01 May 2023, 15:47
މި ސަރުކާރުގައި ވަޒީފާގެ ބިރުވެރިކަން މުޅިން ނައްތާލެވިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީއަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ގޮވާލައި, އަދި އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވުނު އެ ޕާޓީގެ އެންމެ ފުރަތަމަ ސަރުކާރުގައި ވެސް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ހައްގުތައް ކަށަވަރުކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކުރެވުނު ކަމަށް އެމްޑީޕީން ބުންޏެވެ.
އޭގެ ފަހުން 2018 ގައި އިންތިޚާބު ކުރެވުނު އެ ޕާޓީގެ ދެވަނަ ސަރުކާރުގައި ވެސް މަސައްކަތްތެރިންނަށް ކުރިއަށްވުރެ ހައްގުތައް ފުޅާކުރެވި, އެ ހައްގުތައް ނަގަހައްޓާނެކަން ދިވެހި ރައްޔިތުން ޔަގީންކުރާ ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ބުނީ ވަޒީފާއަދާކުރާ ތަނުން އެއްވެސް މުވައްޒަފަކާ މެދު އަޅާ ފިޔަވަޅެއް، ކަމާ ބެހޭ މުއައްސަސާއަށް އެއްވެސް ބިރެއް ނެތި ހުށަހެޅުމުގެ ފުރުސަތު މިއަދު މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.
"އެ މައްސަލައެއް އެ މުވައްޒަފަކު ހުށަހެޅީތީ މަސައްކަތު މާހައުލުގައި ބިރު ދެއްކުމެއް ނެތި މައްސަލަތައް ބަލައި ނިމި އިންސާފު ލިބިގެންދާނެކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް،" އެމްޑީޕީން ބުންޏެވެ.
މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ކުޑަކުރުމާއި މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލު ގެނައުމަށް ފަށާފައިވާ ސަރުކާރުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ އަދި ސޯޝަލް ސާވިސް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނެވިފައިވާކަން ވެސް އެ ޕާޓީން ފާހަގަކުރެއެވެ.
މީގެ އިތުރުން, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެގޮތުން, ގާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބޭނެ ގޮތް ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަން އެ ޕާޓީން ފާހަގަކުރެއެވެ. އަދި، ވިހެއުމާއި ގުޅިގެން މައިންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް އަދި ދަރިފުޅުގެ ބައްޕައަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ލިބުން ފަދަ އެތައް ސިޔާސަތުތަކެއް ތަންފީޒު ކުރެފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެ ޕާޓީން ބުނީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރިއަށް ދާ ކަމަށެވެ. އަދި، ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރަންސްގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ބުނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދިވެހި މަސައްކަތްތެރިން ބަލައިގަންނަ ފިޔަވަޅު ތަކެއް ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްތެރިންގެ ހައްގުގައި ހަރުދަނާ އީޖާބީ ފިޔަވަޅުތަކެއް ރައީސް ޞާލިހު އަޅުއްވާ ނެކަމަށް ގަބޫލުކުރާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.