ދައުލަތުގެ ރިޒާވް އިން 25 މިލިއަން ޑޮލަރު މަދުވެއްޖެކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ފެށުނުއިރު ދައުލަތުގެ ރިޒާވުގައި ހުރީ 790 މިލިއަން ޑޮލަރެވެ. އެކަމަކު ނިމިދިޔަ މަސް ނިމުނު އިރު، ދައުލަތުގެ ރިޒާވް ހުރީ 764.6 މިލިއަން ޑޮލަރެވެ.

ނިމިދިޔަ މަހުގައި ރިޒާވް ދަށްވިއިރު، މިއީ ނިމިދިޔަ މާޗް މަހާ އަޅާބަލާއިރު ވެސް 101 މިލިއަން ޑޮލަރަށް ވުރެ މަދު އަދަދެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މާރިޗުގައި ދައުލަތުގެ ރިޒާވް ހުރީ 865.2 މިލިއަން ޑޮލަރުގައެވެ.

ނިމިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 832 މިލިއަން ޑޮލަރުގައެވެ. އޭގެ އެންމެ މައިގަނޑު ސަބަބަކަށް ވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމެވެ.

ދައުލަތުގެ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ލޯނާއި ސެކިއުރިޓީއަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުމެވެ. އެގޮތުން ނިމިދިޔަ މަހު އެކަނި ވެސް ލޯނާއި ސެކިއުރިޓީގެ ގޮތުގައި 564.4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ދައްކާފައެވެ.

މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުން ވަނީ ލޯނާއި ސެކުއިރިޓީގެ ގޮތުގައި 536.2 މިލިއަން ޑޮލަރު ދައްކާފައެވެ. އެހެން ކަމުން ނިމިދިޔަ މަހާ ހަމައަށް އައިއިރު ދައުލަތުން ވަނީ ލޯނާއި ސެކިއުރިޓީގެ ގޮތުގައި އިތުރަށް 28.2 މިލިއަން ޑޮލަރު ދައްކާފައެވެ.

މި އަހަރު ފެށުނު އިރު ލޯނާއި ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ވަނީ 536.2 މިލިއަން ޑޮލަރު ދައްކާފައެވެ.

ރިޒާވް ދަށް ވުމާއެކު، ޔޫސަބަލް ރިޒާވް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން މި އަހަރު ފެށުނު އިރު 260 މިލިއަން ޑޮލަރުގައި ހުރި ޔޫސަބަލް ރިޒާވް ވަނީ ނިމިދިޔަ މާރިޗު މަސް ނިމުނުއިރު 200 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ރިޒާވް ދަށްވި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާތީ އިގްތިސާދަށް އިތުރު ކުރިއެރުމެއް ލިބޭނެއެވެ. އަދި މީގެ ސަބަބުން ރިޒާވް މަތިވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.