިން ހަތަރަކަށް ކުރިއަށް ގެންދާ ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް (އެސްއައިއެންސީ) ފަށައިފިއެވެ.

އެސްއައިއެންސީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 100 މަންދޫބުން އަދި ފަންނީ މާހިރުންނާއި ދިވެހި ޒުވާނުންނަށް މަރުޚަބާ ކިޔާ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހާއްސަ ބައްދަލުވުމެކެވެ.

އެސްއައިއެންސީގައި 30 ފަންނީ މާހިރުންގެ ވާހަކަދެއްކުން، 10 ޕެނަލް ޑިސްކަޝަން، ތިން ނެޓްވޯކިން ރިސެޕްޝަން އަދި އޯޕަން ޓްރެކްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖައްވީ ސިނާއަތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޒުވާނުން ގުޅާލާ ބައްދަލުވުމެއްގެ ގޮތުގައެވެ.

މިގޮތުން ރާއްޖޭގައި މި ދާއިރާއާއި ގުޅުން ހުރި ޓެކްނޮލޮޖީ، ވިޔަފާރި އަދި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަކީ އެމްއެސްއާރުއޯގެ ހާއްސަ މަގްސަދެކެވެ.

އެމްއެސްއާރުއޯގެ ރައީސް މާދިން މަސީހު ވިދާޅުވީ އެސްއައިއެންސީ ފަށައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ފަރާތްތަކަށް މަރުޚަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްވީ ކޮންފަރެންސެއް ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. އުއްމީދަކީ ޒަމާނުއްސުރެ ދިވެހިން މިސްރާބު ބަލަމުން އަންނަ ތަރިތައް އަދި ޖައްވަށް އަލުން އުންމީދުގެ ނަޒަރަކުން އަދި ސައިންސެގެ ވިސްނުމަކުން ބަލައި ޖައްވީ ސިނާއަތަށް ދިވެހި އިލްމީ ޒުވާނުން ނިކުމެ ޖައްވުގެ ޓެކްނޮލޮޖީ އަދި ފުރުސަތުތަކުން ރާއްޖެއަށް ބިނާކުރަނިވި އީޖާދީ ހައްލު ހޯދައި މޫސުމީ ވިލުންވެރިކަން ހަރުދަނާކޮށް އަދި މިދާއިރާއިން ނަފާ ލިބިގަތުން. އެހެން ޖަޒީރާ ޤައުމުތަކާއި ވެސް މިހާރަށްވުރެ ގާތުން މަސައްކަތްކޮށް، އެކަކު އަނެކަކުގެ ކިބައިން ޢިބްރަތް ޙާޞިލުކޮށް ހިއްވަރު ހޯދާ، ޖައްވުގެ ޒަރިއްޔާއިން ކުރިއެރުމަށް ބާރުއެޅުން،" މާދިހު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ފާހަގަކޮށްލެވޭ ހާއްސަ މެހެމާނުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހޭސްވެލް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ޓޫރިޒަމް މިނިސްޓަރު ޢަބްދުالله މަޢުސޫމާއި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ފޯ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މިއީ ޖައްވީ އަދި މޫސުމަށް އަންނަމުންދާ ބަދަލުތައް ގުޅިލާމެހިގެންދާ މުހިންމު ދަޑިވަޅުކަމުން މިކަމުގެ މަންފާ މުޅި ދިވެހި މުޖްތަމައުއަށް ހޯދައިދިނުމަށް ޝައުޤުވެރިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

މި ކޮންފަރެންސާ ބެހޭ އިތުރު މައުލޫމާތު، އެ ބޭފުޅުންގެވެބްސައިޓަށްޒިޔާރަތް ކޮށްލުމުން ލިބޭނެއެވެ.