01 May 2023, 23:08
ކުޅުދުއްފުށީ ސިޓީގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މިއަދު މީހަކު ވެއްޓިއްޖެއެވެ.
އެ ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާ ވެއްޓުނީ ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ބުރީގެ ޝީޓުގައި އަޅައިފައިވާ އަށްޓެއް ރޫޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"މައި މަގުގައި ހުންނަ އިމާރާތެއް އެއީ. އަދި ހަމަ ހަދަމުން ދާ އިމާރާތެއް،" އޭނާ ކިޔައިދިނެވެ.
އެ މީހާ ވެއްޓުނު ވަގުތު އެ ތަނުގައި ތިބި މީހުންނާއި ފުލުހުން ގުޅިގެން އޭނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ "ސަން"އަށް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު އުޅަނބުށި ހުޅުން ނެއްޓިފައިވާ ކަމަށެވެ.
"އަތުގައި މަލްޓިޕަލް ފްރެކްޗާސް ހުރި ކަމަށް މައުލޫމާތު ލިބެނީ. އިތުރު މާ ބޮޑު އަނިޔާއެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
އޭނާއަށް މިހާރު ވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.