02 May 2023, 14:05
އާއްމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބުނު ވަނާޖުބޭސާގެ އިތުރު ޝޯ ތަކަކަށް ބެލުންތެރިން އެދެން ފެށުމާއެކު ހުކުރު ދުވަހު ހަވީރު އޮލިމްޕަހުގައި އިތުރު ޝޯއެއް ބާއްވަން ނިންމައިފިއެވެ.
ޕާޓިކަލްސް ސްޓޫޑިއޯ އާއި ވާންޗޯ އެންޓަޓެއިންމަންޓާ ގުޅިގެން އުފައްދައިފައިވާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި ކޮމެޑީ އެންމެ މޮޅު އެއް ފިލްމެވެ. 1 ގަޑިއިރާއި 45 މިނެޓުގެ މި ފިލްމުގެ ފަސް ޝޯ މިހާރު އޮލިމްޕަހުގައި ވަނީ ދައްކާފައެވެ.
އެ ފިލްމުގެ ވަދާއީ ޝޯ މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ރޭ ބޭއްވިއިރު، އެ ޝޯއަށް ފަހު ގިނަ ސަޕޯޓަރުންތަކެއް އެ ފިލްމު ބަލާލަން ބޭނުންވެގެން އެ ކަމަށް އެދޭ ކަމަށް ވަނާޖުބޭސާ ޓީމުން ބުނެއެވެ.
ހުކުރު ދުވަހު ހަވީރު ފިލްމު އަޅުވަން ނިންމައިފައިވާއިރު މާދަމާ 14:00އިން ފަށައިގެން ޓިކެޓް ވިއްކަން ފަށާނެއެވެ. މި ޝޯއަށް ޓިކެޓް ވިއްކާނީ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުންނެވެ. އޮންލައިންކޮށް ޓިކެޓެއް ނުވިއްކާނެއެވެ.
ވަނާޖުބޭސާއަކީ ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ނާޒިރު ޝިހާމް (ކާއްޓޭ) އާއި ހުސައިން ޝާދު (މަޓޭ)ގެ ފުރަތަމަ ފީޗަރ ފިލްމެވެ.