ހަރުކަށި ފިކުރުގެ ނުފޫޒުތަކަށް ޒުވާނުން ހޭލުންތެރިކުރަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީޓީ)އަށް އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދެއްވައިފިއެވެ.

އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން މުރާޖައާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހަރުކަށިފިކުރުގެ ނުރައްކާތަކުން ހައްލު ހޯދުމަށް ތައުލީމީ ނިޒާމު އަލުން ބައްޓަން ކޮށް މަތީ ތައުލީމުދޭ މުއައްސަސާތަކާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް އެކްޝަން ޕެލޭންތައް އެކުލަވާލުމަށާއި ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ސަލާމަތްވުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދޭން މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ހަރުކަށިފިކުރާ ދެކޮޅަށް މަޝްވަރާ ފޯރަމްތަކާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި އެއްބާރުލުން ދިނުން ކުރިއެރުވުމަށް ބާއްވާ ކޮންފަރެންސްތައް ފަދަ ފުރުސަތުތައް އިތުރުކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހަޔާ އެޑިއުކޭޝަންގެ ލީޑިންގ އޮތޯރިޓީގެ ހައިސިއްޔަތުން އަޅުގަނޑުގެ ވެސް ދައުރެއް އެބައޮތް. އަޅުގަނޑު ޔަޤީންކޮށް އަރުވަން އަޅުގަނޑުގެ މިނިސްޓްރީން އެންސީޓީސީއަށް އެހީތެރިވެދޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންނާއި މުޖުތަމައު ފިކުރީ ގޮތުން ވަރުގަދަ ބަޔަކަށް ހެދުމަކީ ހަރުކަށި ފިކުރާ ދެކޮޅަށް މުޖުތަމައެއް ބިނާކުރުމުގެ ހަމައެކަނި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަށް ބާއްވާ ވޯކްޝޮޕްގެ ބައިވެރިން ދޭ އެއްބާރުލުމަކީ ނޭޝަނަލް އެކްޝަން ޕްލޭންގެ ނަތީޖާ ހާސިލްކުރުމަށް އިދާރާތަކުން ބޭނުންވާ ފިޔަވަޅުތަކާއި އެހީތެރިކަން ދެނެގަތުމުގައި ނަތީޖާ ނެރެދޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމު ހިމާޔަތްކޮށް ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށް ތަޢުލީމު ޙާޞިލުކޮށް އެހެން މީހުން ތަޙައްމަލުކުރާ އިންސާފުވެރި ބަޔަކަށް ހެދުމަށް ވަކާލާތު ކުރަން ޖެހޭ،" އިބްރާހީމް ވިދާޅުވިއެވެ.

އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން މުރާޖައާ ކުރުމަށް ބޭއްވި ވޯކްޝޮޕް ތެރެއިން --

އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށާއި އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު މުރާޖައާކޮށް ތަންފީޒުކުރުމަށް ވޯކްޝޮޕްގެ ބައިވެރިން އެއްބާރުލުން މުހިންމުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަމާއި ދީނީ އަގީދާ ވަރުގަދަ ކުރުމުގެ އިތުރުން މައްސަލަ ތަކުގެ ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

ގައުމުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކުރެވޭނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް އެއްބައެއްގެ ގޮތަށް މަސައްކަތްކޮށް، ކުރިން އެކަމަށް މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.