ޖުޑިޝަލް ސާވިސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ޤާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ މެދު މަޖިލީހުން ވަކި ގޮތަކަށް ނިމެންދެން ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްތައް ހުއްޓާލެއްވުމަށް ޖޭއެސްސީއަށް އެންގުމަށް އެދިވަޑައިގެން އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އައިޝަތު ވެލިޒިނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ވެލިޒިނީ ފޮނުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ ޤާނޫނު އަސާސީ އާއި ޤާނޫނާ ހިލާފަށް ކަމަށެވެ. އަދި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތައް ނިގުޅައިގަނެވޭނެ ފަދަ ގޮތަކަށް، ޤައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާގެ ކުރިއަށް މަދުބަޔެއްގެ އަމިއްލަ މަސްލަހަތުނެރި، ޤާނޫނު އަސާސީގެ 285 ވަނަ މާއްދާ އާއި ޖުޑިޝަލް ސާވިސް ކޮމިޝަނާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ އަވަހަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެންގެވުމަށް ވެސް އެ ސިޓީގައިވެ އެވެ.


ވެލިޒިނީ މިއަދު ވިދާޅުވީ ޖޭއެސްސީން ކަންތައްތައް ކުރަމުން ގެންދަނީ އެކޮމިޝަންގައި ހިމެނިވަޑައިގެންނަވާ ވަކި ބައެއްގެ ނުފޫޒުން ޤާނޫނާ އަސާސީ އާއި ޤާނޫނާ ވެސް ހިލާފަށް ކަމަށެވެ. އަދި އެމައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށް، ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތްތައް އެކޮމިޝަނުން ކުރަމުންދަނީ އެކަމާ ބެހޭ އެކަށީގެންވާ މައުލޫމާތު ހުރިހާ މެންބަރުންނަށް އެނގުމަކާ ނުލައި ކަމަށްވެސް ވެލިޒިނީ ވިދާޅުވި އެވެ.


ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޤާނޫނު އަސާސީއާއި ޤާނޫނާއި ހިލާފަށް ކަމަށް އެކޮމިޝަނަށް ރައީސް އައްޔަން ކުރައްވާފައިވާ މެންބަރުން ވިދާޅުވަމުންދާއިރު އެކޮމިޝަންގެ ރައީސްއާއެކު އިތުރު ބައެއް މެންބަރުން ވިދާޅުވެފައިވަނީ ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތް އެކޮމިޝަނުން ކުރަމުންދަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތަކަށް ކަމަށެވެ.