01 May 2023, 11:39
މީހުން ހައްޖަށް ގެންދަން މި އަހަރު ހުއްދަ ދީފައިވާ ޖަމާއަތްތަކުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ ބޮޑެތި އަގުތައް ނަގާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން، ހައްޖު ކޯޕުރޭޝަނުގެ އިތުރުން، ތިން ކުންފުންޏަކަށް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. އެއީ،
އަލްހަރަމައިން (75،465 ރުފިޔާ)
ސިސިލްފަރު (75،250 ރުފިޔާ)
އަލްމަނާސިކް (75،000 ރުފިޔާ)
ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިވާ ތިން ޖަމާއަތަށް ވެސް މިނިސްޓްރީން ހުއްދަދީފައިވަނީ 76،000އަށް ވުރެ ބޮޑު ނުވާ އަގެއްގައެވެ. އެއިން ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 90 ކޯޓާއެވެ. ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ބާކީ ދޫކުރީ ހައްޖު ކޯޕަރޭޝަނަށެވެ.
އެކަމަކު، ހައްޖު ކޯޕަރޭޝަނަށް މިހާރު ވެސް ގިނަ އަދަދެއްގެ މީހުން ފައިސާ ދައްކާފައިވުމާ އެކު ސަރުކާރުގެ 100އިންސައްތަ ހިއްސާ އޮންނަ އެ ކުންފުނިން ހައްޖަށް ދާން އަހަރުތަކެއް މަޑު ކުރަން ޖެހެއެވެ. އެހެންވެ، އަވަހަށް ހައްޖަށް ދެވެން އޮންނަނީ އަމިއްލަ މީހުންގެ ޖަމާއަތްތަކުންނެވެ.
ހައްޖަށް ދާން އަމިއްލަ ޖަމާއަތްތަކަށް ފައިސާ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ބައެއް ޖަމާއަތްތަކުން އަންނަނީ ހުއްދަދީފައިވާ އަގަށް ވުރެ ބޮޑެތި އަގުތައް ނަގަމުންނެވެ.
"ސަން"އާ ވާހަކަދެއްކި އާންމުންގެ މީހަކު ކިޔައިދިން ގޮތުގައި އޭނާ އައީ ހައްޖަށް ދާން ޖާގަ ހޯދަން ދުރާލާ ގުރޫޕުތަކަކާ ވާހަކަދައްކަމުންނެވެ. ނަމަވެސް، ފަހު ވަގުތު ވަނީ ހައްޖަށް ގެންދާ އަގުތައް 100،000 ރުފިޔާއަށް ވުރެ މައްޗަށް އުފުލާލައިފައެވެ.
"ފަހުން ގުޅީމައި ބުނީ، 150،000 އަށްށޭ މިހާރު މީހަކު ގެންގޮސްދެވޭނީ، ދެގުނައަށް އަގުތައް ހިތްލައިލީ،" އެ މީހާ ބުންޏެވެ.
އެ ޖަމާއަތްތަކުން ބުނާ ގޮތުގައި ބޮޑު އަގު ނަގަން ޖެހެނީ ކޯޓާ ލިބޭނެކަން ކުރިން ޔަގީން ނުވާތީއެވެ. ފަހު ވަގުތު، ހޮޓާތަކާއި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސަން ޖެހުމުން އެ ކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ބުނެއެވެ.
އެކަމަކު، ބިޑްތައް ބާތިލްކޮށް އަލުން ހުޅުވާލި އިރު، އަގުގެ ގޮތުގައި 75،000 ރުފިޔާއާއި 95،000 ރުފިޔާއާ ދެމެދުގެ އަގެއް ހުށަހެޅުނު ފުރުސަތު ވަނީ ދީފައެވެ. އެހެންވެ، ޚަރަދުތަކަށް ބަލައި އަގު ބޮޑު ކުރުމުގެ ފުރުސަތު ވެސް ޖަމާތްތަކަށް ވަނީ ލިބިފައެވެ.
މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މިއީ ކޮންމެ އަހަރަކު ވެސް އަމިއްލަ ޖަމާއަތްތަކުން ގަވާއިދާ ހިލާފަށް ކުރާ ކަންކަމެވެ. އެކަން ނުހުއްޓުވެއެވެ.