ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީ އިން ޖަހާފައިވާ ޓެންޓްތައް ރޫޅާލައި އެތާގައި ހުރި ތަކެތި ސިފައިންނާއި ފުލުހުން ގެންދިޔަ މައްސަލައިގައި އެމްޑީޕީ އިން ސިފައިންނާއި ފުލުހުންގެ މައްޗަށް ދައުވާކުރުމަށް ދެވަނަ ފަހަރަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ފަށަފައިފި އެވެ.

އެ މައްސަލަ ސިވިލް ކޯޓުން ކުރިން ބޭރުކޮށްލީ ރީކޯ މޫސާ މަނިކަކީ ދައުވާ ފޯމްގައި ސޮއި ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ބޭފުޅެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

މޫސާ މަނިކަށް ދައުވާ ފޯމްގައި ސޮއި ކުރުމުގެ ބާރު ލިބިގެން ނުވާކަމަށް ކަނޑައަޅައި އެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން ދެވަނަ ފަހަރަށް އެ މައްސަލަ ކޯޓަށް ވެއްދީ އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ލައްވައި ސޮއިކުރެއްވުމަށް ފަހު އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަލުން ހުށަހަޅަމުން އެމްޑީޕީގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގުމަށް މާޗް މަހުގެ ނިޔަލަށް ސިޓީ ކައުންސިލުން ލޮނުޒިޔާރަތްކޮޅު ސަރަހައްދު އެ ޕާޓީ އަށް ދޫކޮށްފައި ވަނިކޮށް މާޗް މަހުގެ 19 ވަނަ ދުވަހު ކޯޓު އަމުރެއް ނެތި ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ވަދެ އެތާގައި ތިބި މީހުން ނެރެ އެ ޕާޓީގެ މުދާ ގާނޫނާއި ޚިލާފަށް ގެންގޮސްފައިވާ ކަމަށެވެ.

"މާޗް މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 3:00 އެހާކަންހާއިރު ސިފައިންނާއި ފުލުހުން ސުނާމީ ބިނާ ސަރަހައްދަށް ވަދެ އެތާގައި ތިބި މީހުން ނެރުމަށް ފަހު އެތަން ރޫޅާލާ ސުންނާފަތިކޮށް މުދާތައް ފޭރިގެންފައި ވަނީ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އެ އަމަލަކީ ސުލްހަވެރިކަމާ އެކު އެ ސަރަހައްދުގައި ތިބެ އެ ޕާޓީ އަށް ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ.

ހިސާން ވިދާޅުވީ ސިފައިންނާ ފުލުހުން ތަކުރާރުކޮށް އެ ޕާޓީގެ ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅަމުން ގެންގޮސްފައިވާ ކަމަށާއި އެގޮތުން އެޕާޓީގެ ހަރުގެ ތަޅާ ސުންނާފަތިކޮށްލުމަކީ ވެސް އެ ޕާޓީގެ ސިޔާސީ ހަރަކާތަށް ހުރަސް އަޅަން ކޮށްފައިވާ ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ދައުވާ ހުށަހެޅުމަށް ފަހު ކުރިން އެ ޕާޓީން ހުށަހެޅި މައްސަލަ ގޮސްފައިވާ ހިސާބުން ފެށިގެން ކުރިއަށް ގެންދިޔުމަށް ހިސާން ވަނީ ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

ދައުލަތުން އެކަމަށް ދެކޮޅު ހެދުމުން ގާޒީ ހާތިފް ހިލްމީ ވަނީ އެމްޑީޕީން ކުރިން ހުށަހަޅާފައިވާ ބަޔާންތަކަކީ މި މައްސަލައިގައި ވެސް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ގޮތުގައި ބަލައިގަތުމަށް އެމްޑީޕީން އެދުމުން އެގޮތަށް ނިންމަވާފަ އެވެ. އަދި ދައުލަތުން އެދުނު ގޮތަށް އަލުން ބަޔާން ހުށަހެޅުމަށް ވެސް ގާޒީ ވަނީ ދައުލަތަށް ފުރުސަތު ދީފަ އެވެ.
ދައުލަތުގެ ވަކީލު ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެ މައްސަލަ ލަސް ވަނީ ދައުލަތުން ކަންތައް ކުރި ގޮތަކުން ކަމަށް އެމްޑީޕީގެ ވަކީލުގެ ވާހަކަތަކުން ދޭހަވާކަމަށާއި ނަމަވެސް އެ މައްސަލަ ލަސްވެގެން ދިޔައީ އެމްޑީޕީގެ ވަކީލުން ކަންތައް ކުރި ގޮތުން ކަމަށެވެ.

އުޝާމް ވިދާޅުވީ ޚުލާސާ ބަޔާނާ ހިސާބަށް ގޮސްފައި އޮއްވާ އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެމްޑީޕީން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ލަހުން ހުށަހެޅުމުން ކަމަށެވެ.