02 May 2023, 18:00
މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މަސްކިރުމަށް އައު ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ.
މަސްކިރުވޭ ކެޕޭސިޓީ އިތުރަށް ފުޅާކުރުމުގެ ގޮތުން ދެކުނު ކޮރެއާއިން ގެނައި މި ބޯޓު މިއަދު މިއަދު ވަނީ ގދ. ކޫއްޑޫއަށް ބަނދަރުކޮށްފައެވެ. އަލަށް ގެނައި ބޯޓާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ބޯޓޫ ކޫއްޑޫއަށް ބަނދަރުކުރީ މިއަދު މެންދުރު ކަމަށެވެ.
މިފްކޯގެ އޮޕަރޭޝަންތަކުގައި މި ބޯޓު ރަސްމީކޮށް ބޭނުންކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ.
މި ބޯޓަށް ދީފައިވާ ނަމަކީ "ޖަޒީރާ 103" އެވެ. މި ބޯޓަކީ 120 މެޓްރިކް ޓަނުގެ މަސް ގަނޑުކުރެވޭ އަދި 420 މެޓްރިކް ޓަނުގެ މަސް ގަނޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. ޖަޒީރާ 103 ހަރަކާތްތެރިވާނީ ހުވަދުއަތޮޅުގައެވެ.
މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އެ ކުންފުނިން ވަނީ މަސްކިރާ ހަތަރު ބޯޓު ރާއްޖެ ގެންނަން ނިންމާފައެވެ. "ޖަޒީރާ 103"އަކީ އޭގެ ތެރެއިން އެއް ބޯޓެވެ. އަނެއް ތިން ބޯޓު ތައިލެންޑަށް އެހެލައިގެން ރާއްޖެ ގެނައުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ޖަޒީރާ 103 ރާއްޖެ ގެނައުމުގެ ކުރިން ކޮރެއާގައި--- ފޮޓޯ/މިފްކޯ
ރާއްޖޭގެ އެކި ސަރަހައްދުތަކުން މިފްކޯއަށް މިސްކިރުވޭ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެ ކުންފުނިން ވަނީ ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވެސް ފަށާފައެވެ.
ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީ ތަރައްގީކުރެއްވި ރަށެކެވެ. ތަސްމީނު އަތުން އެ ރަށް ގެއްލުނީ ބޭންކު ލޯނަކަށް ފައިސާ ނުދައްކައިގެންނެވެ.
ސަރުކާރުން ފައިސާ ދީގެން މިފްކޯއިން މި ރަށް ބޭންކުން ގަތީ 22.8 މިލިއަން ރުފިޔާއަށެވެ. އެ ކުންފުނިން ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފުނައްޑޫ މަރާމާތުކޮށް މަސް ގަންނަން ފަށަން 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ޖެހެއެވެ.