01 May 2023, 16:24
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދީފައިވަނީ ފަސް މީހުން ހިމެނޭ ގްރޫޕަކުން ކަން އެނގިއްޖެއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މެންބަރު ޒަރީރަށް ހަމަލާދިންކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:08 ހާއިރު ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ހަމަލާ ދީފައިވަނީ ދަންވަރު 3:30 ހާއިރުއެވެ.
ޒަރީރުގެ އަރިސް މީހަކު 'ސަން' ބުނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް އޭނާއަށް ހަމަލާ ދީފައިވަނީ ފަސް މީހުން ހިމެނޭ ގްރޫޕަކުން ކަމަށެވެ. އަދި, އެ ފަސް މީހުން ތިބީ މޫނު ނިވާކޮށްގެން ނޫން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
އާންމުކޮށް ހަބީބީ ކޭފާއަށް ވަޑައިގަންނަވާ ޒަރީރުގެ ދަށްބޮލުގައި މަރުތޭލައަކުން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ފޭބި ކަމަށް ވެސް އޭނާ ބުންޏެވެ. ބޮލުގައި ޖެހުމަށް ފަހު މެންބަރުގެ ގައިކޮޅަށް ވެސް އެ މީހުން ހަމަލަ ދީފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
ހަމަލާއަށް ފަހު މާ ގިނައިރުތަކެއް ނުވެ މެންބަރު ޒަރީރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައެވެ. އެނގިފައިވާ ގޮތުގައި ޒަރީރަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާއަށް އަދި ވަނީ ރަނގަޅަށް ވާހަކަ ދެއްކޭ ގޮތް ނުވެފައެވެ. އެހެންކަމުން ހަމަލާގެ ތަފުސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.