01 May 2023, 22:44
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހަތް ވަޒީފާއަކަށް ދިވެހިން ހޯދަން އިއުލާނުކޮށްފިއެވެ.
އެގޮތުން އެ ކުންފުނިން ދިވެހިން ހޯދަން އިއުލާނުކޮށްފައިވާ ވަޒީފާތަކަކީ:
ސާވިސް އެސިސްޓެންޓް:
މި ވަޒީފާއަށް ހޯދަން އިއުލާނުކޮށްފައިވަނީ ދެމީހުންނެވެ. ވަޒީފާ އަދާކުރަންޖެހޭ ތަނަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ޒޯން އެކެއް، ހއ. ހޯރަފުށި އަދި އަދި ށ، ބިލެއްފަހީގައެވެ. ވަޒީފާގެ ޝަރުތަކީ މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުމެވެ. މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 00:00ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން އެމްޓީސީސީން އެދެއެވެ.
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް:
މި ވަޒީފާއަށް ހޯދަން އިއުލާނުކޮށްފައިވަނީ އެންމެ މީހެކެވެ. ވަޒީފާ އަދާކުރަންޖެހޭ ތަނަކީ އެމްޓީސީސީގެ ޕްރޮޕަޓީ މެނޭޖްމެންޓް ޑިޕާޓްމެންޓްގައެވެ. މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި އެމްއެންކިއުއެފް ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ
ޖީސީއީ އޯލެވެލް ފަސް މާއްދާއިން ފާސްވެފައިވުމާއިއެކު އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މި ވަޒީފާއަށް ޝައުޤުވެރިވާ މީހުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އަންނަ ހުކުރު ދުވަހުގެ 00:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން އެމްޓީސީސީން އެދެއެވެ.
ޕްރޮޖެކްޓް އެސިސްޓެންޓް:
މި ވަޒީފާއަށް ހޯދަން އިއުލާނުކޮށްފައި ވަނީ އެންމެ މީހެކެވެ. މި ވަޒީފާއަށް ޝަރުތު ހަމަވާނީ ޖިސީއީ އޯލެވެލް ތިން މާއްދާއިން ފާސްވެފައިވެފައި ވާނަމަ ނުވަތަ އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައި ވާނަމައެވެ.
އަދި ވަޒީފާއަށް ކުރިމަތިލާ މީހަކީ، މައިކްރޯސޮފްޓް އޮފީސް ޕެކޭޖްސްތަކަށް އަހުލުވެރި މީހަކަށް ވާންޖެހޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލުމުގެ ފަހު ވަގުތަކީ އަންނަ ހުކުރު ދުވަހުގެ 00:00ގެ ނިޔަލަށެވެ.
އިންވެންޓޮރީ އޮފިސާ:
މި ވަޒީފާއަށް ހޯދަން އިއުލާނުކޮށްފައި ވަނީ އެންމެ މީހެކެވެ. ވަޒީފާ އަދާކުރަން ޖެހޭނީ، ހ. ސޯމިލްގެ ޓްރޭޑިން ޑިވިޝަންގައެވެ. މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، އެކައުންޓިން ފަދަ މަގާމާ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް ހައެއް ނުވަތަ ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަދުވެގެން އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެކައުންޓިން ފަދަ މަގާމާ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް ފަހެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީސީއީ އޯލެވެލް ތިން މާއްދާއިން ފާސްވެފައިވުމާއެކު ހަތަރު އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މި ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ހުކުރު ދުވަހުގެ 00:00ގެ ނިޔަލަށެވެ.
އެކައުންޓްސް ރިސީވަބަލްސް މެނޭޖާ:
މި ވަޒީފާއަށް ވެސް ހޯދަން އިއުލާނުކޮށްފައި ވަނީ އެންމެ މީހެކެވެ. ވަޒީފާ އަދާކުރަން ޖެހޭނީ އެމްޓީސީސީ ޓަވަރުގެ އެކައުންޓްސް ޑިވިޝަންގައެވެ. ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އެކައުންޓިންއާ ގުޅުން ހުރި ދާއިރާއަކުން އެމްއެންކިޔުއެފް ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ. މި ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ހުކުރު ދުވަހުގެ 00:00ގެ ނިޔަލަށެވެ.
މެރިން އިންޖިނިއާ:
މި ވަޒީފާއަށް ހޯދަން އިއުލާނުކޮށްފައި ވަނީ އެންމެ މީހެކެވެ. މަސައްކަތް ކުރަންޖެހޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޑްރެޖަރުތަކުގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގައެވެ. ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއިން މެރިން އިންޖިނިއަރިން ނުވަތަ މި ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ ޑިޕްލޮމާއިން މެރިން އިންޖިނިއަރިން ހާސިލްކޮށްފައިވުމާއެކު މެރިން ވެސެލްތަކުގެ ރިޕެއާ އަދި މެއިންޓެނެންސް ދާއިރާގައި ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ނުވަތަ މެރިން ވެސެލްތަކުގެ ރިޕެއާ އަދި މެއިންޓެނެންސް ދާއިރާގައި ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއި ހައިޑްރޯލިކް އަދި ނިއުމެޓިކް ސިސްޓަމްތަކަށް އަހުލުވެރިވުން ހިމެނެއެވެ. މި ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ހޮނިހިރު ދުވަހުގެ 00:00ގެ ނިޔަލަށެވެ.
ސައިޓް ސުޕަވައިޒާ:
މި ވަޒީފާއަށް ހޯދަން އިއުލާނުކޮށްފައި ވަނީ، ޑްރެޖާގެ އޮޕަރޭޝަން ކުރިއަށްދާ ސައިޓެއްގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވަޝަންގައި މަސައްކަތް ކުރާނެ ހަތަރު މީހުނާއި ކުންފުނިން ކަނޑައަޅައި ޕްރޮޖެކްޓް ސައިޓެއްގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގައި މަސައްކަތް ކުރާނެ ހަތް މީހުންނެވެ. މި ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ހޮނިހިރު ދުވަހުގެ 00:00ގެ ނިޔަލަށެވެ.
މި ވަޒީފާތަކަށް އެދި ހުށަހަޅާނީއެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލްމެދުވެރިކޮށެވެ. އަދި ވަޒީފާއާ ބެހޭ އިތުރު މައުލޫމާތުއެމްޓީސީސީގެ ވެބްސައިޓްމެދުވެރިކޮށް ލިބޭނެއެވެ.
ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައިކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މަގާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އާއި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އިންޓަވިއުއަށް ދައުވަތު ދޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.