02 May 2023, 00:43
ފޭދޫފިނޮޅު ކައިރިން ދަތުރުކުރަމުން ދިޔަ ދެ ލޯންޗެއް ޖެހި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ދެ ލޯންޗުގެ ކެޕްޓަނުންގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި މައްސަލަ ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި މިވަގުތަށް އަޅާފައިވާ ފިޔަވަޅަކީ ވަގުތީގޮތުން އެމީހުންގެ ލައިސަންސް ހިފެއްޓުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މައްސަލައިގައި އެއްވެސް މީހެއް މިހާތަނަށް ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. ނަމަވެސް، ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާކަމަށެވެ.
އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:42 ހާއިރެވެ. މި ހާދިސާގައި 53 އަހަރުގެ މީހަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.
މި ހާދިސާގައި މަރުވީ ބ. ކުޑަރިކިލަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ސައުދުﷲ އަހްމަދެވެ. އޭނާ އަކީ ބިން ހިއްކުމާއި ބޮޑު ހިލަޖެހުން ފަދަ މަސައްކަތްތައް ކުރާ ކުންފުންޏެއްކަމަށްވާ ސާސޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރެވެ.
މިހާތަނަށް އައިރު ސައުދުﷲ ވަނީ ރެއިންބޯ އެންޓަޕްރައިސަސް އާއި އަމިން ކޮންސްޓްރަކްޝަންގައި މަސައްކަތްކުރައްވައިފައެވެ. ރެއިންބޯގެ ޕްރޮޖެކްޓު މެނޭޖަރުކަމާއި އަމިން ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރުކަން އޭނާ ކޮށްފައިވެއެވެ.
އިއްޔެގެ ވަގުތެއްގައި އޭނާގެ ޖަނާޒާ ބާއްވާ، ހަށިގަނޑު ވަނީ ވަޅުލާފައެވެ.