02 May 2023, 12:57
އުރީދޫ މޯލްޑިވްސް އިން ރޯދަ މަހު ކުރިއަށްގެންދިޔަ "ހަދިޔާފޮށި" ލިބުނު ނަސީބުވެރިން އިއުލާންކޮށްފިއެވެ.
އުރީދޫގެ "ހަދިޔާ ފޮށި" އަކި ނިމިދިޔަ ރޯދަ މަހާއި އީދު ދުވަހު، އުރީދޫއިން އެކުންފުނީގެ ކަސްޓަމަރުންނަށް ކުރިއަށް ގެންދިޔަ ތަފާތު ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދުވަހަކު ހަދިޔާ ފޮށިން ހަތަރު ގަޑިއިރަށް އެއްޖީބީ ޑާޓާގެ އިން ފެށިގެން ގޮސް، 65 އިންޗީގެ ޓީވީ އާއި ސްކޫޕީ ސައިކަލް އަދި ރިސޯޓް ސްޓޭ ފަދަ ބޮޑެތި އިނާމުތައް ޢާންމުންނަށް އެކުންފުނިން ދިނެވެ.
މި ޕްރޮމޯޝަނުން އިނާމު ލިބުނު ބައެއް ފަރާތްތައް އުރީދޫ އިން ރޯދަ މަހުގެ ތެރޭގައި ވެސް އިއުލާން ކުރިއެވެ. އެހެން ނަމަވެސް ހަދިޔާ ފޮށިން އިނާމު ލިބުނު ހުރިހާ ފަރާތްތައް މިއަދު ވަނީ އިއުލާންކޮށް، އިނާމު ދީފައެވެ. މީގެތެރޭގައި އީދު ދުވަހު ހަދިޔާފޮށިން އިނާމު ލިބުނު މީހުންނަށް ވެސް ވަނީ އިނާމު ހަވާލުކޮށްފައެވެ.
މި ޕްރޮމޯޝަނާ ގުޅޭ ގޮތުން "ސަން" އާ ވާހަކަދައްކަވަމުން އުރީދޫގެ ހެޑް އޮފް ކަސްޓަމާ ކެއާ ދިޔާނާ އަފީފް ވިދާޅުވީ ހަދިޔާ ފޮށި ޕްރޮމޯޝަނުގެ މަގްސަދަކީ ރޯދަ މަހު އުރީދޫގެ ފަރާތުން ކޮންމެވެސް ކަހަލަ ހަދިޔާއެއް ދިނުން ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ދިޔާނާ ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 210 ހަދިޔާ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްކޫޕީ ސައިކަލު، ޕީއެސް5، ރިސޯޓް ސްޓޭ، އެޕަލް ޓެގް، 65 އިންޗީގެ ޓީވީ، ފޯނު އަދި ބަދީގޭ ސާމާނު ފަދަ ތަކެތި ހިމެނެއެވެ.
މި ޕްރޮމޯޝަނުގައި އުރީދޫގެ ގިނަ ކަސްޓަމަރުން ބައިވެރިވެފައިވެއެވެ.
އަދި މި ޕްރޮމޯޝަނަށް ލިބުނު ތަރުޙީބާއެކު، ކުރިއަށް ވެސް ޚާއްސަ ދުވަސްތަކުގައި މިފަދަ ޕްރޮމޯޝަންތައް ހިންގުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.