01 May 2023, 20:47
ރުއްރުކަށް ބައްޔެއް ޖެހި، ކާށި ލިބުން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ގެނައި 5،000 ރުއް ބަހަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނެފިއެވެ.
ބޭރުން 5،000 ރުއް ގެންނަން ނިންމީ ރާއްޖޭގެ ރުއްރުކަށް ބައްޔެއް ޖެހިގެން ކުރުނބާ އާއި ކާށި ލިބުން ދަތިވެފައިވާތީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ ގެނައި ރުއްތައް މިވަގުތު ހުރީ މިނިސްޓްރީގެ ބެލުމުގައި ދަށުގައި ކަރަންޓީނުކޮށްފައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަންނަ ހަފުތާގައި ރުއްތައް ރަށްރަށަށް ބަހަން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހަތް އަތޮޅެއްގެ 11 ރަށަކަށް ރުއްތައް ބަހަން ނިންމަވާފައިވާކަމަށެވެ. އަދި ރުއް ބެހުމުގެ މަސައްކަތް މިމަސް ތެރޭގައި ނިންމާލެވޭތޯ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"މި ރުއްތައް މިހާރު ހުރީ ހަނިމާދޫގައި ކަރަންޓީނުކޮށްފައި. ރުއްތައް ބަހަން ފެށުމުގެ ކުރިން އެއްވެސް ބައްޔެއް ހުރިތޯ މިނިސްޓްރީން ބަލައި ޔަގީން ކުރާނެ،" އޮފިޝަލް ވިދާޅުވިއެވެ.
މިނިސްޓްރީގެ ބެލުމުގެ ދަށުން ތިން ބުރަކަށް ބަހާލައިގެން އަތޮޅުތެރޭގެ ރަށްރަށަށް ރުއްތައް ބެހުމަށް ނިންމާފައިވާ އިރު އޮފިޝަލް ވިދާޅުވީ ރުއްދަނޑު އިންދުމާ ގުޅޭ މަސައްކަތްތައް ކުރަމުން ގެންދާނީ ވަކި ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ.
އިތުރަށް އޮފިޝަލް ވިދާޅުވީ އެކި ރަށްތަކަށް ބަހާލުމަށް ނިންމާފައިވާ ކުދި މި ރުއްތަކުން ރަށުގައި ހުރި އެހެން ގަސްގަހާގެއްސަށް ބައްޔެއް ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކުގެ ރުއްތަކަށާއި ގަސްތަކަށް ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަމަށް ސަމާލުވާން ފިޝަރީޒް މިނިސްޓްރީން މި އަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ އިލްތިމާސްކޮށްފައެވެ.
އެމިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރުއްތަކަށާއި ގަސްތަކަށް ހަލުވި ކަމާއެކު ފެތުރެމުން ދަނީ ދިރޭ ސުއިއްޕެއްގެ ސަބަބުން ޖެހޭ ބައްޔެއްކަމަށެވެ. އަދި އެ ބަލީގެ ސަބަބުން "ސޫޓީމޯލްޑް" ނަމަކަށް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުންދާކަން ފާހަގަކުރެފައިވާ ކަމަށް އިއުލާނުގައިވެއެވެ.