24 Apr 2012, 16:16
ނައިބު ރައީސް ކަމަށް އައްޔަން ކުރައްވާ މުހައްމަދު ވަހީދުންދީން (ޑީން) އާއި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާތީ މާދަމާގެ ޖަލްސާ ވޯކްްއައުޓް ކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.
އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕުން މިއަދު މަޖިލީހުގައި ބޭއްވި ނިއުސް ކޮންޕަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ވަޒީރުންނަށް ރުހުންދޭން ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބައިވެރިނުވަނީ އެ ޖަލްސާއަކީ ޣައިރު ގާނޫނީ ޖަލްސާއަކަށް ވާތީ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، އުފެދުނު އާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާފައި ވަނިކޮށް، ވަޒީރުންނަށް ރުހުން ދިނުމަކީ އެއްވެސް ގާނޫނީ ހައިސިއްޔަތެއްގެ މައްޗަށް ބުރަވެގެން ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ގާނޫނާއި ގަވާއިދާ ހިލާފަށް މީގެ ކުރިން ވެސް ވަނީ ބާއްވަމުން ގެންގޮސްފައި. މިއީ އެގޮތުން ބޭއްވޭ އިތުރު ޖަލްސާއަކަށް ވާތީ އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ އެ ޖަލްސާގައި ބައިވެރިނުވުމަށް،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ތިން ވަނަ ފަހަރަށް ހޮވިވަޑައިގެންފައިވާ އިބޫ ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށްދިނުމަށް އެދި އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕުން އެދިފައިވާ މައްސަލައިގެ ޖަވާބެއް އަދި މީހާތަނަކަށް ނުލިބޭ ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އެ މައްސަލަ އަށް މަޖިލީހުގެ އިދާރާ އިން ޖަވާބެއް ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަަމަށް އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ރައީސް އަލީ ވަހީދު ވިދާޅުވީ މާދަމާގެ ޖަލްސާ އެމްޑީޕީ ވޯކައުންޓް ކުރުމަކީ ޕާލަމެންޓްރީ ގްރޫޕުގެ ކެތްތެރިކަމާއި ހިތްވަރު ގަދަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ވަޒީރުންނަށް ރުހުންދިނުމުގެ ޖަލްސާ ކުރިއަށްދާ އިރު އެމްޑީޕީގެ މެންބަރުންގެ ކެތްތެރިކަން ދެއްކުމަށް އަލީ ވަހީދު ގޮވާލެއްވި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވި ގޮތާ މެދު ތަހުގީގެއް ކުރަން ބޭނުންވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެ، އެ މަސައްކަތް ފެށުމަކީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އެކަން ގަބޫލުފުޅު ކުރައްވާ އިރު އާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ދެއްކުމަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން ނުވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"އަމިއްލަފުޅަށް ކޮމިޝަނެއް އުފައްދަވައިފި ބަޣާވާތެއްތޯ ނުވަތަ ނޫންތޯ ބަލަން. އެހެންވީމަ އެގެއިން އަޅުގަނޑުމެންނަށް އެބަ އިނގޭ އަމިއްލަފުޅަށް ވެސް ގަބޫލުފުޅު ކުރައްވާކަން މިއީ ގޮތް ނޭނގޭ ސަރުކާރެއް ކަމަށް. މިއަދު ސަރުކާރެއްގެ ވަޒީރުންނަށް ރުހުންދިނަށް އެ ސަރުކާރަކުން މަޖިލީހަށް ބިލް ވައްދާނެ ގޮތެއްވެސް ނެތް. އެއީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ނެތުމުން،"