03 May 2023, 09:07
މިދިޔަ މަހުގެ އަށްވަނަ ދުވަހު ރިލީޒްކުރި ލަވް ރަންޖަންގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
ބަތަލާ ޝްރަދާ ކަޕޫރާއި ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ ފިލްމަކީ މި އަހަރު މިހާތަނަށް ރިލީޒްވި ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
ރަންބީރްއާއި ޝްރަދާ އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އަކީ ލަވް ފިލްމްސްއާއި ޓީ-ސީރީސް ފިލްމްސް ގުޅިގެން އުފެއްދި ފިލްމެކެވެ. ފިލްމު ނެޓްފްލިކްސްއަށް ޑިސްޓްރިބިއުޓް ކުރުމާ ގުޅިގެން ރަންބީރު ކަޕޫރު ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ފިލްމު ބަލާލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.
ތިއޭޓަރުތަކުގައި ފިލްމު ދައްކައިގެން ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުޙީބު ފިލްމު ސްޓްރީމް ކުރުމާ އެކު ވެސް ލިބޭނެ ކަމަށް ޔަގީންކުރާ ކަމުގައި ރަންބީރް ވަނީ ބުނެފައެވެ.
ބަތަލާ ޝްރަދާ ކަޕޫރު ބުނެފައިވަނީ މިހާރު ކޮންމެ ތާކު ތިބެގެން ވެސް އާއިލާ މެންބަރުން އަދި ރަހްމަތްތެރިންނާ އެކު ފިލްމު ބަލައިލެވޭނެ ކަމުގައެވެ. މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވާއިރު ޑައިރެކްޓަރު ލަވް ރަންޖަންގެ ޚިޔާލު ވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ.
ރަންބީރާއި ޝްރަދާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި، ކުރީގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ، ބޮނީ ކަޕޫރު އަދި އަނޫބަވް ސިންގް ބައްސި ހިމެނެއެވެ.
މީގެ އިތުރުން، އެކްޓަރު ކާތިކް އަރްޔަން އަދި ބަތަލާ ނުޝްރަތުގެ ހާއްސަ ފެނިލުމެއް މި ފިލްމުން ފެންނާނެއެވެ. ރަންބީރު ކަޕޫރު ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ފިލްމަކީ، ރަންބީރުގެ އެންމެ ފަހު ލޯބީގެ ފިލްމަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ރަންބީރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "އެނިމަލް"އިންނެވެ.