24 Apr 2012, 18:07
ނޮވެލްޓީ ބުކް ޝޮޕުން މި އަހަރުގެ މާޗް 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހިންގި "ނޮވެލްޓީ ބުކް ފެއާ 2012"ގެ ނަސީބު ވެރިއަކަށް އުމުރުން ދޮޅު އަހަރުގެ ރ. މާކުރަތު، ދުންފިނިގޭ އައިމިނަތު މިރުޒާ ހޮވިއްޖެ އެވެ.
މިއަދު ހަވީރު ސަލްސާ ރޯޔަލްގައި އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިރުޒާ އަށް 20،000 ޑޮލަރުގެ ޗެކު ހަވާލުކޮށްދެއްވީ ނޮވެލްޓީގެ ޖެނެރަލް މެނޭޖާ އަހުމްދު ނަޝީދެވެ.
އިނާމާ ހަވާލުވުމަށް ފަހު މިރުޒާގެ ބައްޕަ ބުނީ މިރުޒާގެ ނަމުގައިލީ ކިހާ އަދަދެއްގެ ކޫޕަނެއް ކަން ނޭނގޭ ކަމަށާއި ފެއާ އިން ކުރީ 2000ރ. ވިޔަފާރި ކަމަށެވެ.
"އަޅުގަނޑެއް ނޫން ވިޔަފާރި ކުރީކީ ރައްޓެއްސެއް ލައްވައި ވިޔަފާރި ކުރީ. ދެން ހުރިހާ ކޫޕަނެއް ފުރީ އަޅުގަނޑުގެ ދެދަރިންގެ ނަމުގައި،" އިނާމު ލިބުމުން އުފާވެފައި ހުރި މިރުޒާގެ ބައްޕަ ބުންޔެވެ. އިތުރަށް އޭނާ ބުނީ ބޭނުމީ ލާރިން ގިނަ ދުވަހަށް ފައިދާ ކުރުވަނިވި ކަމެއް ކުރަން ކަމަށާއި ވަކި ކަމެއް މިހާތަނަށް ނިންމާފައި ނެތް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނޮވެލްޓީގެ ޖެނެރަލް މެނޭޖާ އަހުމަދު ނަޝީދު ވިދާޅުވީ މި އަންނަ އަހަރު ވެސް މީގެ އެހެން ފެއާއެއް ބާވާނެ ކަމަށެވެ. އަދި ރާއްޖެ ތެރޭގައި ވެސް ނޮވެލްޓީގެ ފެއާއެއް ބޭވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮވެލްޓީން އަންނަނީ 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބޮޑު ފައިސާގެ އިނާމު ހުށައަޅައިގެން ފެއާ ބާއްވަމުންނެވެ.