02 May 2023, 20:51
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމު ކޮށްފިއެވެ.
އީސީގެ ނައިބު ރައީސް ޢިސްމާއިލް ޙަބީބް 'ސަން' އަށް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް 18 އަހަރު ފުރި، ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ޖުމްލަ އަދަދަކީ 282،755 މީހުން ކަމަށެވެ. އެއީ 138،347 އަންހެނުންނާއި 144،408 ފިރިހެނުންނެވެ.
ހަބީބް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އެންމެން ވެސް ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ލިސްޓު ބެލުމަށްފަހު ކޮންމެ މީހެއް ވެސް އެމީހެއްގެ ނަމާއި އެޑްރެސް އޮތީ ރަނގަޅަށްތޯ ބެލުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ. ކައުންސިލް އިދާރާތަކުން ލިސްޓު ބެލޭނެ ކަމަށް އީސީން ބުންޏެވެ.
ހަބީބް ވިދާޅުވީ އެ ލިސްޓުތައް ޗެކް ކުރުމަށް މިހާރު ސިޔާސީ ޕާޓީތަކަށް އަންގާފައިވާ ކަމަށެވެ. އަދި ލިސްޓު ހާމަ ކުރަން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން އެ ލިސްޓު އާންމު ކޮށްފައި ވަނީ ލިސްޓުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 262،135އެވެ. އެ އިންތިޚާބުގައި 230،757 މީހުން ވޯޓުލާފައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސާ އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.