އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް، އާސެނަލުން ވަގުތީގޮތުން އަލުން އެއްވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެ ޕޮއިންޓުގެ ލީޑަކާއެކު އެއްވަނައަށް އާސެނަލް ޖެހިލި ނަމަވެސް، އެޓީމުން ވަނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ. ސިޓީން މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށްފި ނަމަ، އަނެއްކާވެސް އާސެނަލަށް އެއްވަނަ މަގާމު ގެއްލޭނެއެވެ.

އާސެނަލް އަތުން ބަލިވި ޗެލްސީއަށް މިސީޒަނަކީ ދަށް ސީޒަނެކެވެ. އާންމުކޮށް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނޭ ޗެލްސީ މިހާރު އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ. ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޗެލްސީއަށް 33 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

ރޭގެ މެޗުގައި އާސެނަލުން ޖެހި ތިން ގޯލު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ 35 މިނެޓުގެ ތެރޭގައެވެ. އާސެނަލުން ވަރުގަދަ ކުޅުމެއް ދެއްކި މެޗުގެ 18 ވަނަ މިނެޓުގައި ގްރެނިޓް ޖަކާ ދިން ބޯޅައަކުން އެޓީމަށް ލީޑު ހޯދައިދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ކެޕްޓަން މާޓިން އޮޑެގާޑެވެ.

އާސެނަލުން ވަނީ ކައިރިކައިރީގައި ދެ ގޯލު ޖަހައި، ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޖަކާ ދިން ބޯޅައަކުން އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އޮޑެގާޑެވެ. އަދި އޭގެ ތިން މިނެޓު ފަހުން އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސްއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް އާސެނަލުން ޗެލްސީގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން ބްރެޒިލް ޑިފެންޑަރު ގެބްރިއަލް މަގަލައެސް އާއި އިނގިރޭސި ފޯވަޑް ބުކަޔޯ ސަކާ އަދި ސްވިޒަލެންޑް މިޑްފީލްޑަރު ޖަކާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މަގަލައެސްގެ ހަމަލާ ގޯލު ލައިންމަތިން ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ދިފާއުކުރި އިރު، ޖަކާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ސްޕެއިން ކީޕަރު ކެޕާ އަރިޒަބާލަގައެވެ. އަދި ސަކާގެ ހަމަލާ ވެސް ޗެލްސީގެ ކީޕަރު ކެޕާ ވަނީ މަތަކޮށްފައެވެ.

މެޗުގައި ޗެލްސީން ޖެހި ގޯލު ފެނިގެންދިޔައީ މެޗުގެ 65 ވަނަ މިނެޓުގައެވެ. މެޗުގައި ޗެލްސީން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް ދިން ބޯޅައަކުން ޗެލްސީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ނޯނީ މަޑުއޭކޭއެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ޗެލްސީގެ ޖަރުމަން ފޯވަޑް ކައި ހަވާޓްޒް ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް މަތަކުރި އިރު، ޖަކާ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ކެޕާ ވަނީ މަތަކޮށްފައެވެ.