24 Apr 2012, 15:37
އެސްޓީއޯ އިން މެރީޑިއަމް ސާވިސަސް އާ ދެކޮޅަށް ކުރި 19.3 މިލިއަން ރުފިޔާގެ ދައުވާ އެސްޓީއޯގެ އެދުމުގެ މަތިން ކޯޓުން ބޭރުކުރިޔަސް އެ ދައުވާ އަލުން ކޯޓަށް ވައްދަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހިއްސާވާ މެރީޑިއަމްގެ މައްޗަށް ކުރި އެ ދައުވާ މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ބޭރުކުރީ އެސްޓީއޯގެ ބޯޑުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ނުކޮށް އޮތުމުން އެބައި ފުރިހަމަ ކުރަން ކަމަށް ބުނެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓުން ބޭރުވީ އެ މައްސަލަ ފަސް ކޮށްދިނުމަށް އެދި ސިވިލްކޯޓަށް ފޮނުވި ސިޓީގައި "ބާތިލްކޮށްދިނުމަށް"، އެ އިބާރާތް ބޭނުން ކުރެވިގެން ކަމަށާއި އެއީ އޮޅުމެއް ކަމަށެވެ.
"އެމައްސަލަ ބޭރު ކުރެވުނީ އެމައްސަލަ ފަސްކޮއްދިނުމަށް އެދި ފޮނުވި ސިޓީގައި އޮޅުމަކުން ބާތިލްކޮށް ދިނުމަށް އެދެވުމުން. އިރާދަކުރެއްވިޔާ މި ހަފްތާގެ ތެރޭގައި އެ މައްސަލަ އަލުން ކޯޓަށް ލާނަން" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވެސް މިއަދު ވިދާޅުވީ އެ މައްސަލަ ފަސްކުރަން ކޯޓުގައި އެދުނީ އެ މައްސަލައާ ގުޅޭގޮތުން ބޯޑުން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމާ އެކު ބޯޑު ފުރިހަމަ ނުވެ އެކަންތައްތައް ބެލެން ނެތިގެން ކަމަށެވެ.
އެސްޓީއޯ އިން މެރީޑިއަމްގެ މައްޗަށް ދައުވާ ކުރަނީ މެރީޑިއަމް އިން އެސްޓީއޯ އިން ކްރެޑިޓަށް ނަގާފައިވާ ތެލަށް ދައްކަން ޖެހޭ ފައިސާ އާއި ފައިސާ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއަށް ފައިސާއާ އެކު ޖުމްލަ 19.3 މިލިއަން ރުފިޔާ ހޯދުމަށް ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން މެރީޑިއަމްގެ މެނޭޖިންޑައިރެކްޓަރު ރިޔާޒު ރަޝީދަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.