01 May 2023, 21:51
އަންނަ ބުދަ ދުވަހުން ފެށިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެމްއެޗް)ގައި ލެޕަރޮސްކޮޕިކް ސާޖަރީގެ ޚިދުމަތް ހިމެނޭހެން އިތުރު ޚިދުމަތެއް ފަށަން ތައްޔާރުވެއްޖެއެވެ.
އެ ހޮސްޕިޓަލުން ބުނީ އަލަށް ތައާރަފްކުރަން ތައްޔާރުވެފައިވާ ދެ ޚިދުމަތަކީ ވެސް އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށް ދޭ ޚިދުމަތްތަކެއް ކަަމަށެވެ.
އެގޮތުން އަލަށް އެ ހޮސްޕިޓަލުގައި ފަށަން ދެން ނިންމައިފައިވަނީ، ފަސޭހަ ނުވެ ދިގު މުއްދަތަކަށް ހުންނަ ފާރުގަނޑުތައް ފަސޭހަކުރުމަށް އެޑްވާންސްޑް ވޫންޑް ކެއާ ކްލިނިކެކެވެ.
ލެޕެރޮސްކޮޕިކް ސާޖަރީއަކީ ބަނޑު ނުހުޅުވައި، ބަނޑުގައި އަޅައި ލޯވަޅަކުން ކުރާ ސާޖަރީއެކެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އޭއެސްއެމްއެޗްގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވީ އެ ޚިދުމަތް ފަށަން ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ކުރަމުން އައިކަމަށެވެ.
ޖަރުމަނު ބްރޭންޑެއްކަމަށްވާ އެމްނޮޓެކްސްގެ ލެޕްރޮސްކޮޕިކް މެޝިނާއި އިންސްޓްރުމަންޓުތައް އެ ހޮސްޕިޓަލަށް ލިބުނީ މާޗު މަހުގެ ތެރޭގައެވެ. އެއާއެކު މެޝިނު އެސެމްބަލްކޮށް ޚިދުމަތް ފަށަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަނީ ވެފައެވެ.
އަދި އެ ހޮސްޕިޓަލުގައި ކުރާ އެންމެ ފުރަތަމަ ލެޕްރޮސްކޮޕިކް ސާޖަރީއަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް މާދަމާ ގދ. ތިނަދޫއަށް ދާނެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އަލަށް ފަށާ ޚިދުމަތަށް ބޭނުންކުރާ ބައެއް ތަކެތި -- ފޮޓޯ/ އޭއެސްއެމްއެޗް
"ދެން އެ ޓީމުގައި ހިމެނެނީ އައިޖީއެމްއެޗުގެ ޖެނެރަލް ސާޖަރީ ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުންނާއި ހޭނެއްތުމަށް ޚާއްސަ ޑޮކްޓަރަކާއި ނަރުހެއް. ހުކުރު ދުވަހު ދަތުރު ނިންމައިލާނީ. އޭގެ ކުރިން އޮޕަރޭޝަން ޑޮކްޓަރުންނަށް ދައްކަންވެފައި ތިބި ޕޭޝަންޓުން ބެލުމަށް ހަމަޖެހިފައިވަނީ،" ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވި ގޮތުގައި ދެން އޭއެސްއެމްއެޗުން ފަށާ ވުންޑް ކެއާގެ ޚިދުމަތަކީ ވެސް އެ އަތޮޅުގެ އެއްވެސް ރަށެއްގައި އަދި ދޭ ޚިދުމަތެެއް ނޫނެވެ. އެގޮތުން ފަސޭހަވުމަށް ދިގު މުއްދަތެއް ނަގާ ފާރުގަނޑުތައް ހުންނައިރު އެ ކަމަށް ފަރުވާ ލިބޭނެ ގޮތެއް ނެތުމަކީ ބޮޑު ދައްޗެއްކަމަށް ސާލިމް ވިދާޅުވިއެވެ.
"ޚާއްސަކޮށް މިފަދަ ކަމެއް ކުރިމަތިވެފައިވާ މީހާއަކީ އާއިލާއެއްގައި ހުންނަ ހަމައެކަނި އާމްދަނީ ހޯދާ މީހާއަށްވާނަމަ އޭގެ ސަބަބުން މުޅި އާއިލާއަށް ކުރިމަތިލާންޖެހޭ ނިކަމެތި ހާލު ނިކަން ވަޒަންކޮށްލައްވާ،" ސާލިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކްލިނިކުގެ މަސައްކަތް ކުރިއަށްދާނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވުންޑް ކެއާ ކްލިނިކްގެ އެހީއާއެކުގައެވެ. އެ ކްލިނިކުގެ ކަންކަން އައިޖީއެމްއެޗުގެ ޑިޕާޓްމަންޓް އޮފް ސާޖަރީގެ ހެޑް ޑރ. މުހައްމަދު ވަހީދު ބައްލަވާނެއެވެ.
ކްލިނިކުގައި އެ ކަމަށް ފަރުވާ ދިނުމަށް ބޭނުންކުރާނީ ރަނގަޅަށް އެ ފާރުގަނޑެއް ބެލުމަށްފަހު އެ އަނިޔާއަކާ އެންމެ ގުޅޭ ބޭހެކެެވެ. މިއީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެތިކަމަށް ވުމުން އެ އަބަދުވެސް ހުސްނުވެ ހުންނާނެހެން ސްޓޮކްކުރާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ އަލަށް ފަށާ މި ދެ ޚިދުމަތަކީ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި ފަށާ ޚިދުމަތްތަކެއްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އެންމެ ޒަމާނާ އެކަށޭނެ ފެންވަރުގައި ދިނުމަށް ކުރާ މަސައްކަތެއްކަމަށެވެ.