01 May 2023, 17:52
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3ގެ އިސްތަށިފުޅުގައި އެގައުމުގެ ރަސްކަމުގެ ތާޖު އެޅުވުން ނުވަތަ ތަޚުތުގައި ރަސްމީކޮށް ވެޑުވުން, އިނގިރޭސި ބަހުރުވައިން ބުނާނަމަ "ކޮރޮނޭޝަން އޮފް ޗާލްސް އެންޑް ކެމީލިއާ"ގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހު ވެސްޓްމިނިސްޓާ އަބޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޗާލްސް 3 ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ކަންތައްތައް ލަންޑަންގައި ބާރަށް ކުރިޔަށްދާއިރު ކިންގް ޗާލްސްގެ އަމިއްލަފުޅު ބައެއް ހީކުރުންތަކާއި އޭނާގެ ޝަޚްސިއްޔަތުގެ މައްޗަށް ބަލާލުން މުހިއްމެވެ. އިނގިރޭސިވިލާތުގެ ޝާހީ އާދަތަކާއި އުސޫލުތަކަށް ބަލާއިރު އެގައުމުގެ ރަސްކަލަކު ނޫނީ ރާނީ އަކު ކޮރޮނޭޓް ކުރުމަކީ ރަސްމީގޮތުން ރަސްކަމަށް އިސްކުރުމެވެ. އޭގެކުރިން އެފަދަ ބޭފުޅަކު މަގާމުގައި ހުންނެވިނަމަވެސް އެހުންނަނީ ރަސްމީގޮތުން އިސްތަށިފުޅުގައި ރަސްކަމުގެ ތަޖު ނާޅުވައެވެ. އިނގިރޭސި ރަސްގެފާނުގެ ކިބައިގައި ރަސްކަމުގެ ހުރިހާކަމެއް ފުރިހަމަވަނީ ރަސްމީކޮށް އިސްތަށިފުޅުގައި ރަސްކަމުގެ ތާޖުވެސް އަޅުވައިގެންކަމަށް އިނގިރޭސީން ދެކެއެވެ.
ތިރީގައި މިވަނީ ކިންގް ޗާލްސްއާބެހޭ އަޖައިބު ކުރަނިވި ބައެއް ހަގީގަތްތަކެކެވެ. ޗާލްސްގެ އަމިއްލަފުޅު ބައެއް ބޯދާ ހީކުރުންތަކާއި އޭނާގެ ދިރިއުޅުއްވުން ހުންނަގޮތާއި ލޯބިކުރައްވާ ތަކެއްޗާއި ޗާލްސްގެ ސިއްރުތަކާއި އޭނާ ކެއުމަށް ލޯބިކުރައްވާ ތަކެތީގެ ހަގީގަތްފަދަ ހަގީގަތްތަކެކެވެ. ދާދިފަހުންވަނީ ކިންގް ޗާލްސްގެ ހަޔާތްޕުޅާބެހޭގޮތުން ފޮތެއް ލިޔުއްވާފައެވެ. އެފޮތުގެ ނަމަކީ "ޗާލްސް ދަ ތާޑް... އަންލަވްޑް" އެވެ. މިފޮތުގައި ޗާލްސްއާބެހޭ ވަރަށް އަޖައިބު ކުރަނިވި ވާހަކަތައް ހިމެނެއެވެ. އެފޮތުގައިވާ ގޮތުން:
1- ޗާލްސްއަކީ ވަރަށް ބޮޑަށް ޖިންނި ވަސްވާސްވެރިކަން ގަބޫލުކުރައްވާ އަދި އެކަހެރި ހިމޭން ދިރިއުޅުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. ޗާލްސްގެ ރަސްމީ ގަނޑުވަރަކީ ބަކިންހަމް ޕެލަސް ކަމަށްވިޔަސް އޭނާ ވަރަށް ފަހަކާ ޖެހެންދެންވެސް ދިރިއުޅުއްވީ އިނގިރޭސިވިލާތުގެ ރަށްފުށުގެ ސަރަހައްދެއްގައި ހުންނަ ޝާހީ ގަނޑުވަރެއްކަމަށްވާ "ހައިގްރޫވް މެންޝަން" ގައެވެ. މިއީ ޗާލްސްއަށް އެންމެ ކަމުދާ ގަނޑުވަރުކަމަށްވެއެވެ. މިތަން އޭނާ ބައްލަވައިގަތީ 1980 ވަނަ އަހަރުއެވެ. މިހާރުވެސް ޗާލްސް އާއި ކެމީލިއާ މިގަނޑުވަރަށް ވަޑައިގެން ވަރަށް ގިނައިން އެތަނުގައި އުޅުއްވާކަމަށްވެއެވެ.

ޗާލްސް އެންމެ ލޯބިފުޅުވާ ގަނޑުވަރު ކަމަށްވާ ހަައިގްރޫވް މެންޝަން
2- "ހައިގްރޫވް މެންޝަން" ގަނޑުވަރުގައި "ޕެނިކް ރޫމްސް"ގެ ނަމުގައި ކޮޓަރިތަކެއް ހުންނަ ކަމަށްވެއެވެ. އެކޮޓަރިތަކަކީ ޓެރަރިޒަމްގެ ހަމަލާ ނޫނީ ކެމިކަލް ބައިލޮޖިކަލް ހަމަލާތަކާއި ނިއުކްލިޔާ ރޭޑީއޭޝަންފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވުމަށްޓަކައި ވަނުމަށް ޚާއްސަކޮށްފައިވާ ކޮޓަރިތަކެކެވެ. މިއީ ރައްކާތެރިކަމުގެ އާލާތްތައް ވަރަށް މޮޅަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ކޮޓަރިތަކެކެވެ. މީގެ ކޮޓަރިތައް ބަކިންހަމް ޕެލަސްގައިވެސް ހުރެއެވެ. ނަމަވެސް "ހައިގްރޫވް މެންޝަން" ގައި ހުންނަ މި އެކަހެރި ކޮޓަރިތަކަކީ ޖިންނި ދރިއުޅޭ ކޮޓަރިތަކެއް ކަމަށްވެއެވެ. އެތަކެތި ބައެއްފަހަރު ފެންނަކަމަށްވެސް ޗާލްސް ގަބޫލުކުރައްވާ ކަމަށްވެއެވެ. އަދި އެތަކެތީގެ އަޑުތައް އައްސަވައި އެތަކެއްޗާއެކު ދިރިއުޅުއްވަން ޗާލްސް ލޯބިކުރައްވާ ކަމަށް ޗާލްސްއާ ބެހޭގޮތުން ފަރަންސޭސި ލިޔުންތެރިޔާ ބެޓްރޭންޑް މެޔެރ ލިޔުއްވާފައިވާ ފޮތް ބުނެއެވެ.
3- މި ފޮތުގައިވާ ގޮތުން ސިހުރާއި ކަންވެރިކަމާއި ޚުރާފާތު ނުވަތަ ސުޕަސްޓިޝަންސް އާއި ސުޕަނެޗުރަލް ކަންކަމަށް ޗާލްސް ވަރަށް ބޮޑަށް އީމާންވެވަޑައިގަންނަވައެވެ. ޗާލްސްގެ އިތުރުން އޭނާގެ އާއިލާ ކަމަށްވާ ވިންޑްސާ އާއިލާގެ ގިނަ ބޭފުޅުންވެސް މިކަހަލަ ކަންކަމަށް ވަރަށް ބޮޑަށް އީމާން ވެއެވެ. މި ފޮތުގައިވާ ގޮތުން ޖިންނިއަކީ ހުރިހާ ތަނެއްގައިވެސް އުޅޭ އެއްޗެއްކަމާއި ޚާއްސަކޮށް ފަޅުގެތަކާއި މީހުން ނޫޅޭ ކޮޓަރިތަކުގައި ޖިންނީން އުޅޭނެކަމަށް ޗާލްސް ގަބޫލުކުރައްވައެވެ. ނަމަވެސް އެސޮރުމެންނަށް ގޯނާކުރުމުން ނޫނީ އިންސާނުންނަށް ގޯނާ ނުކުރާނެކަން ޗާލްސް ގަބޫލުކުރައްވައެވެ.

ޗާލްސްގެ ރަސްމީ ގަނޑުވަރު : ބަކިންހަމް ޕެލަސް
4- ޗާލްސްގެ ޒުވާންދުވަސްވަރު ވިންޑްސޯ ކާސަލްގައި ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި އޭނާ ޖިންނީންނާ ބައްދަލުކުރައްވައި އެތަކެއްޗާއެކު ރަހްމަތްތެރިކަމުގެ ގުޅުންތައް ބޭއްވިކަމަށްވެއެވެ. މިކަމަށްޓަކައި އެދުވަސްވަރު އޭނާ ހަށި ރައްކާތެރިކަމުގެ ގޮތުން ބައެއް ކިޔެވެލިތައް ކިޔަވައި އެތަކެތި ދަސްކުރެއްވި ކަމަށްވެސް ވެއެވެ.
5- ޗާލްސް ބައިވެރިވެވަޑައިގަންނަވާ އެއްވެސް ބައްދަލުވުމެއް ވަކި އަދަދެއް ހަމަވުމުން ނޫނީ އޭނާ ބައިވެރިވެވަޑައެއް ނުގަންނަވާ ކަމަށްވެއެވެ. މިސާލަކަށް 13 މީހުންގެ ބައްދަލުވުމާއި ހަތް މީހުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޗާލްސް ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށްވެއެވެ. އޭގެބަދަލުގައި 13 މީހުންގެ ބައްދަލުވުން 12 މީހުންގެ ބައްދަލުވުމަކަށް ނޫނީ 14 މީހުންގެ ބައްދަލުވުމަކަށް ހެދުމަށް އަންގަވާ ކަމަށްވެއެވެ. އަދި ހަތް މީހުންގެ ބައްދަލުވުމެއް ހަ މީހުންގެ ބައްދަލުވުމަކަށް ހެދުމަށް ނޫނީ އަށް މީހުންގެ ބައްދަލުވުމަކަށް ހެދުމަށް އަމުރުކުރައްވާ ކަމަށްވެއެވެ. އެއީ އެއަދަދުތަކަކުގެ ސަބަބުން ރަސްކަމަށް ނޫނީ އޭނާގެ ޒާތަށް މުސީބާތެއް ކުރިމަތިވެދާނެކަމުގެ ބިރު އޮންނާތީއެވެ. ގަނޑުވަރުގެ މަސައްކަތު މީހަކު ލައިގެންވެސް ވަކި އަދަދެއް ހަމަކުރަން ޗާލްސް އަންގަވާކަމަށްވެއެވެ.
6- ޗާލްސްގެ މަންމާފުޅުކަމަށްވާ ރާނީ އެލިޒަބަތުގެ ދުވަސްވަރުގައި އޭނާއެކޭ އެއްގޮތަށް ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ކުރެއްވި ކަންކަމުގެ ޑައިރީ އެރޭގެ އަވަހާރަފުޅު ލެއްޕެވުމުގެކުރިން ލިޔެނިންމުމަށް ޗާލްސް ބޭނުންވެ އެގޮތަށް އަމަލުކުރައްވާ ކަމަށްވެއެވެ. އެންމެ ދުވަހެއްގެ ޑައިރީވެސް ނުނިންމައި އަވަހާރަފުޅު ނުލައްޕަވާ ކަމަށްވެއެވެ.

ބަކިންހަމް ޕެލަސްގެ އެތެރެ
7- ޗާލްސް އިނގިރޭސި ބަހަށްވުރެ ބޮޑަށް ލޯބި ކުރައްވާކަމަށްވަނީ ފަރަންސޭސި ބަހަށެވެ. ގޭތެރޭގައި ގިނައިން ވާހަކަ ދައްކަވާކަމަށްވެސްވަނީ ފަރަންސޭސި ބަހުންނެވެ. ފަރިއްކުޅުއްވާއިރު ތަކެތީގައި ނަންތައްވެސް ޖަހާފައި ހުންނަންޖެހޭނީ ފަރަންސޭސި ބަހުންކަމަށް އަންގަވާފައިވެއެވެ.
8- ޗާލްސްއާބެހޭ އަނެއް ހަގީގަތަކީ އޭނާއަކީ އިސްލާމް ދީނަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއްކަމެވެ. އޭނާ އިސްލާމްދީނަށް ލޯބިކުރައްވާ ކަމުގެ އަޑުތައް އޭނާގެ މަންމާފުޅު ރާނީ އެލިޒަބަތުގެ ވެރިކަމުގެ އެކި ދުވަސްތަކުގައިވެސް އަރާފައިވެއެވެ. އެންމެ އަޑުގަދަވެގެން ދިޔައީ ޗާލްސްއަކީ ސިއްރިޔާތުގައި އިސްލާމް ދީން ގަބޫލުކުރައްވައި އެކަން ފޮރުވައިގެން އުޅުއްވާކަމަށް ސައިފްރަސްގެ ތުރުކީގެ ދަރިކޮޅުގެ މުފްތީ ނާޒިމް އަލްހައްގާނީ 1996 ވަނަ އަހަރު ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް ޗާލްސް އިސްލާމްދީން ގަބޫލުކުރައްވާކަން ސާބިތުވެފައެއް ނުވެއެވެ. އަލްހައްގާނީ ވަނީ ޗާލްސް އިސްލާމް ދީން ގަބޫލުކުރައްވާ ކަމާއި ނަމަވެސް ޗާލްސް އުޅުއްވަނީ އެކަން ވަންހަނާ ކުރައްވައިގެންކަމަށް ވިދާޅުވެފައެވެ. މިވާހަކަތަކަށް ޗާލްސް ރައްދު ދެއްވާފައެއް ނުވެއެވެ.
9- ޗާލްސްއާ ބެހޭ ފޮތް ބުނާގޮތުން އޭނާއަކީ މުސްލިމެއް ނޫނެވެ. ނަމަވެސް އިސްލާމީ އުސޫލުތަކަށާއި އިސްލާމީ ޝަރީއަތަށް ލޯބިކުރައްވާ ބޭފުޅެކެވެ. ގުރުއާނަށް ލޯބި ކުރައްވައި ގުރުއާނުގެ ކޮޕީއެއް ކޮޓަރިކޮޅުގައި ބާއްވައެވެ. ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "މިޑްލްއީސްޓް އައި" ބުނެފައިވާގޮތުން ޗާލްސް ވަނީ އަރަބި ބަސް ދަސްކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައި އެކަށީގެންވާ ވަރަކަށް އަރަބި ބަސް ދަސްކުރައްވާފައެވެ. އޭނާ އެންމެ ބޮޑަށް ލޯބިކުރައްވާކަމަށްވަނީ ފަރަންސޭސި ބަހަށެވެ. ދެން އިނގިރޭސި ބަހަށެވެ، ދެން އަރަބި ބަހަށެވެ.
10- ޗާލްސް އަރަބި ބަސް ދަސްކުރެއްވީ ކީރިތި ގުރުއާން އޭގެ ހަގީގީ މާނައިގައި ފަހުމުވެވަޑައިގަތުމުގެ ބޭނުމުގައި ކަމަށާއި ޗާލްސްއަށް ރަނގަޅަށް އަރަބި އެނގިވަޑައިގަންނަވާކަން ކެމްބްރިޖްގެ މަރުކަޒީ މިސްކިތުގެ އިމާމު ވަނީ ފާހަގަ ކުރައްވާފައެވެ. ޗާލްސްއަކީ އަމިއްލަފުޅު ފައިސާއިން އޮކްސްފޯޑް ޔުނިވާސިޓީގެ އިސްލާމީ ދިރާސާތަކާބެހޭ މަރުކަޒަށް އެތައް ޚަރަދެއް ކުރައްވާ ބޭފުޅެއްކަމަށްވެއެވެ. މިހާރު ރަސްކަމުގައި ހުންނަވައިގެންވެސް އެމަރުކަޒުގެ މަސައްކަތްތައް ވަރަށް ގާތުން ޗާލްސް ބައްލަވާ ކަމަށްވެއެވެ.

ޗާލްސް 3 އޭނާގެ މަންމައާއި ބައްޕަ އަދި ދޮށީ ދަރިކަލުން ވިލިޔަމް އާއެކު
11- އިނގިރޭސިވިލާތުގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ "ވެނިޓީ ފެއާ"ގެ އެޑިޓަރު މާޓިން އާމިސް ވިދާޅުވެފައިވާގޮތުގައި، 2014 ވަނަ އަހަރު އޭނާ ޗާލްސްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކެއްގައި ޗާލްސްވަނީ ކީރިތި ރަސޫލާއަށާއި އެކެލޭގެފާނުގެ ތާހިރު އަނބި އަނބި ކަނބަލުންނަށް މަލާމާތާއި ފުރައްސާރަކުރި މައްސަލާގައި މުރުތައްދު ސަލްމާން ރުޝްދީ އަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޗާލްސްވަނީ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ އުސޫލުތަކަށް ތައުރީފް ކުރައްވައި އެކަމުން ނެގެން އޮތް ތަޖުރިބާއެއް ނެގުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
12- ޗާލްސް އާބެހޭގޮތުން ފަރަންސޭސި ލިޔުންތެރިޔާ ބެޓްރޭންޑް މެޔެރ ލިޔުއްވާފައިވާ ފޮތުގައިވާ ގޮތުން ޗާލްސްއަކީ ބަލިތައް ވަރަށް މަދުބޭފުޅެކެވެ. އަދި ރޯގާތައްޖެހުމުންވެސް ޑޮކްޓަރީ ބޭހުގެ ބަދަލުގައި އިސްކަން ދެއްވަނީ ހަކީމީ ބޭސް ތަކަށެވެ. ޗާލްސްއަކީ ބުރަކަށީގެ މައްސަލަތަކެއް (ބުރަކަށީގައި ރިއްސުމުގެ) ވަރަށް ކުޑައިރުއްސުރެ ހުންނަ ބޭފުޅެއްކަމަށްވެއެވެ. އެކަން ދިމާވީ ޗާލްސް ވަރަށް ކުޑައިރު ޕޯލޯ ކުޅެން އުޅުއްވަނިކޮށް އަހެއްގެ މަތިން ވެއްޓުމުގެ ސަބަބުން ބުރަކައްޓަށް ލިބުނު ދާއިމީ ގެއްލުމެއްގެ ސަބަބުންނެވެ. ޗާލްސްގެ ބުރަކައްޓަށް މައްސަލައެއް ދިމާވެދާނެތީ ބުރަކަށީގެ ބަލިތަކަށް ޚާއްސަ ސްޕެސަލިސްޓް ޑޮކްޓަރަކު އަބަދުވެސް ޗާލްސްއާއެކު ހުންނަވާކަމަށްވެއެވެ.
13- ޗާލްސްއާބެހޭ ފޮތުގައިވާގޮތުން އޭނާއަކީ ރަތްމަހުގެ ބަދަލުގައި އެކިބާވަތުގެ ހުދުމަސް ފަރިއްކުޅުއްވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. ކުކުޅުބިސްވެސް ވަރަށް ގިނައިން ފަރިއްކުޅުއްވާ ކަމަށްވެއެވެ. ޗާލްސް ފަރިއްކުޅުއްވާ ކުކުޅުބިސް ގެންނަ ކަމަށްވަނީ ޝާހީ އާއިލާގެ ދަނޑުތަކުގައި ޚާއްސަގޮތަކަށް ކާންދީގެން ބޮޑުކުރާ ކުކުޅުތައް އަޅާބިސްތަކުންނެވެ. ޗާލްސް ބޭނުންކުރައްވާ ކިރަކީވެސް ވެންޑްސޯ އެސްޓޭޓްގެ ދަނޑުގައި ބޮޑުކުރާ ޖޭސޭ ގެރީގެ ރޯ ކިރުކަމަށްވެއެވެ. ޗާލްސްއަށް އެންމެ މީރުކަމަށްވަނީ ފަރަންސޭސިވިލާތުގެ ޗީޒް އެވެ.
14- ޗާލްސް ދިރިއުޅުއްވަނީ އިނގިރޭސި ރަސްމީ ޝާހީ ގަނޑުވަރުކަމަށްވާ ބަކިންހަމް ޕެލަސްގައެވެ. އެގަނޑުވަރުގައި 1514 ބޮޑުދޮރާއި 760 ކުޑަދޮރު ހުރެއެވެ. މިދޮރުތައް ސާފުކުރަނީ ކޮންމެ ހަ ހަފްތާއިން އެއް ހަފްތާގައެވެ. ބަކިންހަމް ޕެލަސް އަށް އެންމެ ފުރަތަމަ ކަރަންޓް ލިބުނީ 1883 ވަނަ އަހަރުއެވެ. މިހާރު އެގަނޑުވަރުގައި 40 ހާހަށްވުރެ ގިނަ ބޮއްކާއި ހޮޅިބުރި ހުރެއެވެ. 775 ކޮޓަރި ހުރެއެވެ. އޭގެތެރެއިން 52 ކޮޓަރިއަކީ ރަސްގެފާނާއި ޝާހީ އާއިލާގެ މެންބަރުންނަށް ޚާއްސަ ކޮޓަރިތަކެވެ. 19 ކޮޓަރިއަކީ އެކިކަންކަމުގައި ބަކިންހަމް ޕެލަސްއަށް ޒިޔާރަތްކުރައްވާ އިނގިރޭސި ސަރުކާރުގެ މަސްއޫލުވެރިންނަށް ޚާއްސަ ކޮޓަރިތަކެވެ. 188 ކޮޓަރިއަކީ މުވައްޒަފުންގެ ނިދުމާއި އެނޫން ބޭނުންތަކަށް ޚާއްސަ ކޮޓަރިތަކެވެ.
15- ބަކިންހަމް ޕެލަސްގައި އޮފީސް ކޮޓަރީގެ ގޮތުގައި 92 ކޮޓަރި އާއި ޖުމްލަ 78 ފާޚާނާ ހުރެއެވެ. އަދި ރަސްގެފާނާއި ޝާހީ އާއިލާއަށް ޚާއްސަ ފަތާފެންގަނޑެއް އޮވެއެވެ. ޕޯސްޓް އޮފީހަކާއި ސިނަމާއަކާއި ފައިސާ ނެގުމަށް ޚާއްސަ އޭޓީއެމް މެޝީންތައް ބަހައްޓާ ކޮޓަރިއަކާއި އެކިއެކި ކަންކަން ކުރުމަށް ޚާއްސަ އޮފީސް އެކުވެންޏެއް ހުރެއެވެ. ހާހަކަށްވުރެ ގިނަ މުވައްޒަފުން އެގަނޑުވަރުގައި މަސައްކަތް ކުރެއެވެ.
16- ބަކިންހަމް ޕެލަސް އެންމެ ފުރަތަމަ ބިނާކޮށްފައިވަނީ 77 ހާސް އަކަމީޓަރުގެ ބޮޑު ބިމެއްގައި 1761 ވަނައަހަރުއެވެ. އެއަށްފަހު އެކި ތާރީޚުތަކުގައި އެތަނަށް ބައިތައް އިތުރުކޮށް މަރާމާތުތައް ކޮށްފައިވެއެވެ. ބަކިންހަމް ޕެލަސްގައި 16 ހެކްޓަރުގެ ބޮޑު ބަގީޗާއަކާއި ހެލިކޮޕްޓަރު ޖައްސާ ހެލިޕޭޑްއަކާއި ކުޑަ ލޭކް (ކަނޑެއް) އަކާއި ޓެނިސް ކޯޓެއް އޮވެއެވެ. އެތަނުގެ ބަގީޗާގައި ހާހަކަށްވުރެ ގިނަ ބާވަތްތަކުގެ ގަސްގަހާގެއްސާއި 350 ބާވަތުގެ މައު ހުރެއެވެ.
17- ޗާލްސްއާބެހޭ ފޮތުގައިވާގޮތުން އޭނާއަކީ ދުވަހަކުވެސް ސިނގިރޭޓް ފަދަ ދުންފަތުގެ އެއްވެސް ބާވަތެއް އިސްތިއުމާލު ކުރެއްވި ބޭފުޅެއް ނޫނެވެ. ޗާލްސް ހުންނަވާ ހިސާބެއްގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުންވަނީ މަނާކޮށްފައެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ޗާލްސްގެ ކައިރީގައި ހުންނަވައިގެން ކިޔުބާގެ އެންމެ މޮޅު ދުންފަތް ހިމެނޭ ސުއްޓާއެއް ބައްލަވާފައެވެ. ޗާލްސް މިކަން މަނާކުރައްވާފައެއް ނުވެއެވެ.