03 May 2023, 14:01
ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުގެ މީހުންނަށް މިއީ އައު ނަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް، ކުޅުދުއްފުށީގެ އުތުރު އަވަށުގެ މީހުންނަށް މިއީ އެންމެ އާންމު އެއް ނަމަށް ވާނެއެވެ. މިއީ އެރަށުގައި އެންމެ ހަރަކާތްތެރި، އެހެން ކުލަބުތަކަށް ނަމޫނާ ކުލަބެކެވެ. މިއީ މަސައްކަތްތަކަށް ބަދަލުވުމެއް، ފަނޑުވުމެއް އަދި ހުއްޓުމެއް ނާންނަ ކުލަބް ކޮރެލްގެ ވާހަކައެވެ.
ކުލަބުގެ މަސައްކަތްތައް ފެށުން
ކުލަބު ކޮރެލް އަކީ މުޅި އަތޮޅަށް ވެސް މަޝްހޫރު ކުލަބެކެވެ. ކުޅުދުއްފުށީގެ އުތުރު އަވަށަށް ނިސްބަތްވާ މި ކުލަބު އުފެދުނު މަގްސަދުގައި މިއަދު ވެސް އެކުލަބުން މަސައްކަތް ކުރަމުން އަންނަ އިރު، އެކުލަބުގެ މަސައްކަތްތައް ވެސް ފެށުނީ އެފަދަ އިޖްތިމާޢީ މަސައްކަތަކުންނެވެ.
ކުޅުދުއްފުށީގައި 1980ގެ އަހަރުތަކުގެ ތެރޭގައި ދަނޑެއް ތަރައްގީކޮށް، އޭރު އުފެއްދި "ވިހަލަގޮނޑި" ކުލަބަކީ މިހާރުގެ ކޮރަލް ކުލަބެވެ. އެކުންފުންޏަށް ޤާނޫނީ ހައިސިއްޔަތެއް ލިބި، ރަޖިސްޓާ ކުރެވުނީ 2015 ވަނަ އަހަރެވެ.

އޭރުއްސުރެ ވެސް އެކުންފުނީގެ މައިގަނޑު މަގުސަދަކީ އެރަށުގެ ލާބައާއި މަންފާއަށްޓަކައި އެކި އިޖުތިމާޢީ ހަރަކާތްތައް ރާވާ ހިންގާ، އެކަންކަމުގައި ބައިވެރިވެ އަދި އެނޫން ވެސް ރަށާއި އަތޮޅުގެ ލާބައަށް ގިނަ މަސައްކަތްތަކެއް ކުރުމެވެ.
ކުލަބުގެ ތަފާތު މަސައްކަތްތަކެއް!
ކޮރަލް ކުލަބަކީ ހިންގުންތެރި، ގިނަ ހަރަކާތްތަކެއް އެރަށުގައި އަދި އަތޮޅުގައި ކުރިއަށް ގެންދާ އަދި އެކަންކަމުގައި ބައިވެރިވާ ކުލަބަކެވެ. އެގޮތުން އިޖުތިމާއީ، ސަގާފީ އަދި ކުޅިވަރުގެ އެކި ކަންކަމުގައި އެކުލަބުގެ އިސްނެގުމާއި ބައިވެރިވުން ފެންނަ ކަމީ ހަގީގަތެކެވެ.
އެގޮތުން ފާހަގަކޮށްލެވޭ އިޖުތިމާއީ ކަންކަމަށް ބަލާއިރު، އެ ރަށުގެ ސްކޫލުތަކުގެ ކުޅޭ ބިމުގެ ވިނަގަނޑު ކޮށައިދިނުމާއި، ކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމާއި، އެކިއެކި އާލަތްތައް ފޯރުކޮށްދިނުމާއި އެރަށާއި އަތޮޅުގައި ކައުންސިލާއި އެހެނިހެން ފަރާތްތަކުން ހިންގާ ކަންކަމުގައި އެކުލަބުން ބައިވެރިވެއެވެ.
އެކުލަބަކީ ސަގާފީ ކަންކަން ދިރުވައި އާލާ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރާ ކުލަބެކެވެ. އެގޮތުން ފައިގައިތަޅާ މުބާރާތް ބޭއްވުމާއި އީދުގެ ތެރޭގައި ކުރިއަށް ގެންދާ ތަފާތު ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

އީދު ތެރޭގައި އެކުލަބުން ކުރިއަށް ގެންދާ މޭ އަންދާ މެޗުތަކާއި އީދު ރޯޑް ޝޯ ފަދަ ހަރަކާތްތައް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.
އެކުންފުނިން އެރަށާއި އަތޮޅަށް ކުރާ އަދި ބައިވެރިވާ ކުޅިވަރުގެ ކަންކަމަކީ އެންމެ ފާހަގަކޮށްލެވޭ ކަންކަމެވެ. އެގޮތުން މިހާތަނަށް 16އަށް ވުރެ ގިނަ ފުޓްސަލް މުބާރާތްތައް ރާވާ ހިންގުމާއި، 20އަށް ވުރެ ގިނަ މުބާރާތުގައި އެކުލަބުން ބައިވެރިވެ ބޮޑެތި ކާމިޔާބުތަކެއް ވަނީ ހޯދާފައެވެ.
މީގެ އެންމެ ބޮޑު ހެއްކަކަށް ވާނީ ފާއިތުވެދިޔަ ގާތްގަޑަކަށް ނުވަ އަހަރުގެ ތެރޭގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން 13 ފަހަރު އެކުލަބުން އެއް ވަނަ ހޯދުމެވެ.
ފުޓްބޯޅަ އަދި ފުޓްސަލްގެ އިތުރުން، ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް އެކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ފީފާ މުބާރާތާއި، އޮފީސްތަކުގެ މަސް ރޭހަކީ ވެސް ފާހަގަކޮށްލެވޭ ދެ ހަރަކާތެކެވެ.
އެގޮތުން އެންމެ ފަހުގެ އޮފީސްތަކުގެ މަސް ރޭހުގައި ވެސް 400އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައި ވުމަކީ އެކުލަބުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފުރިހަމަކަން ހާމަވާ ކަމެކެވެ.
މީގެ އިތުރުން، އެކުލަބުގެ އެންމެ ޚާއްސަ ކަމަކީ، އެކުލަބުގެ ދަނޑު ތަރައްގީކޮށް ބަލަހައްޓަނީ ވެސް އެކުލަބުގެ ހީވާގި މެމްބަރުންނަށް ވުމެވެ. އެ ދަނޑަކީ އެކުލަބުގެ ދަނޑަކަށް ވިޔަސް، އެ ދަނޑުގެ ފެންސުގެ މަސައްކަތްތައް އެރަށުގެ ކައުންސިލުން ވެސް ވަނީ ކޮށްފައެވެ. މިކަމުން ވެސް އެކުލަބާއި އެރަށުގެ ކައުންސިލާ އޮންނަ ގުޅުން ސާބިތުވެއެވެ.
މީގެ އިތުރުން، ވަކިން ޚާއްސަކޮށް މި އަހަރު ބާއްވާ އުރީދޫ ފަން ރަންގެ ކުޅުދުއްފުށީ ސްޓޭޝަންގެ އިންޗާޖަކީ ވެސް އެކުލަބެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އެކުލަބަކީ މަދަނީ ޖަމިއްޔާއަކަށް ވެފައި، އެކުލަބުގައި މަސައްކަތްކުރާ މެމްބަރުންގެ ތެރެއިން މުސާރައަށް މަސައްކަތް ކުރާ އެންމެ މުވައްޒަފަކު ވެސް ނެތް ކަމެވެ.
ފެންނަހާ ވެސް ކަމަކީ އެކުލަބުގެ މުވައްޒަފުންގެ ފަރާތުން އެކުލަބަށާއި ވަކިން ޚާއްސަކޮށް އެރަށަށް އޮތް ލޯތްބެވެ. މީގެ އެންމެ ބޮޑު ހެއްކަކަށް ވާނީ އެކުލަބުގެ މިހާރުގެ ރައީސް، ހަސަން އިބްރާހިމްކަން ގައިމެވެ.
ހަސަނުގެ ދެވަނަ ގެ އޭ ނުބެނެވޭނެ ސަބަބެއް ނެތް!
ހަސަނާއި ކޮރަލު ކުލަބުގެ ވާހަކަ ފެށެނީ ވެސް އެކުލަބުގެ އެކި މަސައްކަތްތަކުގެ ތެރެއިންނެވެ. ކޮރަލް އިން އެކުލަބުގެ ޚާއްސަ ދަނޑު ތަރައްގީ ކުރިއިރު ހަސަނަށް އެންމެ 15 އަހަރެވެ.
އޭރުއްސުރެ އެ ކުލަބަށް ޖެހުނު ލޯތްބަކީ ހަސަނުގެ ދެވަނަ ގެއަށް އެކުލަބު ވުމަށް މެދުވެރިވި ސަބަބެވެ.
ހަސަނު އެކުލަބުގެ ރައީސް ކަމާ ހަވާލުވިތާ މާ ގިނަ ދުވަސް ނުވި ނަމަވެސް، އެކުލަބަށް ހަސަނުގެ ގިނަ އަމާޒުތަކެއް އެބަ ހުއްޓެވެ. ވަކިން ޚާއްސަކޮށް އަގުބޮޑު ކުޅުދުއްފުށި ފުޓްބޯޅަ ޗެމްޕިއަންޝިޕް ކުރިއަށް އޮތުމާއެކު، ހަސަނުގެ އަމާޒަކީ އެ މުބާރާތް ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ.

އެކަމަށްޓަކައި އޭނާގެ ޓީމުން އޮތީ ހޭވައްލާ ތައްޔާރަށެވެ. ރާއްޖޭގެ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތުގެ ފެންވަރު އިތުރަށް ފުރިހަމަކޮށް، ކޮރަލް ކުލަބުގެ މަސައްކަތްތަކަށް ފަނޑުވުމެއް ނެތްކަން ދެއްކުމަކީ އޭނާގެ އަމާޒެވެ.
މި ހުރިހާ ކަމަކާއެކު ވެސް، ހަސަނު އެކުލަބުން ދެކެން ބޭނުންވާ ހުވަފެނެއް ވެސް އެބައޮތެވެ. އެއީ އެކުލަބަކީ އަމިއްލައަށް ފައިދާ ހޯދޭ، މާލީ ގޮތުން ތަނަވަސް ކުލަބަކަށް ވުމެވެ.
ހިލޭ އެހީ އާއި ސްޕޮންސާ އެހީގެ ގޮތުން ލިބޭ ފައިސާއަށް ބަރޯސާ ނުވެ ނުވަތަ އޭގެ އިތުރަށް، އަމިއްލަ ފައި މައްޗަށް ތެދުވެ މާލީ ގޮތުން ކަންކަން ކުރެވޭ ވަރުގެ ގާބިލް ކުލަބަކަށް އެކުލަބު ހެދުމެވެ. އެގޮތުން އެ ކުލަބުގެ ދަނޑު، ޓާފު އަޅައި އޭގެ ސަބަބުން އާމްދަނީ ހޯދޭނެ ގޮތެއް ހޯދުމަކީ ހަސަނުގެ އަދި މުޅި ކުލަބުގެ ވެސް ހުވަފެނެކެވެ.
ހަސަނުގެ މާލިމީ ކަމުގެ ދަށުން ކޮރަލް ކުލަބުގެ ހުންގާނު، ކަސިޔާރު ނުވެ ސީދާ ގޮތެއްގައި ދަތުރުކުރުމަކީ އޭނާގެ އެންމެ މައިގަނޑު މަގްސަދެވެ. ރާއްޖޭގެ އެންމެ ނަމޫނާ އެއް ކުލަބުގެ ގޮތުގައި އެކުލަބު ދާއިމީކޮށް އޮތުމަކީ އޭނާގެ އަމާޒެވެ.