01 May 2023, 15:34
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގް، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ޝްރީ ރާޖްނާތު ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ ދަޢުވަތަކަށް ކަމަށެވެ. ޝްރީ ރާޖްނާތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ މިނިސްޓަރު މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ތިން ދުވަހުގެ މުއްދަތަށް ޝްރީ ރާޖްނާތު ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓަރުގެ މިދަތުރުފުޅުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ޙަވާލު ކުރާނެ ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީން ބުނީ، އޭގެ އިތުރުން، އުތުރުތިލަފަޅުގައި ގާއިމްކުރާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބަނދަރާއި ޑޮކްޔާޑުގެ މަސްރޫޢު އިފްތިތާޙް ކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްއަށް ލޭންޑިންގް ކްރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ހަދިޔާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޝްރީ ރާޖްނާތުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.
މި ދަތުރުފުޅަކީ، ޝްރީ ރާޖްނާތު އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ޒަމާންވީ ދިފާއީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.