ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ފިރިހެނަކަށް އެނގޭ ބަހެއް ނެތް ކަމަށް ބުނެފިއެވެ.

އުމުރުން 57 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ އެ މީހާއަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ޓްރެފިކްކޮށް ރާއްޖެ އެތެރެކުރި ކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަހުގެ މުއްދަތެއް އިތުރު ކޮށްދީފައެވެ.

އެތުހުމަތުތަކަށް ބާރުލިބޭ ހެކި ގަރީނާއާ އެކު ހައްޔަރުކުރި އެ މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ނޭނގޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި ތަރުޖަމާނަކު މެދުވެރިކޮށް ދައްކާ ވާހަކަތައް ވެސް އޭނާއަށް ފަހުމް ނުވާ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ގާނޫނީ ވަކީލާ މުއާމަލާތް ކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ބޮޑު ތުހުމަތެއްގައި ހައްޔަރުކުރި އެ މީހާގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ އޭނާ ދައްކާ ވާހަކަ އެނގޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ވައިގެ މަގުންނާއި ކަނޑު މަގުން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން އާންމުވެފައިވާއިރު, އިމިގްރޭޝަނުން އާންމުކޮށްފައިވާ ގަވާއިދެއްގައި ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބެއެވެ.

ނަމަވެސް އެ ކަން ކުރެވޭނީ ވަކި ހާލަތްތަކެއްގައެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުމެވެ.