24 Apr 2012, 17:11
ގެވެށިއަނިޔާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރައްވައި، ގާނޫނަކަށް ހެއްދެވުމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ޕީޕީއެމްގެ އޮފީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ބިލު ތަސްދީގު ކުރުމުން ދައްކައިދެނީ އަދުގެ ސަރުކާރުން އެކަމަށް ދެއްވާ އަހައްމިއްޔަތު ކަމަށެވެ.
ދުންޔާ އަދި ވިދާޅުވީ ގެވެށި އަނިޔާއާ ބެހޭ ބިލު ގާނޫނަކަށް ވެގެން ދިއުމުން، ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
ގެވެށިއަނިޔާގެ ބިލު އެކުލަވާލުމަށާއި އެ ބިލު ފާސްކުރުމަށް އެހީތެރި ވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެންމެ އިސް ހުރިހާ ސިޔާސީ ޕާޓީތަކުން އެބިލަށް އެއްބާރުލުން ދިން ކަމަށެވެ.
ގެވެށިއަނިޔާ ހުއްޓުވުމާ ބެހޭ ގާނޫނެއް އައުން ރާއްޖޭގައި މިހާ ލަސްވީ ސަބަބެއް ކަމަށް ދެކެވެޑައިގަންނަވަނީ ކޮން ކަމެއްތޯ ސުވާލުކުރުމުން ދުންޔާ ވިދާޅުވީ އެ މައްސަލައަކީ ރާއްޖޭގައި އޮތް މައްސަލައެއްކަން ގަބޫލުކުރަން މުޖުތަމައަށް ދަތިވުމަކީ އެކަމުގެ ސަބަބެއް ކަމަށެވެ.
އަދި ވިދާޅުވީ ކަންތައްތަކާ ވާހަކަ ދެއްކޭ މުޖުތަމައަކަށް ދިވެހި މުޖުތަމައު ބަދަލުވީ ވަރަށް ފަހުން ކަމަށާއި މިފަދަ ގާނޫނެއް އައީ ލަހުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަޅުގަނޑުމެންގެ ތެރޭގައި އެފަދަ މައްސަލަތައް އޮތީ ވަރަށް މަދުން، އަދި ހުރި ނަމަވެސް ތިބީ އެކަންތައްތައް ގޭތެރޭގައި ފޮރުވައިގެން، އެފަދަ ކަންތަކުގެ ވާހަކަ ދެއްކުން އޮތީ ހަޑި ކަމަކަށް ވެފައި، އެކި ކަންތައްތަކާ ވާހަކަ ދެއްކޭ މުޖުތަމައަކަށް ބަދަލުވީ ވަރަށް ފަހުން،" ދުންޔާ ވިދާޅުވި އެވެ.