ނައިބު ރައީސް ކަމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުންދީން (ޑީން) އާއި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރުމަށް މިއަދު ނިންމައިފި އެވެ.

މާދަމާ ބާއްވާ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށްފައި އޮތް އިރު ޕީޕީއެމް އިން ބުނީ މާދަމާގެ މަޖިލީހުގައި ނަގާ ރުހުންދިނުމުގެ ވޯޓުގައި އެ ޕާޓީގެ ޕާލިމަންޓް މެންބަރުން ވޯޓުލާނީ ނައިބު ރައީސް އަށާއި ވަޒީރުންނަށް ރުހުންދިނުމަށް ޕީޖީ ގްރޫޕުން ރުހުން ދިނުމަށް ނެރެފައިވާ ތްރީލައިން ވިޕާއެއްގޮތަށް ކަމަށެވެ.

މަޖިލީހުގައި ޕީޕީއެމްއަށް ގާނޫނީ ހައިސިއްޔަތު ލިބުމާ އެކު މިއީ އެ ޕާޓީން ފުރަތަމަ ބޭއްވި ޕީޖީ ބައްދަލުވުން ކަމަށް އެނގިފައިވެ އެވެ. އަދި މިއީ އެ ޕާޓީގެ ފުރަތަމަ ތްރީލައިންވިޕެވެ.

ޕީޕީއެމް އިން ތުރީލައިން ވިޕް ނެރުނު އިރު އެމްޑީޕީން ބުނެފައި ވަނީ މާދަމާގެ ޖަލްސާ އިން ވޯކްއައުޓް ކުރާނެ ކަމަށެވެ. ނަމަވެސް ޑީއާރުޕީން އެކަމުގައި އެއްޗެއް ނުބުނެ އެވެ. ޑީއާރުޕީއަކީ ވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ.

ޕީޕީއެމްގެ 17 މެންބަރަކު މަޖިލީހުގައި ތިއްބަވަ އެވެ.