މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާމެދު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާއެކު ކުރެވުނު މަޝްވަރާގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ފަސް ކަމެއް ހުށަހަޅައިފިއެވެ.

އެމްއާރުއެމުން ސިޔާސީ ޕާޓީތަކާއެކު ފަށާފައިވާ މަޝްވަރާތަކުގެ ތެރެއިން އެ ޕާޓީން ރޭ ވަނީ އެމްޑީޕީ ކޯލިޝަނާއެކު ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ.

އެމްއާރްއެމްގެ އޮފީހުގައި ރޭ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ވަނީ ފަސް ކަމެއް ހުށަހަޅާފައެވެ.

އެމްއާރްއެމްގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ފަސް ކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތަށް އެދުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރްއެމްގެ އުސޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުން ވެސް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުމެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ގައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް އިސްލާހު ކުރާނެ ގޮތެއް ހޯދުމާއި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިނުމެވެ.

އެމްއާރްއެމްއިން ބުނެފައިވަނީ މިނުކުތާތަކާއި، އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ރޭގެ މަޝްވަރާ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ރޭގެ މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ބައިވެރިވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޮއްކޯފުޅު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ.

އެމްއާރްއެމްގެ ފަރާތުން ރޭގެ މަޝްވަރާގައި ބައިވެރިވެރިވީ އެޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ނައިބު ރައީސް އައިމިނަތު ނާދިރާ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

އެމްއާރުއެމުން ކުރިން ބުނެފައިވަނީ އެ ޕާޓީއާއެކު މަޝްވަރާ ކުރަން ބޭނުންވާ ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއިދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެދި އެމަނިކުފާނު ވަނީ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް ދައުވަތު ދެއްވާ ސިޓީފުޅެއް ފޮނުއްވައިފައެވެ.

ނަމަވެސް ރައީސް ދެއްވި ދައުވަތު ގަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވެފައި ވަނީ އަދާލަތު ޕާޓީ އާއި އިދިކޮޅު އެމްޑީއޭ އިންނެވެ.

ޖުމްހޫރީ ޕާޓީން ވަނީ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދައި، އިންތިހާބުގައި ވާދަކުރުމަށް ނިންމައިފައެވެ.

ޖުމްހޫރީ ޕާޓީއާއި، ރައީސް ނަޝީދު އިސްވެ ހުންނަވާ ހިންގަވާ "ފިކުރެއްގެ ދިރުން" ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބަށް މެނިފެސްޓޯއެއް އެކުލަވާލުމުގެ މަަަސައްކަތް ވަނީ މިހާރު ފަށާފައެވެ.

އެމްއާރުއެމްއިން ބުނެފައިވަނީ ވަކި ގޮތެއް ނިންމާނީ މި ސަރުކާރުގައި ކުރި ތަޖުރިބާތަކަށް ބަލާ ރައީސް ޞާލިޙާއެކު އިތުރަށް މަޝްވަރާކޮށްފައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި ކުރިއަށް އޮތްތަނުގައި އެމްއާރުއެމްގެ ދައުރާ ގުޅޭ ގޮތުންވެސް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.

އެމްއާރުއެމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުތުމާ މެދުގައި ވަކި ގޮތެއް ނުނިންމާ އޮތް ހަމައެކަނި ސިޔާސީ ޕާޓީއެވެ.