03 May 2023, 09:25
މިއަހަރުގެ ފިލްމު ފެއާ އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ކާމިޔާބުކުރި އާލިއާ ބަޓް މިއަހަރުގެ މެޓް ގާލާ ހަފުލާގައި ބައިވެރިވާ ޚަބަރާއެކު އާލިއާ ފެންނާނެގޮތް ބަލާލުމަށް ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ. އެމެރިކާގެ ނިއުޔޯކްގައި އިއްޔެ ބޭއްވި މެޓް ގާލާ 2023ގައި އާލިއާގެ ފެނިލުން ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފައެވެ.
ހުދު ކުލައިގެ 'ބްރައިޑަލް ގައުން'އެއްގައި އާލިއާ ހާޒިރުވިއިރު އޭނާ ވައްތަރީ ޑިޒްނީގެ ކާޓޫނުތަކުން ފެންނަ ޕްރިންސެސްއަކާ ކަމަށް އޭނާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.
އޭގެ ފަހުން އާލިއާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ފޮޓޯތަކާއެކު އެ ހެދުމާބެހޭ ތަފްސީލު އޭނާ ވަނީ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. ހުދު ކުލައިގެ 100،000 އިތާ މުތް ބޭނުންކޮށްގެން ތައްޔާރުކުރި މި ގައުންއަކީ، ކުރީގެ ސުޕަ މޮޑެލް ކްލައުޑިއާ ޝިފާ 1992 ވަނަ އަހަރު ދައްކާލި ހެދުމެއް މިސާލަކަށް ބަލައިގެން ފަހާފައިވާ ހެދުމެއް ކަމަށް އާލިއާ ބުންޏެވެ.

އާލާ މެޓް ގާލާގައި ލައިގެން ހުރި ހެދުމާއި ބޭނުންކުރި ގަހަނާ ---
އާލިއާގެ ހެދުމުގައި ބޭނުންކޮށްފައިވާ އިތާ މުތާއެކު އެ އެމްބްރޮއިޑަރީއަކީ އިންޑިއާގެ އުފެއްދުމެއްކަމަށާއި އޭނާގެ ފުރަތަމަ ގާލާ އިވެންޓުގައި އަމިއްލަ ޤައުމުގެ އުފެއްދުމެއް ބޭނުންކުރެވުމަކީ ފަޚުރެއްކަމަށް މިޕޯސްޓުގައި ބުނެފައިވެއެވެ.
މިހެދުމާއެކު އާލިއާ އަޅައިގެންހުރީ އިންޑިއާގެ މަލަބާރް ގޯލްޑް އެންޑް ޑައިމަންޑްސްގެ ގަހަނާއެވެ. އެ ހެދުން ޑިޒައިންކޮށްފައިވަނީ އެމެރިކަން ފެޝަން ޑިޒައިނަ ޕްރަބަލް ގުރުންގްއެވެ.
އާލިއާ ވައްތަރީ ޑިޒްނީގެ "ފްރޯޒަން"އިން ފެންނަ އެލްސާއާކަމަށް އެއް ބަޔަކު ބުނެފައިވާއިރު އަނެއްބަޔަކު ކޮށްފައިވާ ޓްވީޓްތަކުގައި އޭނާ ވައްތަރީ "ސިންދްރެއްލާ"އާކަމަށްވެސް ބުނެފައިވެއެވެ.
ފެޝަން ދުނިޔޭގެ ތަފާތު ސްޓައިލްގެ ހެދުންތަކުގައި ހޮލީވުޑްގެ ސެލެބްރިޓީންނާއެކު ދުނިޔޭގެ އެހެން ގައުމުތަކުގެ ސެލެބްރިޓީންވެސް ވަނީ މެޓް ގާލާގައި ބައިވެރިވެފައެވެ. މިފަހަރުގެ އިވެންޓްގެ ތީމްއަކީ، 2019ގައި މަރުވި ޖަރުމަންވިލާތުގެ ފެޝަން ޑިޒައިނަރު ކާލް ލެގަފީލްޑްގެ ހަނދާން އާކުރުމުގެގޮތުން "ކާލް ލެގަފީލްޑް: އަ ލައިން އޮފް ބިއުޓީ"އެވެ.
އާލިއާގެ އިތުރުން ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްވެސް މިއިވެންޓުގައި ބައިވެރިވެފައިވެއެވެ.