24 Apr 2012, 16:12
މިއަހަރުގެ ދިރާގް ދިވެހި ލީގުގެ މެޗްތައް ކުޅޭ ޝެޑިއުލް ރޭވިފައި ވަނީ ވަރަށް ދޯދިޔާކޮން ކަމަށް ފުރަތަމަ ޑިވިޝަނުގެ ބައެއް ކުލަބުތަކުން ބުނެފި އެވެ.
ސަން މީޑިއާ ގްރޫޕްގެ ސަންއެފްއެމް ރޭޑިއޯ ޗެނަލްއިން ގެނެސްދޭ "ސަން އެފްއެމް ކުޅިވަރު ޕްރޮގްރާމުގައި" ރޭ ވާހަކަ ދައްކަމުން ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ، ރާއްޖޭގައި ކުޅެވޭ އެންމެ ބޮޑު ލީގު ކަމުގައިވާ ދިރާގު ދިވެހި ލީގުގެ މެޗްތަކުގެ ޝެޑިއުލް ރޭވުމުގައި އެފްއޭއެމް އިން ދުރާލާ ނުވިސްނާ ކަމަށާއި އެކަން ކުރަނީ ވަރަށް ދޯދިޔާ ސިޔާސަތެއްގެ ދަށުން ކަމަށެވެ.
"ސެޑިއުލް ރޭވުމާއި އެނޫން އެހެން ކަންކަން ކުރުމުގައި އެފްއޭއެމް އަންނަނީ ވަރަށް ދޯދިޔާކޮށް. ދުރާލާ ކަމެއް ރާވާނަމަ ބޮޑު ލީގެއް ކުޅެން ތިން މަސް ނުވަތަ ހަތަރު މަސް ލީގު ނިންމާލާގޮތަށް އޮވެގެނެއް ނުވާނެ." ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، އަށް ޓީމް ވާދަކުރާ ލީގަކަށް ވާނަމަ، މަދުވެގެން ލީގް އަށް މަސް ދުވަހަށް ބެހިގެން ދިއުމަކީ ރަނގަޅު ކަމެއް ކަމުގައި ފެންނަ ކަމަށެވެ. އަދި މިކަންކަން ކުރުމުގައި ބޭރުގެ ބޮޑެތި ލީގުތައް ކުރިއަށްދާގޮތް އެފްއޭއެމްއިން ބަލާފައި ނުވާކަމަށް ވެސް ސުޒޭން ވަނީ ފަހަގަ ކުރައްވާފައެވެ.
"އެއް ކުލަބް އަނެއް ކުލަބުން ވެސް މިކަމާމެދު މަޝްވަރާ ކުރަން ވެއްޖެ. ލީގުވެސް ކުޅޭނެ ނުކުޅޭނެ ގޮތެއް ނޭނގިގެން މިހާރު މިދަނީ. މިގޮތައް ކުޅެގެން ކާމިޔާބީއެއް ލިބޭނެކަމަކަށް ނުބެލެވޭ. އަދި ލީގް ފޯރިގަދަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އޭގެ އެއްވެސް ތަފާސް ހިސާބެއް ވެސް ނުހުންނާނެ." ސުޒޭން ބުންޏެވެ.
އަދި މީގެއިތުރުން ރޭގެ "ސަންއެފްއެމް" ކުޅިވަރު ޕޮރޮގްރާމްގައި ބައިވެރިވި އޭވައިއެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ވެސް ވަނީ މިފަހަރަރުގެ ޝެޑިއުލްރޭވިފައިވާ ގޮތާމެދު، ސުޒޭން ދެއްކި ވާހަކައަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.
އާތީ ބުނީ، ޝެޑިއުލް ރޭވިފައިވާގޮތުން އޭގެ އަސަރު ކުދި ކުލަބްތަކަށް ކުރާނެ ކަމަށާއި އެކަން އެގޮތަށް ވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ، ވާހަކަ ދައްކާފައެވެ. އަދި ވީބީގެ މެނޭޖަރު ސަތޯ ވެސް ވަނީ ސުޒޭންގެ ވާހަކަ އަށް ތާއީދު ކޮށް ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކާފައެވެ.
ދިރާގް ދިވެހި ލީގުގެ ފުޓްބޯޅަ މުބާރާތް މިމަހުގެ 18 ވަނަ ދުވަހު ވީބީ އައްޑޫއެފްސީ އާއި ނިއުރޭޑިއަނޓުގެ މެޗުން ފަށާފައި ވާއިރު، ލީގް ކުރިއަށް ގެންދިއުމަށް އެފްއޭއެމްއިން ޝެޑިއުލް ކޮށްފައި ވަނީ ތިން ބުރަކަށް ބަހައިލައިގެންނެވެ.
އެގޮތުން މުބާރާތުގެ ތިން ވަނަ ބުރަށް ކޮލިފައި ވާނީ އެންމެ ގަދަ ހަ ޓީމެވެ. އަދި އެންމެ ދަށް ދެ ޓީމް މުބާރާތުން އަލްވަދާއު ކިޔަން ޖެހޭއިރު، އެ ދެޓީމް ޖެހޭނީ ރެލިގޭޝަން ކުޅޭށެވެ.
ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ޖުމްލަ 28 މެޗް ކުޅޭއިރު، ދެ ވަނަ ބުރުގައި ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ 28 މެޗް ކުޅޭ ގޮތަށެވެ. އަދި ތިން ވަނަ ބުރުގައި ކުޅުމަށް ހަމަޖެހިފައި ވަނީ 15 މެޗެވެ.
މިއަހަރުގެ ދިރާގް ދިވެހި ލީގުގެ ހުރިހާ މެޗެއް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހި ފައިވާއިރު، މިދިޔަ އަހަރުގެ ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ވީބީ އެވެ.