މީރާ ގުދުވެލީ ބިންމަތީގައި އޮތް ފޮށި ނެގުމަށެވެ. އެވަގުތަކީ ޒަޔާންވެސް ގުދުވެލި ވަގުތުކަމުން، ދެމީހުންގެ ނިތްކުރި ވަރަށް ބާރަށް ޖެހުނެވެ. ފޮށި ނަގައިގެން ޒަޔާން ތެދުވިއިރު، މީރާ ހުރީ ނިތްކުރީގައި ފިރުމާށެވެ. ނުހަނު ކައިރިން މީރާގެ ސޫރަ ފެނުމުން، ޒަޔާންގެ ހިތުގައި އައު ވިންދެއް ޖަހައިލިއެވެ. މީރާ ވަކީން ރީތިހެން އޭނާއަށް ހީވިއެވެ.

"ވަރަށް ތަދުވިތަ؟..." ޒަޔާންގެ ނިތްކުރީގައި އަތް ޖައްސައިލަމުން މީރާ އަހައިލިއެވެ.

********

މީރާގެ މައުސޫމުކަމާއި، ޒަޔާނަށް ބަލަން ހުރި ކަތި ނަޒަރުން ޒަޔާނުގެ ހިތުގެ ތެޅުން އަވަސްކުރުވިއެވެ. މީރާގެ ޖާދޫގައި ޒަޔާން ޖައްސަން ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭގެ ކުރިން ޒަޔާނުގެ ހިތަށް ނާރާ އެތައް އެއްޗެއް އެވަގުތުކޮޅުގެ ތެރޭގައި އޭނާގެ ހިތަށް އެރިއެވެ. މީރާގެ ރީތިކަމަށް ހިތުގެ އަޑިން ތައުރީފު ކުރެވުނެވެ.

"އާހްހް... ކަޕްލްސް ރިންގް..." ޒަޔާނުގެ އަތުން ފޮށިތައް އަތުލަމުން މީރާ ބުންޏެވެ. "މި ލަސްވެގެންނޭ މިއައީ..."

ފޮށިތައް ހިފައިގެން މީރާ ދިޔައިރުވެސް ޒަޔާން ހުރީ ހުއްޓުންއަރާފައެވެ. އޭނާ ސިހުނީ ދާދި ކައިރިން މީހަކު ކަރު ކެހިލި އަޑު އިވުމުންނެވެ. ޝިމާޢު އާއި އަމަން ފެނުމުން، ޒަޔާނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާ އަވަހަށް އެމީހުންގެ ނަޒަރުން ސަލާމަތްވެގެން މީރާ ދިޔަ ދިމާއަށް ހިނގައިގަތެވެ. ޒަޔާނަށް ވީގޮތް ފެނި، އަމަންގެ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.

"ކުރުވަން ރަނގަޅު ކަމެއްނު..." ޒަޔާނާއި މީރާއަށް އިޝާރާތްކުރަމުން އަމަން ބުނެލިއެވެ.

"އަހަރެންވެސް ތިހެން ހިތަށް އަރައިފި..." ޝިމާޢުގެ ރުހުން ލިބުނެވެ.

"މިހާރުން ފެށިގެން މަސައްކަތް ފެށީއޭ..." އަމަން ލާނެތް ރާގަކަށް ބުންޏެވެ.

ކައިވެނީގެ މަޖިލިސް ނިންމާ، އެކަކު އަނެކެއްގެ އިނގިލީގައި އަނގޮޓި އެޅުވުނެވެ. އިވިގެން ދިޔައީ، އަތްތިލަބަޑީގެ ހޫނު މަރުހަބާގެ އަޑެވެ. ލަދުން އިސްޖަހާލައިގެން ހުރި ބިންޔާގެ ތުންފަތުގައިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ކުރިމަތީގައި ތިބި މެހެމާނުންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައިވާކަން އޭނާއަށް އެނގެއެވެ. އެހެނަސް، އެ އެންމެންގެ ތެރެއިން އޭނާ ލަދުގަތީ ކައިރީގައި ހުރި އަލަތު ފިރިމީހާގެ ނަޒަރު ހުއްޓިފައިވާކަން އެނގުމުންނެވެ. ބިންޔާގެ މުޅި ހަށިގަނޑުގައި ނޭނގޭ އޮއެވަރެއްގެ އަސަރު ވިއެވެ. މިދުވަހަށް އޭނާ ހާދަ އިންތިޒާރެއް ކުރިއެވެ. އެކަމަކު، ފަހުވަގުތު، ފިރިމީހާގެ މޫނަށް ބަލައިލާނެ ހިތްވަރުވެސް އޭނާއަކަށް ނުލިބުނެވެ.

މިޒްޔަލްގެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. އޭނާގެ އަލަތު އަނބިމީހާގެ މަގާމުގައި ހުރީ، އެންމެ ލޯބިވާ އަންހެން ކުއްޖާއެވެ. މިއަދުން ފެށިގެން ބިންޔާއަކީ މިޒްޔަލްގެ ހައްގެކެވެ. މިރޭ ބިންޔާގެ ރީތިކަން އެތައް ގުނައެއް އިތުރުކުރުވާފައި ވިއެވެ. ވަކީން ހާއްސަކޮށް، ބިންޔާގެ ލަދުވެތި ސިފަ މިޒްޔަލްއަށް ކަމުދިޔައެވެ. މިޒްޔަލް ބިންޔާއާއި ކައިވެރިވެލުމަށްފަހު، މަޑުމަޑުން އަތުގައި ހިފިއެވެ. އަލަތު އަނބިމީހާގެ އޮމާން މޫނު ލަދުން ރަތްވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ބިންޔާގެ މޫނުގައި ފިރުމާލަން މިޒްޔަލްގެ ހިތް އެދެން ފެށިއެވެ. އެހެނަސް އޭނާ ކެތްތެރިވިއެވެ. އެންމެންގެ ކުރިމަތީގައި ބިންޔާ ލަދުގަންނާނެފަދަ ކަމެއް ކުރަން އޭނާ ބޭނުމެއް ނުވިއެވެ.

"މިހާރު ތީ ހަމައެކަނި އަހަރެންގެ ހައްގެއް..." މިޒްޔަލް ފަހުރުވެރިވެލާފައި ބުންޏެވެ.

ކައިވެނީގެ ހަދިޔާތައް އޮހެން ފެށިއެވެ. ހަފުލާއަށް އަންނަ އެތައް މެހެމާނުންނެއް އަލަތު ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔަމުން ދިޔައެވެ. ޒުވާން ޖޯޑުގެ ރީތިކަމަށް ތައުރީފު ކުރިއެވެ. މިޒްޔަލްއާއި ބިންޔާއަށް ބަލަން ތަންކޮޅެއް ދުރުގައި ހުރި މީރާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އެ ދެމީހުންގެ ގުޅުމުން، އެންމެ ބޮޑު އުފަލެއް ލިބުނު މީހުންގެ ތެރޭގައި އޭނާ ހިމެނޭނެއެވެ. މީރާގެ ހިތުން ބޮޑު ބުރައެއް ނެގިފައިވާ ކަހަލައެވެ. ކުރެވުނު ކުށުން އަރައިގަތުމަށް މީރާ ހިޔާރުކުރީ އެހެން މީހުންގެ އުފަލަށް އިސްކަންދިނުމެވެ.

އަމަން ގަސްދުގައި ޒަޔާނުގެ ގައިގައި ޖެހިގަނެފައި މިޒްޔަލް މެންގެ ކައިރިއަށް ދިޔައެވެ. ޒަޔާން ގޮސް ލައިގަތީ މީރާގެ ގައިގައެވެ. ދެމީހުންނަށް އެކަކު އަނެކެއްގެ ގައިގައި ހިފަހައްޓާލެވުނެވެ. މީރާގެ ނަޒަރު ޒަޔާނުގެ މޫނުން ވަކިވާގޮތެއް ނުވިއެވެ. އެ ގާތްކަމުން ހުދު މީރާގެ ހިތަށްވެސް ބުނެދޭން ނޭނގޭ ގޮތްތަކެއް ވިއެވެ.

"ސޮރީ..." މީރާ ޒަޔާނާއި ދުރަށް ޖެހުނެވެ.

މީރާއަށް ހަދާލެވުނު ގޮތަކުން އޭނާ ލައިގެން ހުރި ދިގު ހެދުމުގެ ފަސްބަޔަށް އެރުނެވެ. ހެދުމުގެ ކޮނޑާއި ދިމާއިން ވާންވެ، ތަންކޮޅެއް އިރައިގެން ދިޔައެވެ. މީރާގެ ހަށިގަނޑުން ބައެއް ހާމަވިއެވެ. އެ މަންޒަރު ފެނުމުން، ޒަޔާން އަވަހަށް އިސްޖަހައިލިއެވެ. އެހެން މީހުންނަށް އެމަންޒަރު ނުފެންނާނޭހެން އޭނާ މީރާއާއި ގާތްވެލިއެވެ. މީރާގެ ކޮނޑުމަތީގައި އަތް ބާއްވާލައިގެން ހުރެ، ހަފުލާގައިވާ މީހުންނާއި ދުރަށް ގެންދިޔައެވެ.

"ދެން ކިހިނެއް ހަދާނީ؟..." މީރާ ހުރީ ހާސްވެފައެވެ.

ޒަޔާން އޭނާގެ ގަމީސް ޖީބަށް ޖަހާފައިވާ ސްކާފް ނަގައި މީރާއަށް ދިނެވެ.

"މިތާ މަޑުކުރޭ... އަހަރެން އެބަ އަންނަން..." މީރާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޒަޔާން ބުނެލިއެވެ.

ޒަޔާން އެނބުރި އައިއިރު، އަތުގައި ކްރީމް ކުލައިގެ ޖެކެޓެއް އޮތެވެ. ޖެކެޓުގެ ދެ އަރިމަތީގައި ކުދި އެސްޖަހާފައި ހުރުމުން، މީރާ ލައިގެން ހުރި ހެދުމާއި ނުހަނު ގުޅެއެވެ. މީރާ ޖެކެޓު ލައްވައިދިނީވެސް ޒަޔާނެވެ. އެންމެ އަމަލަކުން ޒަޔާނަށް މީރާގެ ހިތް ފަތަހަ ކުރެވުނެވެ. މީރާ ޒަޔާނަށް ބަލަން ހުރީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. އެ ބެލުން ކުރިއާއި ތަފާތެވެ. ޔަގީނުންވެސް އެހިތުގައި ޒަޔާނަށްޓަކައި އައު ވިންދެއް ޖަހާލައިފިއެވެ.

********

"މީ އަހަރެން ދޭ ކައިވެނީގެ ހަދިޔާއެއް...." އަމަން ދިއްކޮށްލީ ސިޓީއުރައެކެވެ. ބިންޔާ ސިޓީއުރައިގައި ހިފިއެވެ. "މިހާރު ބަލާލަބަލަ..."

ސިޓީއުރައިގައި އޮތީ، އާސިފަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި އޮތް ކޯޓުގެ ހުކުމުގެ ކޮޕީއެކެވެ. ބިންޔާ އަމަންއަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. އަމަންގެ ހިތަށް ލުއިވިއެވެ. ބިންޔާއަށް އޭނާ އެކަން ކޮށްދޭން އެއްބަސްވީ ބަދަލަކަށް އެދިގެން ކަމުގައިވިޔަސް، އޭނާ އެކަން ކުރީ، ބަދަލަކަށް އެދިގެނެއް ނޫނެވެ. ހަގީގީ އުފާވެރިކަމަކީ ކޮބައިކަން ކުރިން އަމަންއަށް ނުވިސްނުނީއެވެ. ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ގޯސް ހެދޭނެއެވެ. އެކަމަކު، ރަނގަޅު މީހުންނަކީ ހެދޭ ގޯސް ރަނގަޅުކޮށް، އިސްލާހުވާ މީހުންނެވެ. އަދި އެހެން މީހުންގެ މަޢާފު ހޯދުމަށް މަސައްކަތްކުރާ މީހުންނެވެ.

ހަފުލާއަށް އައި އެންމެންގެ ލޮލުގައި އަޅައިގަތީ އެތެރެއަށް ވަދެގެން އައި ދޮން އަންހެން ކުއްޖާއެވެ. ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ އެކުއްޖާ ލައިގެން ހުރީ، ކަކުލާއި ހަމައަށް އަންނަވަރުގެ ކުރު ހެދުމެކެވެ. ހެދުން ހުރީ، ގައިގައި ރީތިކޮށް ހިފާލާފައެވެ. އޭނާގެ ހުރި ސިފަތަކުން އެއީ ދިވެއްސެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

"ޖެނީފާ..." އެންމެންގެ ކުރިން ޖެނީފާއަށް މަރުހަބާ ކީ އަމަންއެވެ. "ޔޫ ލުކް އެމޭޒިން..."

"ތޭންކްޔޫ ޓޯމީ..." ޖެނީފާ އަމަންގެ އަތުގައި ހިފައިލިއެވެ.

ޖެނީފާ ފަރި ހިނގުމެއްގައި އައިސް މިޒްޔަލްގެ ކުރިމަތީގައި ހުއްޓުނެވެ. ބިންޔާއަށާއި މިޒްޔަލްއަށް އޭނާ ބަލައިލީ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ.

"އަހަރެންގެ ޗާންސް ގެއްލުނީދޯ... އަދިވެސް ތީ އަހަރެންގެ މީހެއްފަދަ..." ޖެނީފާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

އޭނާ މިޒްޔަލްގެ ގައިގައި ކުޑަކޮށް ބައްދައިލާފައި ދުރަށްޖެހުނެވެ. ޖެނީފާގެ އެ އަމަލުން މިޒްޔަލް ހާސްވެގެން ބިންޔާއަށް ބަލައިލިއެވެ. ބިންޔާ ހުރީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. އެ އަމަލުން އޭނާ ނުރުހުނުކަން އެމޫނުން ރީތިކޮށް އެނގެން ހުއްޓެވެ.

"މީ ހާދަ ނަސީބު ރަނގަޅު ކުއްޖެކޭ..." ޖެނީފާ ބިންޔާގެ ގައިގައިވެސް ބައްދައިލިއެވެ. މިޒްޔަލްއާއި ހިލާފަށް އޭނާ ބިންޔާއާއި ދުރަށްޖެހުނީ ބިންޔާގެ ދެކޮލަށް ބޮސްދީފައެވެ.

އެންމެން ކެއުމަށް އިންސާފުކުރަމުން ދިޔައިރު، ބިންޔާ އިނީ ނުކެވިފައެވެ. ކަންތައްވީގޮތުން، މިޒްޔަލް ހުރީ ބިންޔާއާއި ހަތަރުކަޅި ހަމަކުރަންވެސް އުނދަގޫވެފައެވެ.

"ޖެނީފާ އެއީ މިޒްޔަލްގެ އެކްސް..." އަމަންގެ ލާނެތް ސަމާސާއިން ބިންޔާ ކޮށިއެރިއެވެ.

ޝިމާޢު ވަގުތުން އަމަންގެ އަނގަޔަށް އޮރެންޖު ފޮއްޗެއް ލިއެވެ. ބިންޔާ ތުން ފިއްތައިލަމުން މިޒްޔަލްއަށް ބަލައިލިއެވެ. އޭނާ އިނީ ޖެނީފާދެކެ ފޫހިވެފައެވެ.

"ސޮރީ ލަވް..." ބިންޔާއާއި އެކަނިވުމުން މިޒްޔަލް އިސްޖަހައިލިއެވެ. "އެއީ ފްރެންޑެއް... އެއްވެސް ކްލޯޒް ރިލޭޝަންޝިޕްއެއް ނޯންނާނެ އަހަރެމެން ދެމީހުންގެ ދެމެދުގަ... އަމަން އެ އުޅެނީ އަހަރެމެން ދޭތެރެ ޖައްސަން... ބިންޔާ ތަޅުވަންވެގެން..."

މިޒްޔަލް އަމިއްލަ ދިފާއުގައި ވާހަކަ ދައްކަން ފެށި ގޮތުން ބިންޔާއަށް ހެވުނެވެ. މިޒްޔަލްގެ މައުސޫމުކަމުން، އޭނާގެ ހިތް ލޯބިން ފުރިގެން އައެވެ. އެހެން މީހުންނަށް ނުފެންނާނޭހެން ބިންޔާ މިޒްޔަލްގެ އަތުގައި ހިފައިލިއެވެ. އަދި އިތުބާރުކުރާ ކަމުގައި ބުންޏެވެ.

********

ކޮޓަރިތެރޭގައިވީ ފަނޑު އަލިކަމެކެވެ. ތަށިމުށިތަކުގެ މަތީގައި ބަހައްޓާފައިވާ އުއްބައްތީގެ އޮރެންޖު އަލިން މާހައުލަށް ވެރިވެފައިވަނީ މަސްތީކަމެވެ. ކޮޓަރި ދޮރުން ފެށިގެން އެނދާއި ހަމައަށް ފިނިފެންމަލުގެ ފިޔައިން ދޫލައަޅާފައިވެއެވެ. ހުދު ބެޑުޝީޓު އަޅާފައިވާ އެނދުމަތި ޖަރީކުރެވިފައިވަނީވެސް ރަތް ފިނިފެންމަލުގެ ފިޔައިންނެވެ. އެންމެފަހުގެ ތައްޔާރީތައް ނިންމާފައި، ސަރަފިއްޔާއާއި ސަމީރާ މިޒްޔަލްގެ ކޮޓަރިން ނުކުތެވެ. އޭރު ހަފުލާ ނިންމާފައި މިޒްޔަލްއާއި ބިންޔާ އެކުގައި ގެއަށް ވަދެއްޖެއެވެ. ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިއުމުގެ އިސް ސަފުގައި ހުރީ ސަރަފިއްޔާއެވެ. ސައީދާއި ސަމީރާގެ އިތުރުން ޒަޔާންވެސް ސަރަފިއްޔާ އުޅެންފެށިގޮތުން، ހިނިތުންވެލައިގެން ތިއްބެވެ.

ސަރަފިއްޔާ ބިންޔާގެ ދެ އަތުގައި ރަން ކެވެލި އަޅުވައިދިނެވެ. ސަމީރާ ދިނީ ރަން ފަށެކެވެ. ސަޢީދުގެ ފަރާތުން ކައިވެނީގެ ހަދިޔާއަކަށް ލިބުނީ ދުބާއީ ދެކޮޅު ޓިކެޓެވެ. ޒަޔާން އިނީ ހަދިޔާއެއް ތައްޔާރުނުކުރެވުނީތީ ދެރަވެފައެވެ.

"އެންމެ ކޮއްކޮއެއް ހުރީ... އެކަމަކު ކޮއްކޮގެ ހަދިޔާއެއް ނުލިބޭ..." މިޒްޔަލް ޒަޔާނާއި ދިމާކޮށްލިއެވެ.

"ހަދިޔާ ބޮޑުވީމަ، މާދަމާ ދޭންޖެހޭނީ..." ޒަޔާން އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.

"ދަރިފުޅުވެސް ދެން މިގެއަށް ކުއްޖަކު ގެންނަން އުޅޭ... އެއަށްވުރެ ބޮޑު ހަދިޔާއެއް ނުދެވޭނެ..." ސަރަފިއްޔާ ޒަޔާނުގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. "މާމައަށް ހީވަނީ ތިކަމާވެސް އުޅެންޖެހޭނީ މާމަހެން..."

އެންމެން އެއްފަހަރާ ހީގަތެވެ. ގޭތެރެއަށް އައު ދިރުމެއް އައި ކަހަލައެވެ. އެންމެންގެ މޫނުންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

********

ކޮޓަރިއަށް ވަން ބިންޔާ ހުރީ އަޖައިބުވެފައެވެ. މިޒްޔަލްގެ ކޮޓަރި ޖާގަ ތަނަވަހެވެ. ކޮޓަރިތެރެ ޒީނަތްތެރިކުރެވިފައިވީ، ބިންޔާ ހީވެސް ނުކުރާހާ ފުރިހަމައަށެވެ. ފިނިފެންމަލުގެ ފިޔަތަކުގެ މަތީގައި ބިންޔާގެ ފައި ބީހިލުމާއިއެކު، ކުރެވުނު އަރާމު އިހުސާސަކުން އޭނާއަށް ދެލޯ މަރާލެވުނެވެ. އުއްބައްތީގެ ހިތްގައިމު އަލިކަމުގައި އޭނާ ފަސްއެނބުރި މިޒްޔަލްގެ މޫނަށް ބަލައިލިއެވެ. ދޮރު ލެއްޕުމަށްފަހު، މިޒްޔަލް އައިސް ބިންޔާގެ ގައިގައި ބައްދާލިއެވެ. އެ ދެލޮލުގައިވީ ތަފާތު ވިދުވަރެކެވެ.

"އަހަރެން މިރޭ ހާދަ އުފާވެއްޖޭ..." މިޒްޔަލް ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. "ހާދަ ބޮޑު ޑްރީމްއެކޭ މި ފުރިހަމަވީ..."

"ދުވަހަކުވެސް އަހަންނަށް ދެރަގޮތެއް ނުހަދައްޗޭ..." ބިންޔާ މިޒްޔަލްގެ މޭގައި މޫނު ފޮރުވައިލިއެވެ. "މިޒްޔަލް ނޫން މީހެއް އަހަރެންގެ ނެތް..."

"އައި ޕްރޮމިސް ޔޫ... އަހަރެން ދިރިހުރިހާ ދުވަހަކު ބިންޔާ ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގަ... އުފަލުގަ އުޅެން ބިންޔާއަށް އެއްވެސް ހުރަހެއް ނޯންނާނެ..." މިޒްޔަލް ޔަގީންކަން ދިނެވެ.

މިޒްޔަލްގެ ކުދިކުދި ގޯނާތަކަށް ބިންޔާ މަރުހަބާ ކިޔެވެ. ދިރިއުޅުން އައު ހަރުފަތަކަށް ގެންދިޔުމަށް ދެމީހުންވެސް ތިބީ ނުހަނު ބޭނުންވެފައެވެ. ލަދުވެތިކަން އެއްފަރާތްކޮށް، ބިންޔާ އޭނާގެ މުޅި ނަފުސު މިޒްޔަލްއަށް ހަދިޔާކުރިއެވެ. ދިރިއުޅުމުގެ އައު ބާބެއް ފެށުނީ، އުފާވެރި އިހުސާސްތަކަކުންނެވެ.

*********

ދުބާއީ ދަތުރު ނިންމާލުމަށްފަހު، މިޒްޔަލްމެން އެނބުރި ރާއްޖެ އައީ އުފާވެރި ހަބަރަކައިގެންނެވެ. ކައިވެންޏަށް، ބަރާބަރު ފަސްމަސް ފަހުން ބިންޔާ ބަލިވެއިނީއެވެ. ސަރަފިއްޔާގެ ދެފައި އެއްތާކު ނުޖެހެއެވެ. ބިންޔާ ހޮޑުލާތީ، އަބަދު ކޮންމެވެސް އެއްޗެއް ކާންދޭން އުޅެއެވެ. ސަމީރާވެސް ބިންޔާގެ ކައިރިން ދުރަކަށް ނުދެއެވެ. އެވަރުގެ ހެޔޮ ބަޔަކު ބިންޔާ އޭނާގެ މުޅި ހަޔާތުގައިވެސް ނުދެކެއެވެ.

ހަސްފަތާލުން ނުކުމެގެން އައިއިރު، ބިންޔާއާއި މިޒްޔަލްގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ލިބެން އުޅެނީ އެއްމާބަނޑު ދެކުދިންކަން އެނގުމުން، ދެމީހުންނަށްވެސް ލިބިފައިވީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. މިޒްޔަލް ކާރު ޕާކިން ޒޯނުން ނެރެންދެން ބިންޔާ މަޑުކޮށްލައިގެން ހުއްޓެވެ.

ޒަޔާން ހަސްފަތާލުން ނުކުތީ، އަތްފައިގައި ބެންޑޭން އަޅައިގެން ހުރި މީހަކު ގޮވައިގެންނެވެ. ބިންޔާއަށް އެމީހާ ފެނުމުން، އުފާވެރިކަން ގެއްލުނެވެ. ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެއީ ބިންޔާއަށް އައު ސޫރައެއް ނޫނެވެ. އެއީ، އޭނާގެ މަންމަ ނެގި ފައިސާ ހޯދަން ބިންޔާއަށް އަނިޔާކުރި މީހާއެވެ.

"މަގުމަތީގަ ވެއްޓިފަ އޮއްވާ މިގެނައީ..." ޒަޔާން ތަފްސީލް ދިނެވެ.

އެހެން ދުވަސްދުވަހާއި ހިލާފަށް އޭނާ ބިންޔާއަށް ބަލައިލީ އެއްވެސް އަސަރެއް ނެތް ގޮތަށެވެ. އެ މޫނުން ކުރިން ފެނުނު ބޮޑާކަމާއި ކިބުރުވެރިކަމެއް ނެތެވެ.

"އެކައުންޓް ނަންބަރު ދީ... އަހަރެންގެ މަންމަ ނެގި ދަރަނި އަދާކޮށް ނިންމާނަން..." ބިންޔާގެ އަޑުގައި ހުރީ ހަރުކަށި ގޮތެކެވެ.

"ދޮންބެ އެ ފައިސާ ދައްކާ ނިންމައިފި..." ޖަވާބު ދިނީ ޒަޔާނެވެ.

މިޒްޔަލް އައުމުގެ ކުރިން ޒަޔާން އެތަނުން ދިޔައެވެ. ކާރަށް އެރިއިރު، ބިންޔާ އިނީ ފެންކަޅިވެފައެވެ. މިޒްޔަލްގެ ހެޔޮކަން އޭނާ ހަނދާނުން ފޮހެލާނީ ކިހިނެއް ހެއްޔެވެ؟ އެތައް ގޮތަކުން މިޒްޔަލް އެވަނީ އޭނާއަށް އެހީތެރިވެދީފައެވެ. ބިންޔާ މިޒްޔަލްގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

"ކިހިނެއްވީ؟... ތަނަކަށް ތަދުވަނީތަ؟..." މިޒްޔަލް ހާސްވެފައި ސުވާލުކުރިއެވެ.

"ތޭންކް ޔޫ..." ބިންޔާގެ އަޑު ކުރެހުނެވެ. "ތޭންކް ޔޫ އަހަރެންގެ ލައިފަށް އައީމަ..."

މިޒްޔަލް މަގުގެ އެއްފަރާތަށް ކާރު ހުއްޓިއެވެ. ނުހަނު ލޯބިން ބިންޔާގެ ދެކޯތާފަތުގައި ހިފައި، މަޑުމަޑުން އުފުލައިލިއެވެ.

"ހޭއި... ރޮނީތަ؟..." މިޒްޔަލްގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.

ބިންޔާ މިޒްޔަލްގެ މޭގައި މޫނު ފޮރުވައިލިއެވެ. ދުވަހަކުވެސް މިޒްޔަލްއަށް ދެރަގޮތެއް ނަހަދަން އޭނާ ހިތުގެ އަޑިން އަޒުމުކަނޑައެޅިއެވެ. އެކަނިވެރިވެ، ހާލުގައި ޖެހުނު ދުވަހު، ބިންޔާއަށް ހިމާޔަތުގެ އަތެއް ދިއްކޮށްލީ މިޒްޔަލްއެވެ. އަނިޔާއިން ސަލާމަތްކޮށްދިނީވެސް މިޒްޔަލްއެވެ. ހަޔާތުގެ ފަޅުކަން ފިލުވާލަދިނީވެސް ހަމަ މިޒްޔަލްއެވެ. ވީއިރު، މިޒްޔަލްއަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތެވެ. ކުރިން މިޒްޔަލް އާއިމެދު ކަންތައް ކުރެވުނު ގޮތުން ބިންޔާ ދެރަވިއެވެ.

********

ކުޑަ ކޮޓަރީގެ ހަތަރު ފާރުން އެތެރެ ނާޒިރާއަށް ވީ ޖަލަކަށްވުރެވެސް ވޭންހުރި ތަނަކަށެވެ. ދަންނަ އެކަކުވެސް ނެތް އެތަނުގައި ނާޒިރާގެ މުޅި ދިރިއުޅުން ހަފުސްވެފައިވާ ކަހަލައެވެ. މުޅި ދުނިޔެއަށް ގިނަވެފައިވާ މީހެކޭ ނާޒިރާއެކޭ ތަފާތެއް ނެތެވެ. ކުރީގެ ހަނދާންތަކުން ނާޒިރާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

"އަހަރެންގެ ދަރިފުޅު ގެނެސްދީ..." މީހަކު ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު ނާޒިރާ އެދުނެވެ.

ދޮރު ހުޅުވައިލި މީހަކު އައިސް ނާޒިރާ ނެގިއެވެ. ނާޒިރާ ގަދަހެދިއެވެ. ތެޅިފޮޅިގަތެވެ. ނުދާން ވަރު ދައްކައިލިއެވެ. އޭނާ ގޮސް ބޭންދީ ގޮނޑިއެއްގައެވެ. ގިނައިރެއްނުވެ، ޒަޔާން އެތެރެއަށް ވަނެވެ. ޒަޔާން ފެނުމުން، ނާޒިރާގެ ބަޑި ފަޅައިގެން ދިޔައެވެ. އެތަނުން ސަލާމަތްކޮށްދޭން އެދުނެވެ.

"މަންމާ... އަހަރެން މިއައީ މަންމައަށް ވަރަށް އުފާވެރި ހަބަރެއް ދޭން..." ޒަޔާން ދެއްކީ އެހެން ވާހަކައެކެވެ. "އަހަރެން މިއުޅެނީ މީހަކާ އިންނަން..."

"މަންމަ މިތަނުން ސަލާމަތްކޮށްދީ ދަރިފުޅާ..." ނާޒިރާ ރޮއެގަތެވެ.

"މަންމާ... މިތާ މީހުން ބުނާގޮތަށް ހަދައިގެން ރަނގަޅަށް އުޅުނީމަ އަވަހަށް ރަނގަޅުވާނީ... މަންމަ ރަނގަޅުވީމަ، ގެންދާނަމޭ.... ނުގެންދާކަށް ނޫޅެމޭ..." ޒަޔާން މަސައްކަތްކުރީ ނާޒިރާއަށް ވިސްނައިދޭށެވެ. އެއީ އާދައެވެ. އަމިއްލަ ދިރިއުޅުމުގެ އެތައް ކަމެއް މަންމަ އާއި ހިއްސާކުރަން ޒަޔާން ބޭނުންވެއެވެ. އެކަމަކު، މަންމައާއި ބައްދަލުކުރަން އަންނަ ކޮންމެ ފަހަރަކު ވަގުތުތައް ދުއްވާލަން ޖެހެނީ ނާޒިރާއަށް ވިސްނައިދިނުމުގައެވެ.

"ތީ ހުސް ދޮގު... ނުގެންދާނެ... ތީ ނުގެންދަން ދައްކާހާ ބަހަނާ... ކަލޭމެން އެކަކުވެސް ދެން އަހަރެން ހޯދަން ނާންނާތި!..." ނާޒިރާ ހަޅޭއްލަވައިގަނެފައި ގޮނޑިވެސް ޒަޔާނާއި ދިމާއަށް ހޫރައިލިއެވެ.

ޒަޔާން އެނބުރި އައިއިރު ހުރީ މާޔޫސްވެފައެވެ. އޭނާ މީރާއާއި ބައްދަލުކޮށް މަންމަގެ ވާހަކަ ކިޔައިދިނެވެ. މަންމަ ކުޑަކޮށްވެސް ރަނގަޅު ނުވާ ކަމުގައި ބުނެދިނެވެ. މީރާ ހިތްވަރު ދިނެވެ. ދެރަވިޔަސް، ބައެއް ނިންމުންތައް ނިންމަންޖެހޭނެކަން ވިސްނައިދިނެވެ. މުޅި އުމުރަށް ޒަޔާނުގެ މީހަކަށްވެގެން އެކުގައި އުޅޭނެކަމަށް މީރާ ވައުދުވިއެވެ. ޒަޔާން ހިނިތުންވެލިއެވެ. މީރާއާއި ގުޅުނުފަހުން، ޒަޔާނުގެ ޒަހަމުވެފައިވާ ހިތަށް ފަރުވާ ލިބުނެވެ. އެކަނިވެރިވާ ކޮންމެ ވަގުތަކު، އޭނާއަށް އެހީވާން މީރާ ހުރެއެވެ. މީރާ ބޭނުންވި ފަދައިން ގިނަ ދުވަހެއްނުވެ، ދެމީހުންގެ ކައިވެނި ކުރެވުނެވެ. ދެފަރާތުގެ އާއިލާގެވެސް ރުހުމާއި އެކުގައެވެ.

********

ބިންޔާ ވިހަން ވެއްދީ ދަންވަރުއެވެ. މިޒްޔަލްގެ އާއިލާގެ އެންމެން ހަސްފަތާލަށް ޖަމާވިއެވެ. ތަނެއްގައި އިށީންނަންވެސް ނޭނގިފައި މިޒްޔަލް ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ. ބިންޔާގެ ހާލު އެނގޭހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.

"އަންހެން ކުއްޖަކާ، ފިރިހެން ކުއްޖެއް..." ގިނައިރެއްނުވެ، ނަރުސް ކުއްޖަކު ނުކުމެފައި އުފާވެރި ހަބަރު ދިނެވެ.

ލޯބި ދެކުދިން ގޮވައިގެން ނަރުސްކުއްޖާ ނުކުތީ، މިޒްޔަލް ދޮރުމަތީގައި ހިނގާތާ އިރުކޮޅެއް ފާއިތުވި ފަހުންނެވެ.

"މާޝާﷲ މުނިމާމަގެ ލޯބި ދަރިންކޮޅު..." ދެކުދިން އުރާލަމުން ސަރަފިއްޔާ ބުނެލިއެވެ.

ކުދިން ފެނުމުން، މިޒްޔަލްގެ ދެލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. ވިހެއުމުގެ ވޭން އުފުލީތީ، އޭނާ ބިންޔާއަށް ޝުކުރުވެރިވިއެވެ. ބިންޔާ ދެކެލާހިތުން، ބައްދަލުވާނެ އިރަކަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަން ފެށިއެވެ. ބިންޔާގެ ހާލު ދެރައެވެ. ވާހަކަ ދެއްކޭވަރުވީވެސް، ވޯޑަށް ނެރުނުތާ ގަޑިއެއްހާއިރު ފަހުންނެވެ. ހަށިގަނޑުގެ ނިކަމެތިކަމާއިއެކު، ބިންޔާގެ ގައިގައި ހަކަތައެއް ނެތެވެ.

"އައި ލަވް ޔޫ... ވަރަށް ވަރަށް ލޯބިވޭ..." މިޒްޔަލް ބިންޔާގެ ނިތްކުރިއަށް ބޮސްދިނެވެ.

ބިންޔާ އޭނާގެ ކައިރީގައި ލޯބިކޮށް ނިދާލާފައި އޮތް ދެކުދިންގެ ގައިގައި ފިރުމައިލިއެވެ.

"މީ އަހަރެމެންގެ ލޯބީގެ ނިޝާން... ދެކުދިންވެސް ވައްތަރީ ބައްޕައާ..." ބިންޔާ ތުންފިއްތައިލިއެވެ.

"މަންމައާ ވައްތަރީ..." މިޒްޔަލް ދެކޮޅުހެދިއެވެ.

"ހުރިހާ ކުދިންވެސް ވައްތަރީ އަހަންނާ..." ދޮރުމަތިން އިވުނީ ޝިމާޢުގެ އަޑެވެ.

އަމަން ޝިމާޢުގެ ގައިގައި ބޮނޑިއެއް އަޅައިލިއެވެ.

"ކިޔޭ އެއްޗެއް އެނގިގެން ކިޔައްޗޭ..." އަމަން ހީގަތެވެ. މިޒްޔަލްއާއި ބިންޔާވެސް ހީގަތެވެ.

"އެންމެން ކުދިން ހޯދާ އިރުވެސް އަހަރެމެން ހުސްކޮށް ތިބީމަ މާމަގެ ލޮލުގަ އަޅައިގަނެފި... މިފަހަރު ސަލާމަތެއް ނުވާނެ... ޒަޔާނަށް ކަޅި އަޅާލިތާ ގިނަ ދުވަހެއްނުވޭ އޭނަ އެހުރީ ތާށިވެފަ... އަހަރެމެންގެ ދުވަސްވެސް މިދިޔައީ..." އަމަންގެ ކައިރިން ސަލާމަތްވަމުން ޝިމާޢު ބުނެލިއެވެ.

އެންމެން އެއްފަހަރާ ހީގަތެވެ. ބިންޔާ އޮތީ އުފަލުންނެވެ. މިއަދު އޭނާއަށް ބުނެދޭން ނޭނގޭ އެތައް އުފަލެއް ލިބިއްޖެއެވެ. ލޯބިލޯބި އާއިލާއަކާއި، ހެޔޮއެދޭ އެކުވެރިން އެބަ ތިއްބެވެ. އެއީ ބުނެދޭން ނޭނގޭފަދަ އުފާވެރި އިހުސާސެއް ކުރުވާ ކަމެކެވެ. އެކަނިވެރި ހަޔާތަކުން ފެށި ދަތުރު އެހާ އުފާވެރިވެދާނޭ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. މިއަދު ބިންޔާގެ ދިރިއުޅުމަށް ވަނީ ބަހާރު މޫސުން އައިސްފައެވެ. ދުވަހަކުވެސް އެ ދުވަސްތައް ނިމިދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ބިންޔާ މިޒްޔަލްގެ އަތުގައި ހިފައިލިއެވެ. ޝުކުރުވެރިކަމުން ފުރިގެންވީ ނަޒަރަކުން އެ މޫނަށް ބަލަން އޭނާ އޮތެވެ.

"އަހަންނަށް އާއިލާއެއް ލިބިއްޖެ... ލޯބި ފިރިއަކު ލިބިއްޖެ... މިއަދު އަހަންނަކީ ކުޑަކުޑަ ދެކުދިންގެ މަންމައެއް... ބުނެދޭންވެސް ނޭނގެ، އަހަންނަށް މިކުރެވޭ އުފާވެރި އިހުސާސް... އަލްހަމްދުލިﷲ..... މީ ހާދަ އުފާވެރި ވަގުތުކޮޅެކޭ..." ބިންޔާގެ ދެލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ.

"ބުނެދޭން ނޭނގުނަސް، ބިންޔާގެ ތި އުފާވެރިކަން އަހަންނަކަށް ސިއްރެއް ނުވޭ..." މިޒްޔަލް އޭނާގެ ދެއަތުގެ ހިމާޔަތް ބިންޔާއަށް ދިނެވެ. ދުވަހަކުވެސް އެ އަންހެން ކުއްޖާ ދޫކޮށް ނުލާނަމޭ ބުނާފަދައިންނެވެ.

(ނިމުނީ)

ނޯޓު: އަލްހަމްދުﷲ. މި ވާހަކަ ނިންމާލުގެ ތައުފީގު ދެއްވި ކަމަށްޓަކައި މާތްﷲ ގެ ކިބައަށް ހަމްދާއި ޝުކުރު ދަންނަވަން. ވާހަކަ ކުރިޔަށް ގެންގޮސް ނިންމާލެވުނީ، ތިޔަ ކިޔުންތެރިންގެ ފަރާތުން ހުއްޓުމެއްނެތި، ވާހަކައަށް ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމުގައި އުފަލާއިއެކު ފާހަގަ ކުރަން. މިފުރުސަތުގައި، ވާހަކައަށް އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން.