02 May 2023, 00:30
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފިއްލަވައިގެން ނޫޅެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި އިމްރާން ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހްމަދު ރިޟްވާނު ގެއްލުވައިލުމުގެ ހަގީގަތް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމުގެ ހެކިވެސް އޭނާގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ކުރިން އިމްރާން ހާޒިރުކޮށް ސުވާލުކުރުމުން ވިދާޅުވީ، އެ ހެކިތައް ފުލުހުން ގެންގޮސްފައިވާ ކަމަށާއި އެ ހެކިތައް މިހާރުވީ ހިސާބެއް އެނގޭނީ މޭޑޭ މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކުރި ފުލުހުންނަށް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އޭނާ ހައްޔަރުކުރީ މޫނު ނިވާކޮށްގެން ތިބި ފުލުހުން ކަމަށްވުމުން އެއީ ކޮން ބައެއްކަން ވެސް ފާހަގަ ކުރަން ނޭނގޭ ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޕްރެސްކޮންފަރެންސުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އެންމެ ފުރަތަމަ ބަލާނީ އިމްރާންގެ މައްސަލަ ކަމަށެވެ.
"އިމްރާނަށް ދަންނަވާލަން ބޭނުން ވަނީ މިއަަހަރު އަޅުގަނޑުމެން މި އަންނަނީ ވެރިކަމަށޭ. ރައީސް ޔާމީންގެ ބޮލުގައި ޑރ. އަފްރާޝީންގެ މަރުގެ ތުހުމަތު އެޅުވި މައްސަލަ ޕީޕީއެމްގެ ވެރިކަމުގައި އެންމެ ފުރަތަމަ ބަލާނީ. ގާނޫނު އަރާ އިމްރާނާ ހަމަ ކުރާނެ،" އަދުރޭ ވިދާޅުވިއެވެ.
މޭޑޭގައި ދެއްކި ވާހަކައަކީ ސިޔާސީ ގޮތުން ދެއްކި ވާހަކައެއް ކަމަށް އިމްރާން އިއުތިރާފްވެފައިވާ ކަމަށް ވިދާޅުވަމުން އަދުރޭ ވަނީ ސިޔާސީ ގޮތުން މީހުންގެ މަރުގެ ތުހުމަތު އެހެން މީސްމީހުންގެ ބޮލުގައި އަޅުވަން އިމްރާނަށް ހުއްދަ ދިނީ ކޮން ގާނޫނަކުންތޯ ސުވާލު ކުރައްވާފައެވެ.
އިމްރާނަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުން އަދުރޭ ސަރުކާރަށް ގޮވާލެއްވީ މިހާރުން މިހާރަށް ހޯމް މިނިސްޓަރުކަމުން އިމްރާން ވަކި ކުރުމަށެވެ.
"ރައްޔިތުންގެ މައްޗަށް އެހާ އަނިޔާވެރި، އެހާ މުނާފިގު މީހަކު ގައުމެއްގެ ހޯމް މިނިސްޓަރުކަމުގައި ބަހައްޓަން ހެޔޮ ނުވާނެ. ސަރުކާރަށް މި ގޮވާލަނީ އިމްރާން މިހާރުން މިހާރަށް މަގާމުން ވަކި ކުރަން،" އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އަދުރޭ ވިދާޅުވީ މި ވެރިކަން މިހާރު ނިމިފައިވާ ކަމަށާއި ދިވެހި ރައްޔިތުންގެ މަސައްކަތުން ދެން މި ގައުމުގެ ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީން ކަމަށެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަޙުމަތުން ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާ ކުރެވުނު މަސައްކަތުން ކަމަށެވެ. އަދި އަނިޔާވެރިންނާއި އަނިޔާ އަށް ތާއީދު ކުރާ މީހުން ގަބޫލު ނުކުރިޔަސް މޭ ޑޭ މުޒާހަރާއަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.