ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން އެ ބިލު ފާސްކޮށްފައި ވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ބިލުގައި ބުނާގޮތުން މި ބިލު ގާނޫނަކަށް ވުމުން މައިގަނޑު ދެ ބާވަތެއްގެ ޓެކްސް ނެގޭނެ އެވެ. އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ބޭންކްތަކާއި ޕާޓްނާޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ވިޔަފާރީގެ ފައިދާ އިން ނަގާ ކޯޕަރޭޓް ޕްރޮފިކް ޓެކްސް (ސީޕީޓީ) އާއި، ރާއްޖޭގައި ވަޒަންވެރިވެގެންނުވާ ފަރާތެއްގެ ކިބައިން އަގު އަދާކުރާގޮތަށް ސީޕީޓީ ދައްކާ ފަރާތަކަށް ލިބިގަންނަ ހިދުމަތަކަ ގުޅިގެން އެކަމަށް އަދާކުރާ އަގުން މީރާއަށް ދައްކާ ވިތްހޯލްޑިންގް ޓެކްސް އެވެ.

ބިލުގައި ބުނާ ގޮތުން ސީޕީޓީ ދައްކަން ޖެހޭނީ އެ ވިޔަފާރިއެއްގެ ޖުމްލަ ފައިދާ ފަސްލައްކަ ރުފިޔާއަށް ވުރެ އިތުރުވާ ނަމަ އެ އިތުރުވާ އަދަދެއްގެ 15 ޕަސެންޓްގެ ރޭޓުންނެވެ. އަދި ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކާއި ފޮރިންއިންވެސްޓްމަންޓް ޕާޓްނާޝިޕެއް ނަމަ ސީޓީޕީ ނެގޭނީ ޖުމްލަ ފައިދާގެ، ފަނަރަ ޕަސެންޓްގެ ރޭޓުންނެވެ. އަދި މަނިޓަރީ އޮތޯރިޓީ ފިޔަވައި ބެންކިންގެ ގާނޫނުގެ ދަށުން ހިންގާ ބޭންކުތައް ސީޕީޓީ ދެއްކުން ލާޒިމް ކޮށްފައިވާ އިރު، ބޭންކުތަކުގެ ޖުމްލަ ފައިދާއިން 25 ޕަސެންޓްގެ ރޭޓުން ސީޕީޓީ ދައްކަންޖެހޭ ގޮތަށް ބިލްގައި ވަނީ ހިމަނައިފަ އެވެ.

ބިލްގައި، ސީޕީޓީ ޓެކްސް ނަގާ ފަރާތަކުން ބައެއް ކަންކަމަށް ކުރާ ހަރަދު ޓެކުހުން އުނިކުރާގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ. އެގޮތުން އިސްލާމްދީން ކުރިއެރުވުމަށް އުފައްދާފައިވާ ފަރާތަކަށް ކުރާ ހަރަދާއި، އާއްމު މަންފާއަކަށް ޓަކައި ސިއްހީ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފަރާތަކަށް ކުރާ ހަރަދާއި ފަގީރުންނަށް އެހީވުމަށް އުފައްދާފައިވާ ޖަމިއްޔާ ޖަމައަތަކަށް ކުރާ ހަރަދާއި، އާއްމު މަންފާއަށްޓަކައި ތައްލީމު ދިނުމަށް އުފައްދާފައިވާ ޖަމްއިއްތާއަކަށް ނުވަތަ އިދާރައަކަށް ކޮށްފައިވާ ހަރަދު ހިމެނެ އެވެ.

މީގެ އިތުރުން މުދަލުޒަކާތުގެ ގޮތުގައި ސަރުކާރުގެ އިދާރާއަކަށް ދައްކާފައިވާ ފައިސާ އާއި މިސްކިތް އިމާރާތް ކުރުމަށް ކުރާ ހަރަދާއި ހައްޖާ އުމްރާއަށް މީހުން ފޮނުވުމަށްކުރާ ހަރަދާއި، މިސްކިތް މަރާމާތު ކުރުމަށް ކައުންސިލްތަކަށްދޭ ފައިސާ އާއި މުވައްޒިފުންގެ ޕެންޝަނުގެ ހަރަދާއި މުވައްޒިފުންގެ ހެލްތު އިންޝުއަރެންސާއި ވެލްފެއާ ހަރަދުވެސް ޓެކުހުން އުނިކުރެވޭނެ އެވެ.
ބިލުގައި ބުނާ ގޮތުން ވަކިވަކި ފަރުދުންގެ މައްޗަށް މި ގާނޫނެއް ގާނޫނެއް ނުހިނގާނެ އެވެ.

މި ބިލް ގާނޫނަކަށް ވުމާ އެކު ގާނޫނުނަންބަރު 2011/5 ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހިންގަމުން އަންނަ ޓެކްސް ނެގުމުގެ ނިޒާމު މި ގާނޫނުގެ ދަށުން ހިންގާ ނިޒާމެއްކަމަށް ހަމަޖެހި އެތާރީހުން ފެށިގެން އެ ގާނޫނު އުވޭނެ އެވެ. އަދި ގާނޫނުނަންބަރު 85/9 ދިވެހި ރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބެންކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ވެސް އުވިގެންދާނެ އެވެ.

މި ގާނޫނުގައިބުނާ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ނުދައްކާ ފަރަތްތަކުން އެ ފައިސާ ދައުލަތަށް ހޯދުމުގެ ބާރު ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުން މީރާ އަށް ވަނީ ލިބިދީފަ އެވެ.