24 Apr 2012, 16:16
މިދިޔަ ހޮނިހިރު ދުވަހު ވެލެންސިޔާ އަތުން 1-0 ލަނޑުން ބަލިވި ނަމަވެސް، ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އޭވައިއެލް އިން ބުރަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަމުން އާތީ ބުނީ، ވެލެންސިޔާއާ ދެކޮޅަށް ނިކުތްއިރުވެސް ޓީމް އޮތީ އެކަށީގެންވާއިރަށް ތައްޔާރު ނުވެވި ކަމަށާއި އެހެންނަމަވެސް އެކަންކަން ރަނގަޅު ކުރުމަށްޓަކައި ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންނާ މެދު މިހާރު ވަނީ މަޝްވަރާތަކެއް ކުރެވިފައި ކަމަށެވެ.
" ފުރަތަމަ މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ. އެމެޗަށް ނިކުތްއިރު ޓީމް އޮތީ އެކަށީގެން ވާވަރަށް ތައްޔާރު ނުވެވި. އެކަން އެހެންވީ މެނޭޖްމަންޓުވެސް ތަންކޮޅެއް ދޯދިޔާކޮށް ދިއުމުން. ކުޅުންތެރިންގެ ހާޒިރީވެސް ދައްވެފައިވުމާއެކު. ފިޓްނަސްލެވަލް ވެސް ހުރީ އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް ނެގިފައެއް ނޫން." އާތީ ބުންޏެވެ.
އާތީ ބުނީ، ކުރިއަށް ކުޅެން ހުރި ކޮންމެ މެޗަކީ ވެސް އޭވައެލްއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި އެގޮތުން އެމްތަކަށް ވަރަށް ފުރިހަމައަށް ތައްޔާރު ވާނެ ކަމަށެވެ. އަދި ޓީމުގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިހާރުވެސް ބިދޭސީ ދެ ކުޅުންތެރިއަކު ޓީމް ލިސްޓުގައި ޖަހާފައި ވާއިރު، އެކުޅުންތެރިން ގެނައުމުގެ މަސައްކަތް ޓީމުގެ މެނޭޖްމަންޓުން ކުރަމުން އަންނަ ކަމަށެވެ.
"ބިދޭސީ ދެކުޅުންތެރިންގެ ރިލީޒް ނުލިބިގެން މިއުޅެނީ. ހަމަ ލިބުނުހާއަވަހަކަށް އެކުޅުންތެރިން ޓީމާ ގުޅޭނެ. އެއީ ލަންކާ ދެ ކުޅުންތެރިން،" އާތީ ބުންޏެވެ.
ދިރާގް ދިވެހި ލީގުގައި ވާދަކުރާ އަށްޓީމް ވެސް، މިހާރު އެއް މެޗް ކުޅެފައި ވާއިރު، ލީގުގައި ދެން އޭވައިއެލް ނިކުންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު ނިއުރޭޑިއަންޓާ ދެކޮޅަށެވެ. މިމެޗަށް ނިކުންނައިރު ނިއު އޮތީ އެއް މެޗް ކުޅު، ފައިދާ ހަތަރު ގޯލާއެކު ލީގުގެ އެންމެ ކުރީގައެވެ.