01 May 2023, 22:04
ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތެއްކަމަށްވާ އިންޑިއާ ފަސްޓް ޕޮލިސީން ރާއްޖެއަށް އަމާންކަން ކަށަވަރުކޮށްދޭކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ސްރީ ރާޖްނާތު ސިންގް ރާއްޖެއަަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު މިރޭ މިނިސްޓަރު މާރިޔާވަނީ ރާޖްނާތުގެ ޝަރަފުގައި ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފައެވެ.
މި ހަފުލާ ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި މާރިޔާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ވަަރަށް ބޮޑަށް ބަދަހިވެފައިވާކަމަށެވެ.
"ޒަމާނުއްސުރެ ރާއްޖެ ގެންގުޅުނު އިންޑިއާ ފަސްޓް ޕޮލިސީ އާއި އިންޑިއާ ބޮޑުވަޒީރު ހިޒް އެކްސެލެންސީ މޯދީގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައިވާ ދުވަސްވީ ލާމަސީލު ގުޅުން ދަނީ ރައީސް [އިބްރާހީމް މުޙައްމަދު] ޞާލިޙާއި އިންޑިއާ ބޮޑުވަޒީރު [ނަރެންދުރަ] މޯދީގެ ޒައާމަތުގައި އިތުރަށް ފުޅާވެ ދެގައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި މި ސަރަޙައްދަށް އަމާންކަން ކަށަވަރުކޮށްދެމުން،" މާރިޔާ ވިދާޅުވިއެވެ.
އެއާއެކު ރާއްޖެއާއި އިންޑިއާ ހިމެނޭ އިންޑިއާ ކަނޑުގެ ތެރޭގައި ހިނގާ ނުރައްކާތަކުން ދެ ގައުމުގެ ސަލާމަތް ކަށަވަރުކުރުމަށް ސަރަހައްދު ބެލެހެއްޓުމަށް ދެ ގައުމުގެ މައްޗަށް އޮތް ޒިންމާ ބޮޑުކަމަަށް މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުނިޔެ ތަރައްގީވަމުން އަންނައިރު ޑިޖިޓަލް ވިއުގަ ތެރެެއިން ކުރާ ކުށްތަކުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން ދެ ގައުމު، އަޅުގަނޑުމެންގެ މި ދެ ދައުލަތް ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތް ކޮށްފިނަމަ، މި ގޮންޖެހުންތަކާއި ކުރިމަތިލައި، އަޅުގަނޑުމެން ބޭނުންވާ ގިނަގުނަ ލަނޑުދަނޑިތައް ހާސިލުކުރެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކައިގައިވަނީ ފާއިތުވި ހަަތަރު އަހަރު އެ ކަމަނާއަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތާއެކު ކުރެވުނު ބައެއް މަސައްކަތްތަކާ ގުޅޭ ތަޖުރިބާ ވެސް ހިއްސާކުރައްވައިފައެވެ.
އެގޮތުން މުޚާތަބުކުރެއްވުމުގައި ގާތްކަން އިސްކުރައްވައި ކަމަށް ވިދާޅުވިއެވެ.
"އެގޮތުން ދިމާވާ ދިމާވުމުގައި މަނިކުފާނު އަޅުގަނޑަށް މުޚާތަބު ކުރައްވާ އިރު "ދީދީ" އޭ ވިދާޅުވެ، އެއީ ހިންދީ ބަހުން "އުޚްތު" ކަމަށް ވިދާޅުވެ އެގޮތުގައި އަޅުގަނޑާ މުޚާތަބު ކުރައްވާފައިވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއިން އަޅުގަނޑުމެންގެ ދެ ގައުމު އަދި ދެ ސަރުކާރު ދެމެދުގައި އޮންނަ ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށް ދިނުމުގެ އިތުރުން އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައިވާ އަޚްވަންތަ ގުޅުން ވެސް ވަރަށް ރަނގަޅަށް ސިފަކޮށްދޭ،" މާރިޔާ ވިދާޅުވިއެވެ.
އެއާއެކު މީގެ ކުރީގެ ތާރީޚުން ފެށިގެން ވެސް ދެ ގައުމުގެ ގުޅުން ބިނާވަމުން އަންނަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ދެ ގައުމު ގުޅިގެން ދިފާއީ ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ހޯދައިފައިވާކަމަށް ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އުންމީދަކީ ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިތުރަށް ދެ ގައުމުގެ ގުޅުން ބަދަހިވުން ކަމަށެވެ.
ރާޖްނާތުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ކައުންޓާ ޓެރަރިޒަމާއި، ޑިޒާސްޓާ މެނޭޖްމަންޓާއި، ސައިބާ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.
ހަމައެއާއެކު މިއަދު ހަވީރު މާރިޔާގެ އަރިހަށް ރާޖްނާތު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ވެސް ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރިއެެވެ.
އެގޮތުން، ދިފާޢީ އަދި އިޤްތިޞާދީ ދާއިރާއިން ގާބިލްކަން އިތުރުކުރުމާއި، ދެގައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި އެއްބަޔަކު އަނެއް ބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައި ވެސް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެ ގައުމުން ވެސް ދެއްވާފައިވެއެވެ.