01 May 2023, 10:22
ސަރުކާރުން މިހާރު ފަށައިފައިވާ ޕޭ ހާމަނައިޒޭޝަން މަސައްކަތަކީ ރާއްޖޭގެ ތާރީޚުގައި ވެސް ސިވިލް ސާވިސްގެ މުސާރަތަކަށް ނިސްބަތުން މިހާބޮޑު ބަދަލެއް އަންނަ ފުރަތަމަ ފަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ރައީސް މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން މިއަދު ތަންފީޒު ކުރަމުން އަންނަ އެންމެ މުހިންމު ސިޔާސަތަކީ، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.
ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން އަޅުގަނޑު ފާހަގަކުރަން. އަދި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ، މިހާރު ވެސް މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަނީ ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުން ކަމަށެވެ. އަދި ދޭސީންނާއި ބިދޭސީން ފަރަގުކުރުމެއް ނެތި، ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދެނީ، އެއިން ކޮންމެ މީހަކުވެސް އެ އަދާކުރަނީ ތަރައްގީގެ ވަރަށް މުހިންމު ދައުރެއްކަން ގަބޫލުކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ ހަތަރު އަހަރެއްހާ ދުވަހަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ހައްގުގައި، ދިވެހި ސަރުކާރުގެ ފަރާތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ވިހެއުމާ ގުޅިގެން މަންމައަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް، އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް، ސަރުކާރުން ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅީ 2021 ވަނަ އަހަރުކަަމަށް ވެސް ވިދާޅުވިއެވެ.
ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ހައްގު ވެސް، އެމީހުންގެ އިންސާނީ ކަރާމާތާއި، ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ލިބިދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.