އަންކަރާ (އޭޕްރީލް23): އަންނަ މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި އިސްރާއީލު ބައިވެރިކޮށްގެން ނުވާނެ ކަމަށް ތުރުކީ ބުނެފި އެވެ.

ނޭޓޯގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޢަސްކަރީ ލަޝްކަރުއޮންނަ ތުރުކީގެ މަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާގެ ޝިކާގޯގައި އަންނަ މޭމަހުގެ 20 ން 21 ށް ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ސަމިޓްގައި އޮބްޒާވަރެއްގެ ގޮތުގައި ވެސް އަދި މެހްމާނެއްގެ އިސްރާއީލު ބައިވެރިކުރުމާ ތުރުކީ ދެކޮޅުހަދާ ކަމުގައެވެ.

އިސްރާއީލު ބައިވެރިކުރުމަށް ދެކޮޅުހަދަނީ ތުރުކީގެ ޙައްޤުގައި އިސްރާއީލުން ޖަރީމާތަކެއް ހިންގުމަށް ފަހު އެކަމަށް މަޢާފަށް އެދުމަށާއި ބަދަލުދިނުމަށް ދެކޮޅުހަދައި ތުރުކީއާމެދު ޢުދުވާނީ ސިޔާސަތެއް އިސްރާއީލުން ގެންގުޅޭތީ އެވެ. އިސްރާއީލުން ވަނީ 2010 ވަނަ އަހަރުގެ މޭ މަހު ޣައްޒާއަށް އިންސާނީ ހިފައިގެން ކަނޑުމަގުން ދިޔަ ތުރުކީގެ ސުލްޙައިގެ ފްލީޓް ބައިނަލްއަޤްވާމީ ކަނޑުގައިވަނިކޮށް އެފްލީޓަށް އަރައި ހަތިޔާރުނެތް ތުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންނަށް ބަޑިން ޙަމަލާދީ ޤަތްލު ޢާންމެއް ހިންގާފަ އެވެ.

މިޤަތްލުޢާންމުގައި އިސްރާއީލު ސިފައިންވަނީ ތުރުކީގެ ސުލްޙައިގެ 9 އެކްޓިވިސްޓަކު މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފަ އެވެ. މިމައްސަލައާގުޅިގެން ތުރުކީގެ ކިބައިން މަޢާފަށް އެދުމަށާއި މަރާލެވުނު މީހުންގެ ޢާއިލާތަކަށް ބަދަލުދިނުމަށް އިސްރާއީލުވަނީ ދެކޮޅުހަދާފަ އެވެ. މި ޢުދުވާނާ ގުޅިގެން ތުރުކީވަނީ އިސްރާއީލާއެކު ބާއްވަމުންދިޔަ ޢަސްކަރީ ގުޅުންތައް ކަނޑާލައި އިސްރާއީލުގެ ސަފީރު ތުރުކީން ބޭރުކޮށް އިސްރާއީލުގައި ހުންނަވާ ތުރުކީގެ ސަފީރު އަނބުރައި ޤައުމަށް ގެނަސްފަ އެވެ.

އެނޫން ގުޅުންތައް ވެސް ތުރުކީން ވަނީ އިސްރާއީލާ އެކު ވަރަށްބޮޑަށް ކުޑަކޮށްފަ އެވެ. މިހާރު އެންމެ އާދައިގެ ޑިޕްލޮމެޓިކް ގުޅުންތަކާގުޅިގެން ކުރަންޖެހޭ މުޢާމަލާތެއް ނޫނީ ތުރުކީން އިސްރާއީލާ އެކު ނުކުރާ ކަމަށް ޚަބަރުލިބެ އެވެ. ދެޤައުމުގެ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވެސް މިކަމުގެ ސަބަބުންވަނީ ހީނަރުވެފަ އެވެ. އިސްރާއީލާ ގުޅުންތައްބޮޑު ނޭޓޯގެ ޤައުމުތަކުންވަނީ ތުރުކީގެ މިވާހަކަތަކަށް ދެކޮޅު ހަދައި ތުރުކީއަށް ފާޑުކިޔާފަ އެވެ.
ނޭޓޯގައި ހިމެނޭ ހުޅަނގުގެ ގިނަ ޤައުމުތަކަކީ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒުވަރަށް ބޮޑަށް ހިނގާ ޤައުމުތައް ކަމަށާއި އިސްރާއީލުގެ ހަރުކަށި އަދި އިންސާނީ ހަޢްޤުތަކާ ޚިލާފް ޢަމަލުތަކަށް މިޤައުމުތަކުން ހިއްވަރުދޭކަމަށް އިސްރާއީލުން މަރަލު ތުރުކީގެ އެކްޓިވިސްޓުން ނިސްބަތްވާ މަދަނީ ޖަމާއަތްތަކުން ބުނެ އެވެ. (އަލްޖަޒީރާ+އަލްޢާލަމް)