02 May 2023, 23:24
ރާއްޖެެއަށް އެތެރެކުރާ މުދާ ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ އުސޫލެއްގެ ތެރެއިން ރައްކާތެރިކަމާއިއެކު ބަނދަރުގައި ބެހެއްޓޭނެ އިންތިޒާމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް) އިން މިއަދު ގާއިމުކޮށްފިއެވެ.
އެމްޕީއެލް އިން ބުނީ މުޅިން އަލަށް ތައާރަފް ކުރެވޭ މި ޚިދުމަތުގެ ސަބަބުން މާލޭ ކޮމާޝަލް ހާބަރުގައި މުދާ ހުންނަ ދުވަސްތަކުގައި ކުރަންޖެހޭ ހޭދައަށް ވަރަށްބޮޑު ލުއެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މި ޚިދުމަތުގެ ސަބަބުން ކޮންޓެއިނަރުގައި މުދާ އެތެރެކުރާ ފަރާތްތަކަށް މުދާ ކްލިއާ ކުރުމުގައި ކުރަންޖެހޭ ޚަރަދު ކުޑަވާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
މިކަންކަމުގެ އިތުރަށް ވެސް ޝިޕިން އެޖެންޓުންނަށް ކޮންޓެއިނާ އަވަހަށް ބޯޓުފަހަރަށް ލޯޑުކުުރުމަށް ވެސް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. މުޅިން އަލަށް ތައާރަފް ކުރެވޭ މި ޚިދުމަތް ފެށިގެން ދާނީ އެމްޕީއެލް އިން ބުނީ މި މި ހިނގާ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެމްޕީއެލް އިން ބަލަހައްޓަމުން އަންނަ މާލޭ ކޮމާޝަލް ހާބަރު, ނުވަތަ ވިޔަފާރި ބަނދަރުގެ ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ގުޅިފަޅަށް މާލޭ ކޮމާޝަލް ހާބަރު ބަދަލުކުރުމުގެ އިތުރުން، މާލެ އާއި ވިލިނގިލި އަދި ގުޅިފަޅާއި ތިލަފުއްޓާއި ގިރާވަރު ފަޅު ބުރިޖާއި ކޯޒްވޭތަކުން ގުޅާލުމަކީ ސަރުކާރު މުހިއްމު އަމާޒެކެވެ.
މިހާރު އެމަޝްރޫއުގެ ދަށުން މާލެ، ވިލިގިލި އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިދޭ ބުރިޖުގެ މަސައްކަތް ވަނީ ފަށާފައެވެ. ގުރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު މުޅިން ނިމޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވަނީ 2024 ގައެވެ.