އުމުރުން ދުވަސްވީ އަންހެނަކަށް، އައިޖީއެމްއެޗުން ނުބައި އިންޖިކްޝަނެއް ޖެހުމުގެ ސަބަބުން އޭނާގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ބަލަމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އައިޖީއެމްއެޗްގައި އެޑްމިޓްކުރި 85 އަހަރުގެ ބަލި މީހެއްގެ އަތުގެ އިނގިލިތަކެއް ބުރިކޮށްލަން ޖެހުނީ މި ހޮސްޕިޓަލުން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޯކޯލްތަކާ އެއްގޮތަށް އަމަލު ކޮށްފައިވޭތޯ ބަލަމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި އެ މައްސަލަ ބަލާނީ މައްސަލަތައް ބަލާ ކޮމެޓީން ކަމަށެވެ. އައިޖީއެމްއެޗުން ބުނީ މި ކޮމެޓީގެ ހޯދުންތައް، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ އަތުގެ ހަތަރު އިނގިލި ވަނީ ބުރިކޮށްލުމަށްފަހު ފަހައިފައެވެ. އެ ފޮޓޯތަކާއެކު ދައުރުވަމުންދާ ލިޔެކިމުގައި ވާގޮތުން އޭނާ ވަނީ ކޮވިޑް- 19އަށް ވެސް ޕޮޒިޓިވް ވެފައެވެ. އަދި އޭނާ ވަނީ ކޮވިޑާއި އެކި އިންފެކްޝަންތަކުގެ ސަބަބުން ދިމާވާ، ސެޕްސިސްއަށް ވެސް ޑައިގްނޯސް ކޮށްފައެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު މަރުވެފައެވެ.