04 May 2023, 15:01
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން, ހުޅުމާލޭގައި ފްލެޓްތައް ތަރައްގީ ކުރުމުގައި މަކަރާއި ހީލަތުން، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް ޖަވާބެއް ނުދިނެވެ.
އެ މައްސަލަ ތަހުގީގު ކުރޭތޯ ތަކުރާރުކޮށް ޕޮލިސް މީޑިއާއާ ސުވާލުކުރުމުން ވެސް ޖަވާބެއް ނުދިނެވެ.
"އަދި އަޅުގަނޑާހަމައަށް އެ މައުލޫމާތު ލިބިފައިނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުުންނަކީ ޗައިނާގެ ރައްޔިތެއް ކަމަށްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކުންފުނީގެ 95 އިންސައްތަ ހިއްސާ އޮންނަ ޖިން ޝިހޫ އާއި މައިނޯރިޓީ ހިއްސާ އޮންނަ ޙަސަން މަމްދޫހް (މަންޑޭ) ކަމަށެވެ.
އެގޮތުން، އެ ކުންފުނީގެ ފަރާތުން ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިން، މަމްދޫހާއި ޖައިޝަން ސައީދު ނަމަކަށް ކިޔާ މީހަކު ވިއްކާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
"އެގޮތުން، ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު ގަނެ ވިއްކުމުގެ އެއްބަސްވުމެއްގައި މަމްދޫހް ސޮއި ކޮށްފައިވަނީ ޖިން ޝިހޫގެ ސޮއި ފޯޖު ކޮށްގެން، ޖައިޝަންއަށް ދީފައިވާ ކަމަށް ބުނާ، މި ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެން،" ބަޔާނުގައި ވެއެވެ.
އެ ކުންފުނިން ބުނީ ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސޮއި ކޮށްފައިވާއިރު ކުންފުނީގެ އެމްޑީ ކަމަށް ބުނެ އޮޅުވާލައިގެން ބައެއްް އެއްބަސްވުންތަކުގައި މަމްދޫހް ސޮއި ކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު، ގިނަ ބައެއްގެ އަތުން ފައިސާ ދެެއްކުމަށް އޭނާ އެދިފައިވަނީ ނަގުދު ފައިސާއިން ކަމަށް ކަސްޓަމަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ހަންބޯއިން ބުނެއެވެ. ފައިސާ ހޯދުމަށް ސީދާ މުއާމަލާތްތައް ކޮށްފައިވަނީ މަމްދޫހާއި ޖައިޝަން ކަމަށެވެ.
ހަންބޯއިން ބުނީ، އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށެވެ. ނަމަވެސް، ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ބީއެމްއެލް އާ ބައްދަލު ކޮށް، ހޯދުނު މައުލޫމާތުން އެނގުނު ގޮތުގައި އެކައުންޓް ހުޅުވާފައިވަނީ އެމްޑީ ޖިން ޝިހޫ ޗައިނާގައި ހުރި ދުވަސްވަރެއްގައެވެ. އަދި އެކައުންޓް ހުޅުވުމުގެ ބޭނުމަށް ޖިން ޝިހޫގެ ޕާސްޕޯޓް ކޮޕީއެއް ހުށަހަޅާފައިވަނީ ވަކީލަކު އެ ކޮޕީގައި، އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން،" ހަންބޯއިން ބުންޏެވެ.
ނަމަވެސް ޖިން ޝިހޫގެ ފަރާތުން އެ ވަކީލާ ބައްދަލުވެފައެއް ނުވާ ކަމަށް ހަންބޯގެ ބަޔާނުގައި ވެއެވެ. އެ ކުންފުނިން ބުނީ މިހާރު އެ މައްސަލަ، ބީއެމްއެލްގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށެވެ.
އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
"އެ އެކައުންޓުގެ އިންޓަނެޓް ބޭންކިންގްއާ ކުރަން ޖެހޭ މުއާމަލާތްތައް ކުރުމަށް ކުންފުނީގެ ގަރާރެއް ހުށަހަޅާފައިވާއިރު، އޭގައި ވެސް ޝިހޫގެ ސޮއި ވަނީ ނަކަލު ކޮށްފަ،" ބަޔާނުގައި ވެއެވެ.
މިކަން އެ ކުންފުނީގެ އެމްޑީގެ ސަމާލުކަމަށް އައުމާ ގުޅިގެމް މަމްދޫހާ ބައްދަލު ކޮށް، ކުންފުންޏަށް އެއްބާރުލުން ދިނުމަށް އެދުމުން އެކަން ކޮށްފައި ނުވާ ކަމަށް ހަންބޯއިން ބުންޏެވެ. އަދި މިގޮތަށް އެންގުނު ފަހުން ވެސް މަމްދޫހާއި ޖައިޝަން، އެކި ކަސްޓަމަރުންނަށް ގުޅާ އެޕާޓްމަންޓުތަކާ ގުޅޭ މުއާމަލާތްކޮށް، ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އެކަން ކަސްޓަމަރުން ވަނީ އެ ކުންފުންޏަށް އަންގާފައިވާއިރު އެކަމުގެ ހެކި ވެސް ލިބިފައިވާ ކަމަށް ހަންބޯއިން ބުނެއެވެ.
ބަޔާނުގައި ބުނީ، އެޕާޓްމަންޓުގެ އަގުގެ ބަދަލުގައި ކާރާއި އެނޫނުން ވެސް ތަކެތި މަމްދޫހު ބައެއްގެ އަތުން ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި، ފައިސާ ނަގާފައިވާއިރު އެއީ ކުންފުނިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އަމިއްލަ ބޭނުމަށް ކަސްޓަމަރުންނަށް ގުޅައިގެން ދަރަންޏަށް ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ކަސްޓަމަރުން ދީފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މަމްދޫހުގެ ފަރާތުން މި އޮޅުވާލުމުގައި، އެހެން ކުންފުނިތަކެއް ބޭނުންކޮށް އެ ކުންފުނީގެ ނަމުގައި މުއާމަލާތްތައް ކޮށްފައިވާ ކަން ވެސް ހަންބޯއިން ފާހަގަކުރެއެވެ.
"މިގޮތުން މި ކުންފުނީގެ ފަރާތުން ތަރައްގީކުރާ އިމާރާތުގެ ނަމަކީ ކޭ-ޕާކް ރެސިޑެންސް ކަމުގައިވާއިރު، މަމްދޫހާއި ޖައިޝަންގެ ނަމުގައި ހަދާފައިވާ ކޯދީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރީގެ ނަމެއްގެ ގޮތުގައި ކޭ-ޕާކް ރެސިޑެންސް ރަޖިސްޓަރީ ކޮށްފައިވޭ،" ބަޔާނުގައިވެއެވެ.
ހަމައެހެންމެ، ޝިޖިއާ ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މަމްދޫހާއި އާއިޝަތު ދިފްލީންގެ ނަމުގައި ކުންފުޏެއް ރަޖިސްޓަރީ ކޮށްފައިވާއިރު މި ނަމަކީ އެމްޑީ ޖިން ޝިހޫގެ ހޮންގްކޮންގް ކުންފުނީގެ ނަން ކަމަށް ބަޔާނުގައި ވެއެވެ. ދިފްލީނަކީ ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތް ކަމަށް ބަޔާނުގައި ވެއެވެ.
ހަންބޯއިން ބުނީ އެކަންކަން އާބަންކޯއާއެކު ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ތަފްސީލުކޮށް ކިޔައިދީ، ލިޔުމުން ވެސް އެކަން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކުންފުނީގެ ފަރާތުން މަމްދޫހު ނުވަތަ ޖައިޝަންއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެދިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މަމްދޫހުގެ ފަރާތުން އޮޅުވާލައި، މަކަރުން ގިނަ އަދަދެއްގެ ރައްޔިތުންގެ އަތުން ފައިސާ ނެގުމުގައި ބައެއް ރައްޔިތުންނަށް ކޮރެއާގެ ރައްޔިތެއް ކަމުގައިވާ ޖޮންވޫ ކިމް ދައްކައި، އެއީ ކުންފުނީގެ ހިއްސާދާރެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އާބަންކޯއަށް ވެސް ގުޅައި، އެ ފަރާތުން ވެސް އެ ކުންފުނީގެ ނަމުގައި މުއާމަލާތް ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މި މައްސަލައަކީ އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ ނަގައިގެން، މަކަރާ ހީލަތުން، އޮޅުވާލައިގެން ކޮށްފައިވާ ކަމަކަށް ވާތީ މަމްދޫހާއި ޖައިޝަންގެ އިތުރުން އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށް ހަންބޯއިން ބުންޏެވެ. އަދި ކަސްޓަމަރުންނާ ހެދިފައިވާ އެއްބަސްވުންތަކާ، ފައިސާ ބަލައިގަތް ކަމުގެ ލިޔުންތައް މަމްދޫހު ހިފަހައްޓާފައިވާތީ އާއި އެ ލިޔުންތައް ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ދީފައި ނުވުމާއެކު އެކަން އާބަންކޯގެ ސަމާލުކަމަށް މިހާރު ގެނެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން މި މަރުހަލާތައް ކުރިއަށްދާއިރު ރައްޔިތުން މިކަމަށް ސަމާލުވެ، މަމްދޫހު ނުވަތަ ޖައިޝަންއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އަދި އެގޮތަށް އޮޅުވާލައިގެން ފައިސާ ނަގާފައިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު، ތަހުގީގީ އިދާރާތަކާ ހިއްސާ ކުރުމަށް ވެސް އެދިފައިވެއެވެ.
ހަންބޯ ކުންފުނިން ބުނީ އެ ކުންފުނިން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ ކޭ-ޕާކް ރެސިޑެންސްގެ މަސައްކަތް ނިންމާ، މި އަހަރުގެ ފަހު ކުއާޓަރުގައި ކަސްޓަމަރުންނާ ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން، މީގެ ފަހުން ކުންފުންޏާ ކުރަންޖޭ މުއާމަލާތްތައް އެ މަސައްކަތް ކުރާ ސައިޓުގައި ގާއިމުކުރެވިފައިވާ އޮފީސް މެދުވެރިކޮށް ކުރުމަށް އެ ކުންފުނިން އެދެއެވެ.