24 Apr 2012, 17:33
ނައިބު ރައީސް ކަމަށް އައްޔަން ކުރައްވާ މުހައްމަދު ވަހީދުންދީން (ޑީން) އާއި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މާދަމާގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުވަލާ ކޮމެޓީން ނައިބު ރައީސް އާއި ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލާގެ ރިޕޯޓް ހުށަހަޅުއްވައި އެކަމާ މެދު ބަހުސް ކުރެއްވުމަށް ފަހު އެވެ. ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކޮމެޓީން ނިންމާފައި ވަނީ ނައިބު ރައީސް އާއި ޑީން އާއި 14 ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށެވެ. ކޮމެޓީން ނިންމާފައި ވަނީ ކޮންމެ ވަޒީރަކަށް ރުހުން ދިނުމަށް ވަކިވަކިން ވޯޓަށް އެހުމަށެވެ.
މާދަމާގެ ޖަލްސާ އަށް ވަޒީރުނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާކޮށްފައި އޮތުމުން އެމްޑީޕީން ވަނީ މާދަމާގެ ޖަލްސާގައި ބައިވެރިނުވުމަށް ނިންމައިފަ އެވެ. އެމްޑީޕީން ބުނެފައި ވަނީ ބަޣާވާތަކުން ވެރިކަމަށް އައި ސަރުކާރެއްގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދާ ޖަލްސާއަކީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށެވެ. އަދި މާދަމާ ވަޒީރުންނަށް ރުހުންދޭ އިރު އެމްޑީޕީގެ އާންމު މެންބަރުން ކެތްތެރިވުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ ވަޒީރުންނާއި ނައިބު ރައީސް ޑީން އަށް ރުހުން ދިނުމަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ. އަދި ސަރުކާރަށް ތާއިދު ޕީޕީއެމްގެ އިތުރުން ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ގައުމީ ޕާޓީން ވެސް ނިންމާފައި ވަނީ ނައިބު ރައީސް ޑީން އާއި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށެވެ.