02 May 2023, 08:47
އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައަށް މެންޗެސްޓާ ސިޓީ ޖެހިލި ނަމަވެސް، ލީގު ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.
ލީގު ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލީ މިދިޔަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ފުލަމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ ނަތީޖާއާ ގުޅިގެން ގިނަ ދުވަސްތަކެއްގައި އެއްވަނައިގައި އޮތް އާސެނަލް ވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ.
އާސެނަލުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޕޮއިންޓުތަކެއް ގެއްލުމާ ގުޅިގެން އަށް ޕޮއިންޓުގެ ލީޑެއް އެޓީމަށް ގެއްލުނެވެ. އެ ލީޑު ގެއްލުނު ނަމަވެސް، އަދި މާޔޫސްވާން ނުޖެހޭ ކަމަށް އާސެނަލްގެ ކޯޗު އާޓެޓާ ދެކެއެވެ.
"އަދިވެސް އަހަރެމެންނަށް ވަރަށް މުހިންމު މެޗުތަކެއް އެބަހުރި. އަހަރެމެންނަށް ފަސް މެޗެއް އެބައޮތް. އަހަރެން ބަލައިލާ އިރު، އަދި މި ނިމުނީކީ ނޫން. އަހަރެން ބޭނުންވަނީ އަދިވެސް އުންމީދުގައި ލީގު ހޯދުމަށް މަސައްކަތްކުރަން. އަހަރެމެން ޗެލްސީ މެޗުގައި މޮޅެއް ހޯދާނަން،" އާޓެޓާ ބުންޏެވެ.
އާސެނަލަށް ތާވަލުގެ އެއްވަނަ ގެއްލުނު ނަމަވެސް، އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް އަލުން އަނބުރާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުން ނުފުދޭ ކަމަށް އާޓެޓާ ބުންޏެވެ.
"ސީޒަން ފެށުނު އިރު، އަހަރެމެން މި ހިސާބުގައި އުޅޭނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ. ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކުން އަދި އެ ފުދުނީކީ ނޫން. އަހަރެމެން އަދިވެސް ހިތްހަމައެއް ނުޖެހޭ، އަހަރެމެން އިތުރަށް ވެސް ބޭނުން. ކުރިއަށްއޮތް ފަސް މެޗުން ކޮންމެ ކަމެއް ވެސް ވެދާނެ. މުހިންމީ ކުރީގެ ނަތީޖާއަށް ނުބަލައި، ކުރިއަށްދިއުން،" އޭނާ ބުންޏެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ނަމަވެސް އާސެނަލުން ވަނީ ސިޓީއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ. ލީގުގައި މިރޭ އާސެނަލް ނުކުންނަން ޖެހޭނީ ޗެލްސީއާ ދެކޮޅަށެވެ.