02 May 2023, 17:19
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނިރޮޅުމަގުގައި، އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 15:17ގައެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓުގައި 20 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ލިބިފައި ނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވީ މީހާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު ---
ފުލުހުން ބުނީ، އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، މަގުމަތީގައި ބައިވަރު ލޭ ހުއްޓެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.
ފަހަކަށް އައިސް، މިފަދަ އެކްސިޑެންޓުތައް ދަނީ އިތުރުވަމުންނެވެ. މިހެން ހިނގާ ގިނަ އެކްސިޑެންޓުތަކަކީ ބާރު ސްޕީޑުގައި ދުއްވާފައި އައުމުގެ ސަބަބުން ހިނގާ ހާދިސާތައް ކަމަށް ފުލުހުން ފާހަގަކުރެއެވެ.