01 May 2023, 18:46
ކައުންޓާޓެރަރިޒަމާއި، ޑިޒާސްޓާ މެނޭޖްމަންޓާއި، ސައިބާ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން މިއަދު އެއްބަސްވެއްޖެއެވެ.
މިފަދައިން އިންޑިއާއިން އެއްބަސްވެފައި ވަނީ، އިންޑިޔާގެ ދިފާއީ ވަޒީރު ޝްރީ ރާޖްނާތު ސިންގް މިއަދު ރާއްޖެ ވަޑައިގަތުމަށް ފަހު، ދިފާއީ ވަޒީރު މާރިޔާ ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ.
ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ދިފާޢީ ވަޒީރުގެ ނައިބު ޙަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުލް ލަތީފް ބައިވެރިވެލެއްވިއެވެ.

އިންޑިޔާގެ ދިފާއީ ވަޒީރު ޝްރީ ރާޖްނާތު ސިންގް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ ދީދީގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން --
މި ބައްދަލުވުމުގައި ދެގައުމުގެ ދިފާއީ ވަޒީރުން ވަނީ ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި، ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ސަރަޙައްދުގެ ސުލްޙަވެރިކަމާއި، ހަމަޖެހުމާއި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ވަޒީރުން ވެސް ފާހަގަ ކުރެއްވި އަނެއް ކަމަކީ، ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުންދާ ކާމިޔާބީއެވެ.
މީގެ އިތުރުން، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި، ގަވާއިދުތަކަށް އިޙްތިރާމް ކުރުމާއި ދެ ގައުމު ގުޅިގެން ގާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިންޑިޔާގެ ދިފާއީ ވަޒީރު ޝްރީ ރާޖްނާތު ސިންގް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ ދީދީގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން --
އެ ބައްދަލުވުމުގައި މާރިޔާ ދީދީ ވަނީ، އިންޑިޔާ އިން ދިވެހި އަސްކަރިއްޔާއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
އެގޮތުން، ދިފާޢީ އަދި އިޤްތިޞާދީ ދާއިރާއިން ގާބިލްކަން އިތުރުކުރުމާއި، ދެގައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި އެއްބަޔަކު އަނެއް ބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައިވެސް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެ ގައުމުން ވެސް ދެއްވާފައިވެއެވެ.
ޝްރީ ރާޖްނާތު މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައި ވަނީ މިނިސްޓަރު މާރިޔާގެ ދަޢުވަތަކަށެވެ. ތިން ދުވަހުގެ މުއްދަތަށް ޝްރީ ރާޖްނާތު ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.
މިއަދު ހަވީރު ޝްރީ ރާޖްނާތު ވަނީ، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާއަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. އެތަނުން އޭނާއަށް މަރުޙަބާ ދެންނެވީ، މިނިސްޓަރު މާރިޔާ އެވެ.

އިންޑިޔާގެ ދިފާއީ ވަޒީރު ޝްރީ ރާޖްނާތު ސިންގް ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން --
އެ ޒިޔާރަތުގައި، ޝްރީ ރާޖްނާތުއަށް ވަނީ އޮނާ ގާޑެއް އަރުވާފައެވެ. އޭނާ ވަނީ ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދުންނަށް އިޙްތިރާމް އަދާކުރައްވައިފިއެވެ.
މި ޒިޔާރަތުގައި އެމަނިކުފާނުގެ ހާޒިރުގައި ދިދަވެރިން، ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކޮށް، ޝަހީދުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.
މި ދަތުރުފުޅަކީ، ޝްރީ ރާޖްނާތު އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ޒަމާންވީ ދިފާއީ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.