02 May 2023, 16:20
ނިޔުޔޯކް (2 މެއި 2023): ކުރިއަރަމުން އަންނަ ގައުމުތަކުގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް އދ. ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު އިސްލާހު ކުރުމަށް ޗައިނާ ގޮވާލައިފިއެވެ.
އދ. އަށް ކަނޑައަޅާފައިވާ ބައެއް ގައުމުތަކުގެ ދާއިމީ މަންދޫބުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޗައިނާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އެ ގައުމުގެ ޚާރިޖީ ގުޅުންތަކާބެހޭ މަރުކަޒީ ކޮމިޓީގެ ޑައިރެކްޓަރު ވާންގް ޔީ ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހަކީ ފާއިތުވި 70 ވަރަކަށް އަހަރު ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބޮޑު ބަދަލުތަކާ އެއްގޮތަށް އެ ތަނުގެ އޮނިގަނޑު އިސްލާހު ނުކުރެވުމުގެ ސަބަބުން އެ ތަނުގެ މެންޑޭޓާ އެއްގޮތަށް ކަންކަންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ފަހަތު ފަޔަށް ބުރަވެފައިވާ ހާލަތުގައި އޮތް މަޖިލީހެކެވެ.
ހުޅަނގުގެ ބާރުތަކުން އދ. އަށް ހިންގަމުންގެންދާ ބާރާއި ނުފޫޒުގެ ސަބަބުން އދ. ގެ ސަލާމަތީ މަޖިލިސް އޮތީ އިސްލާހުނުކުރެވި އަދި ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވިކަމަށާ އެހެންކަމުން ކުރިއަރަމުން އަންނަ ގައުމުތަކުގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް އދ. ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު އިސްލާހު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވާންގްޔީ ވިދާޅުވި ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ބޮޑު ބާރުތަކަށްވުރެ ދުނިޔެ މާ ބޮޑެވެ. އަދި، ދުނިޔޭގެ ގައުމުތައް ވެސް މާގިނައެވެ. އެހެންކަމުން އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ދުނިޔޭގެ އެހެން ގައުމުތަކަށް ސިޔާސީ ގޮތުން ފިއްތައި ބިރުދެއްކުމަށް ބޭނުންކުރަން އޮންނަ ތަނަކަށް އދ. ގެ ސަލާމަތީ މަޖިލިސް ވެގެންނުވާނެއެވެ. އަދި ހުޅަނގުގެ އަމިއްލަ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ހަތިޔާރަކަށް ވެސް ސަލާމަތީ މަޖިލިސް ހެދިގެން ނުވާނެއެވެ.
އދ. ގެ އޮނިގަނޑު ޒަމާނާ ގުޅޭގޮތަށް އިސްލާހުކުރުމަށް ދުނިޔޭގެ އެތަށް ގައުމަކުން ގޮވާލާފައިވާއިރު އެ ކަމަށް ހުރަސްއަޅަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑު ދެ ބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންނެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަކީ އާބާދީގެ ގޮތުންނާއި އިގްތިސާދީގޮތުންނާ އަދި ބާރާއި ނުފޫޒުގެ ގޮތުން ދުނިޔޭގައި މިހާރު މާ ބޮޑު ދައުރެއް އަދާކުރެވޭ ވަރަށްވުރެ ބަލިކަށި އަދި ކުޑަ ދެ ގައުމެވެ. ޒަމާނެއްގައި އެއީ ބޮޑެތި ބާރުތަކެއް ކަމަށްވިޔަސް މިއަދުގެ ހާލަތު އެއާ ވަރަށް ތަފާތެވެ.
އދ.ގެ ސަލާމަތީ މަޖިލީސް އިސްލާހުކުރުމަށް ގޮވާލައި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވެސް ދާދި ފަހުންވަނީ ވާހަކަ ދައްކަވާފައެވެ. އދ. ގެ ސަލާމަތީގައި ރަޝިއާއާއި ޗައިނާ މިފަހަކަށް އައިސް ގެންދަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެމެރިކާއާއި ޔޫރަޕްގެ ދެބާރަށް ގޮންޖަހަމުންނެވެ.
އަނެއްކޮޅުން ދުނިޔޭގެ ނިޒާމު މިހާރު ދަނީ ހަމައެކަނި އެމެރިކާ ކޮންޓްރޯލްކުރާ ނިޒާމަކުން ގިނަ ބާރުތަކެއް ކޮންޓްރޯލް ކުރަ ނިޒާމަކަށް ބަދަލުވަމުންނެވެ. އދ. ގެ ނިޒާމުން ބޭރުން އެމެރިކާ އަމިއްލައަަށް އެކަހެރި ގޮތެއްގައި އެމެރިކާއާ އިދިކޮޅު އަދި އެމެރިކާއަށް ނުކިޔަމަންތެރި ގައުމުތަކާދެކޮޅަށް ސިޔާސީގޮތުންނާއި އިގްތިސާދީ ގޮތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދުނިޔޭގެ ވަރަށް މަދުގައުމަކުން ނޫނީ މިހާރު ބޮލެއް ނުލަނބައެވެ.
ބޯލަނބަނީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ޔޫރަޕްގެ ގައުމުތަކާއި އެނޫން ވެސް ވަރަށް މަދު ގައުމުތަކަކުންނެވެ. ނަތީޖާއެއްގެ ގޮތުން ކުރިން ދުނިޔޭގައި އޮތް އެމެރިކާގެ ބާރާއި ނުފޫޒު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވާން ފަށައިފައެވެ.